އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ބާއްވާ ބޮކިބޯޅަ މުބާރާތެއް ބާއްްވަން މިއަދު އިއުލާން ކޮށްފިއެވެ. އެއިއުލާނާއެކު އެކުންފުނީން ވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން ރެޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ ބޮކިބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރ ފުޓްބޯޅައެއް ކަމަށް އުރީދޫ މޯލްޑިވްސްއިން ވަނީ ބުނެފައެވެ. މި މުބާރާތް އިންތިޒާމްކޮށްފާވަނީ އުރީދޫ ގެ ބްރޭންޑް އެމްބަސަޑަރ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ ގުޅިގެންނެވެ.

ބަމްޕަރ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދުމަށް ކޯޕަރޭޓްތަކަށް މިހާރު އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރ ވެވޭނެއެވެ. ރެޖިސްޓަރ ވުމަށް http://ore.do/bokiboalha ޒިޔާރާތްކުރައްވާށެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 6 އޭޕްރީލް އިން 8 އޭޕްރިލް 2023 އަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރަންޖެހެއެވެ.

މުބާރާތުން މޮޅުވާ ޓީމްތަކަށް އަގުހުރު ޚާއްސަ އިނާމުތަކެއްވެސް ވަނީ ދޭގޮތަށް ހަމަޖެހިފައެވެ. އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ 12 ޓީމަށެވެ. އެ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ. 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ ޓީމުތައް ހޮވާނީ ގުރުއަތުންނެވެ. ކޮންމެ ޓީމެއްގައި 8 ކުޅުންތެރިންނާއި ގިނަވެގެން 3 އޮފިޝަލުން ތިބެންޖެހެއެވެ. މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިން ބޭނުންވާނެ އެވެ.

މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާނެއެވެ. މެޗުގެ ތެރެއިން ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރަމަޟާން މަހު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް އިވެންޓް ކަމަށްވާ އުރީދޫ މަސްރޭސް ބާއްވާފައެވެ. އެހެންނަމަވެސް ކަސްޓަމަރުނާއި ބައިވެރިންގެ އަގުހުރި ފީޑްބެކްގެ މައްޗަށް ބިނާކޮށް މަސްރޭސް މިއަހަރުގެ ރަމަޟާން މަހަށްފަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މަސްރޭހުގެ އާ ތާރީހުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.

އުރީދޫ މޯލްޑިވްސް އަދި މާޒިޔާއިން އުރީދޫ ބޮކިބޯޅަ އަކީ ބައިވެރިންނަށް ތަފާތު އަދި މަޖާ މުބާރާތަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވައެވެ. ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުޅިން އާ ގޮތަކަށް ކުޅެލުމަށް އުރީދޫ ބޮކިބޯޅަ މުބާރާތުގައި އަވަހަށް ރެޖިސްޓަރ ވުމަށް އުރީދިން ވަނީ އެދިފައެވެ.