މިއަދުގެ މައިންބަފައިން، ކީރިތި ރަސޫލާ ﷺ ދަރިންނާ މުޢާމަލާތުކުރެއްވި ގޮތް ދަސްކޮށް އެގޮތަށް ދަރިންނާމެދު އަމަލުކުރަން ޖެހޭކަމަށް އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވެއްޖެއެވެ.

އައްޝައިޚް މުޙައްމަދު މޫސާ މިހެން ވިދާޅުވީ ޅ. ނައިފަރުގައި ބޭއްވި އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ ''ލޮބުވެތި ނަބިއްޔާ ﷺ ކުޑަކުދިންނާއެކު'' މި މައުޟޫޢަށް ނައިފަރުގައި ތަޤްރީރުކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި އައްޝައިޚް މުޙައްމަދު މޫސާކަމަށެވެ.

މީގެއިތުރުން، މި ފޯރަމްގައި ތަޤްރީރު ކުރައްވަމުން އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވީ މިއަދު މި މުޖުތަމަޢުއިން ގެއްލިފައިވަނީ ރަސޫލާ ﷺ އޭރުގެ ކުޑަކުދިންނަށް ދެއްވާފައިވާ ރިވެތި އަޚްލާޤާއި ސުލޫކާއި އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތްކަމަށެވެ. އަދި މިފަދަ ދުވަހެއް ދިމާވެދާނެތީ އެކަމަކަށް ރަސޫލާ ﷺ އަމުރުކުރެއްވިކަންތައްކަމަށާއި މިއަދު މި މުޖުތަމަޢުއިން ފެންނަ ނޭދެވޭ ކަންކަމަކީ އަޅުގަނޑުމެން، ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަންތައްތަކަށް އިޙްމާލްވުމުން ދިމާވެފައިވާ ހިތާމަވެރި ކަންކަންކަމަށާއި އަދި މިއަދުގެ މައިންބަފައިން ރަސޫލާ ﷺ ކުޑަކުދިންނާއި މުޢާމަލާތުކުރެއްވި ގޮތް ދިރާސާކޮށް އެގޮތްތައް ދަސްކޮށް އެގޮތަށް ޢަމަލުކުރަންޖެހޭކަމަށްވެސް ޝަހިޙް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލްއުސްތާޛް މުޙައްމަދު އަނީލްވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި އެކިއެކި ޙާދިސާތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާލައްވާ ރަސޫލާ ﷺގެ ޒަމާނުގައި ކުޑަކުދިން އެކަލޭގެފާނުދެކެ އިންތިހާއަށް ލޯބިވާކަމަށާއި އެއީ އެކަލޭގެފާނު ކުޑަކުދިންނާ މުޚާތަބްކުރެއްވި ރިވެތި އުސޫލުތަކާއި ބެހެއްޓެވި އޯގާތެރިކަމުންކަމަށް ވިދާޅުވެފައެވެ. އަދި ކުޑަކުދިންނާ ރިވެތިގޮތުގައި މުޢާމަލާތުކުރެއްވުމަށް ރަސޫލާ ﷺ އަންގަވާފައިވާކަމަށާއި އަދި ރަސޫލާ ﷺގެ ހަދީޘްތަކަށް ބައްލަވާލައްވަމުން ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވީ ބޮޑެތިމީހުންނަށް އިޙްތިރާމް އަދާނުކުރާ އަދި ކުޑަކުދިންނަށް އޯގާތެރިނުވާ މީހަކީ މުސްލިމުންގެތެރެއިންވާ މީހެއް ނޫންކަމަށެވެ.

މި ފޯރަމްގައި ދެ ބޭފުޅުންވެސް ވަނީ ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން މުހިންމު މިސާލުތައް ނަންގަވައި، ކުޑަކުދިންނާ މުޚާތަބްކުރެއްވި ގޮތާއި، ކުޑަކުދިން ތަރުބިއްޔަތުކުރެއްވުމަށް ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދުތަކާއި ބޮޑެތިމީހުން ކުޑަކުދިންނަށް އޯގާތެރިވާންވީގޮތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅާއި މިކަންކަމަށް ވަރަށް ތަފްސީލުކޮށްވެސް ބައްލަވާލައްވާފައެވެ.

އަތޮޅުތެރޭގައި ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ޅ. ނައިފަރުގެ އިޙްޔާ ފޯރަމަށްފަހު ދެން އެންމެ އަވަހަށް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ އިހްޔާ ފޯރަމެވެ.