ރައީސް އޮފީހުގެެ މިނިސްޓަރ މުހައްމަދު ޝިފާޒު އެމަގާމުން މިއަދު ވަކޮށްފިިއެވެ. ޝިފާޒަކީ އެމްޑީޕީގެ ނާއިބު ރައީސް އަދި އެޕާޓީގެ ގައުމީ މަަޖިލިސްގެ ވެސް މެމްބަރެކެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ކަމުގެ މަގާމުން ޝިފާޒު ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ކަށަވަރު ކޮށްދިފައެވެ. އެހެންނަމަވެސް ޝިފާޒު ވިދާޅުވީ މަގާމުން ވަކިކުރެއްވި ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވެރިކަން ލިބިވަޑައިގެން އެންމެ ފުރަތަމަ މަގާމުތައް ދެއްވި ބޭފުޅުންގެ ތެރޭގައި ޝިފާޒު ހިމެނިވަޑައިގަންނަވައެވެ. ޝިފާޒަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވީ 2018 ވަނަ އަހަރު ނޮވެމްބަރު 22 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ޝިފާޒު މަގާމުން ވަކިކުރުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސާލިހުވަނީ ރައީސް އޮފީހުގައި ދެތިންދުވަސް މަތިން ޝިފާޒާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. އެހެންނަމަވެސް ދެއްކެވީ ކޮންވާހަކަތަކެއް ކަމެެއް އެނގިފައެއް ނުވެއެވެ. ޝިފާޒު މަގާމުން ވަކުކުރެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

ފެންނަފެނުމަށް ރައީސް ސާލިހުން މިގޮތަށް ނިންމެެވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެގެންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހާއި ރައީސް ނަޝީދު ވާދަކުރެއްވި ދުވަސްވަރު ޝިފާޒު ތާއީދު ކުރެއްވީ ރައީސް ނަޝީދަށެވެ. ކެންޕޭން ކޮށްދެއްވީ ވެސް އެމަނިކުފާނަށެވެ. ރިޔާސީ ޕްރައިމަރީ ރައީސް ސާލިހު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނުގެ ފަހަތްޕުޅަށް ރައީސް ނަޝީދާއި ޝިފާޒު ފަދަ ބޭފުޅުން އަރުއްވާނޭ ކަމަށް އުންމީދު ކުރެވުނެެވެ. ސީދާ ރައީސް ސާލިހުވެެސް އެބޭފުޅުންނަށް ދައުވަތު ދެއްވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވަޑަައިގެންނެވީ "ފިކުރެއްގެ ދިރުން" ހިއްޕަވައިގެން ރައީސް ސާލިހާ ފެއަށެވެ.