ރޯދައިގެ ސަބަބުން ރޯދައަށް ހުންނަމީހާގެ އަނގައިން ނުކުންނަ ވަހަކީ ނުރުހުންތެރި ވެގެން ވާނެ އެއްޗެއް ނޫނެވެ. އެހެނީ އެއީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުން އަންނަ އެއްޗެކެވެ. އަދި އެއީ ﷲ عز وجل ލޯބިވެވޮޑިގެންވާ ކަމެކެވެ. ޙަދީޘްގައިވެއެވެ.

«وَلَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ المِسْكِ» [رواه البخاري (5927) ومسلم (161 – (1151))]

މާނައީ: "އަދި ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރު ވަހެކެވެ."

އެހެންނަމަވެސް މީގެ މާނައަކީ އެވަސް ގޮމަކަސްތޫރިގެ ވަހޭ ބުނެ ހެނދުނު ހޭލާފައި އަނގަ ދޮވެ ދަތް އުނގުޅައިލާ ގޮތަށް ދެން އެގޮތަށް ހުރުމެއް ނޫނެވެ.

ރޯދަވެރިޔާ ދަތް އުނގުޅުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ބައެއް ފަހަރު ބައެއް މީހުން މިކަމާ މެދު "ރޯދައަށް ހުރެގެން މެންދުރުފަސްވުމުން ދަތްއުނގުޅުމަކީ ރޯދަ މަކުރޫހަ ވާ ކަމެކެވެ. އެއީ ރޯދަ ވަރުބަލިކަން ފިިލުވައިލުމަށް ކުރާ ކަމެކެވެ. މެންދުރު ފަސްވުމުން ފެންވެރުންވެސް ރަނގަޅެއް ނޫނެވެ." މިފަދަ ވާހަކަތަކަކީ އިހުގައި ދެކެވެމުން އައިސްފައިވާ ފާޑުފާޑުގެ އާދަކާދަ ވާހަކަތަކެވެ.

ހަގީގަތަކީ ކޮންމެ ނަމާދަކަށްވެސް ކެރިކުޅަދާނަވެގެންވާ މީހާ ގައިދޮވެލުން، މާނައަކީ ފެންވަރާ ތާހިރުވުމާއި ދަތްތަކާއި އަނގަ ސާފުކޮށް ދޮވެލުމަކީ ކަމުގައި އޮތް އެންމެ ރިވެތި ގޮތްކަން އަމިއްލައަށް ބުއްދިން ވިސްނާލުމުންވެސް އެނގޭނެއެވެ. ރޯދަ ގެއްލޭފަދަ ބާތިލުވާފަދަ ކަމެއް ނުވާހާ ހިނދަކު ރޯދަ ނުގެއްލޭނެއެވެ. ދެން އޮތީ ރޯދަ މަކްރޫހަ ވުމުގެ ވާހަަކައެވެ. ދުވާލުގެ ބޮޑުބައިގައި ނިދުމާއި ކޮންމެ ނަމާދަކަށް ތެދުވެފައި އަނެއްކާވެސް ނިދުމާއި މިފަދަ ކަންތައްތަކަކީ ރޯދައިގެ ސަވާބާއި ދަރުމަ ކުޑަކޮށްލާ ކަންތައްތަކަކަށް ވިޔަސް ސާފު ތާހިރުވުމުގެ ނިޔަތުގައި ކުރާ ކަމަކުން ރޯދައަކަށް އުނިކަމެއް ނެތެވެ.

ކަރުތެރެއަށް ވާޞިލު ނުވާހާ ހިނދަކު ރޯދަވެރިޔާ އޭނާގެ އަނގަތެރެ ސާފުކޮށް މީރުވަސް ދުއްވުމަށް އެއްޗެއް ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. އެއިން ބާކީހުރި އެއްޗެއް ކުޅުޖަހައިގެން ބޭރުކުރަންވާނެއެވެ. ނުވަތަ އަނގަތެރެ ދޮވެގެން ސާފުކުރަންވާނެއެވެ.

ޝައިޚް ޞާލިޙު އަލްފައުޒާން حفظه الله ގެ އަރިހުގައި ސުވާލު ދެންނެވުނެވެ.

ސްޕްރޭއެއް ގޮތަށް ހުންނަ އަނގަތެރޭގައި މީރުވަސް ދުއްވާ އެއްޗެއް ބޭސްފިހާރަތަކުގައި ހުރެއެވެ. ރޯދައަށްހުރެ ދުވާލު ގަޑީގައި، އަނގައިން ވަސް ފިލުވުމަށް އެފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވާނެ ހެއްޔެވެ؟

ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.

"ރޯދައަށް ހުރެ ސްޕްރޭއެއް ބޭނުންކުރުމަށްވުރެ، ސިވާކު ބޭނުންކުރުން އެދެވިގެންވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ބާރުއަޅުއްވާފައިވާ ކަމެކެވެ. ސްޕްރޭއެއް ބޭނުންކުރާނަމަ، އެއިން އެއްވެސް އެއްޗެއް ކަރުތެރެއަށް ނުދާކަމުގައިވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ."