ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނަވަނިކޮށް އިއްޔެ މަގާމުން ވަކިކުރައްވައިފައިވ އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒަށް ހިތްވަރު ދެއްވައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓުވީޓު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ޝިފާޒަށް ދަންނަވާފައިވަނީ އެއްގޮތަށް ވެސް ކަންބޮޑުވެ ވަޑައިނުގެންނެވުމަށެވެ. މުސްތަގުބަލް އޮތީ އުޖާލާކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. "ޝިފާޒަށްވުރެ ބޮޑަށް މިސަރުކާރު ގެނައުމަށް ގުރުބާންވީ ވަކި އެހެން މީހެއްވެސް ނުހުންނާނެ. ﷲ އިރާދަފުޅުން މުސްތަގުބަލް އޮތީ އުޖާލާކޮށް،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޝިފާޒު މަގާމުން ވަކިކުރެއްވީ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ތައާރަފް ކުރުމަށް ގުރައިދޫގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ބައިވެރިވެ ވަޑައިިގެންނެވުމަށް އެރަށަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނަވަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.