މިއަހަރު ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމް ވާދަކު ރައްވަނީ ރައްޔިތުންނަށް ބާއްޖަވެރިކަން ހޯދައިދީ ދިވެހި ތާރީޚަށް ރަން ޞަފުޙާތަކެއް ހަދިޔާ ކުރައްވަން ކަމަށް ޖޭޕީގެ ޑެޕިޔުޓީ ލީޑަރ އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

އިޤްބާލް ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މާތް الله ގެ ނަޞްރާ ނަޞީބަށްއެދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ޢަޒުމުގައި qasim2023 ގައި ވާދަކުރައްވަނީ ރައްޔިތުންނަށް ބާއްޖަވެރިކަން ހޯދައިދީ ދިވެހި ތާރީޚަށް ރަން ޞަފްޙާތަކެއް ހަދިޔާކުރުމަށް،" ކަމަށެވެ.

ޖުމްހޫރީޕާޓީއަކީ އެމްޑީޕީ އިސްވެއޮވެ އެކުލަވާލައިފައިވާ ކޯލިޝަން ސަރުކާރުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައިވެސް އެމްޑީޕީއާ ގުޅިގެން ކުރިއަށް ވަޑައިގެންނެވުމަށް އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ޖޭޕީއަށް ވަނީ ސިޓީއެއް ވެސް ފޮނުއްވައިފައެވެ. އެހެންނަމަވެސް އެޕާޓީއިން މިހާތަނަށް އެސިޓީއަށް ރަސްމީ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ޖޭޕީން މަސައްކަތްކުރައްވަނީ އެޕާޓީ އިސްވެއޮވެ އެކުލަވާލާ ކޯލިޝަނަކުން ވެރިކަމަށް އައުމަށެވެ. އެގޮތުން އެޕާޓީން ގެންދަވަނީ އެކި ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ. އެޕާޓީން ވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާ ވެސް މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކަށްފަހު ނިންމާފައިވަނީ ދެ ފަރާތް ގުޅިވަޑައިގެން މެނިފެސްޓޯއެއް އެކުލަވާލުމަށެވެ.