މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރާނޭ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ނިންމަވައި އެކަމަށް ކުރިމަތިލައްވައިފިއެވެ.

އެކަމަށް ކުރިމަތި ލައްވައި އެމަނިކުފާނު ޖޭޕީގެ ސެކްރެޓަރީޖެނެރަލް ޢަލީ އާރިފަށް މިއަދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ރިޔާސީ އިންޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައިފައިވާ މުއްދަތުގެ އެންމެ ފަހުވަގުތާ ހަމައަށް ވެސް އެޕާޓީން އެހެން ބޭފުޅަކު ކުރިމަތި ލައްވައިފައި ނުވާކަމަށެވެ. އެހެނަސް ޖޭޕީއަކީ އެ މަޤާމަށް ޝަރުތު ހަމަވާ އެތައް ބޭފުޅުން ތިއްބެވި ޕާޓީއެއް ކަމަށް ވެސް ޤާސިމް ވިދާޅުވެފައިވެއެވެ.

"ރިޔާސީ ކެންޑިޑޭޓެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައްބޭފުޅުނެއް ޕާޓީގައި ތިއްބެވިނަމަވެސް، އިޢުލާނުގެ މުއްދަތުގެ އެންމެފަހުދުވަހުގެ އެންމެފަހުވަގުތާހަމައަށް އަންނަމުންދިޔައިރުވެސް، އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިނުވާތީއާއި، ޕާޓީގެ ލީޑަރުގެ ޙައިސިއްޔަތުން ހުރިމީހަކީ އަޅުގަނޑު ކަމަށްވުމާއެކު، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ޕާޓީން އެދޭގޮތް ޙާޞިލްކޮށްދިނުމަށްޓަކައި މިހިނގާ 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީޕާޓިގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްތުކޮށް، ޙަވާލާދީފައިވާ އިޢުލާނުގައި ބުނެފައިވާ ފަދައިން އަޅުގަނޑުގެ ވަނަވަރާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް މިސިޓީއާއެކު އެއްކަރުދާސްކޮށް ހުށަހަޅަމެވެ،"
ޤާސިމް

ޖޭޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވައިލީ މާރިޗު 16 ވަނަދުވަހުއެވެ. އެ މުއްދަތުހަމަވީ މިއަދު 12:00 ގައެވެ.