އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމަކީ ޖުމްހޫރީޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ އެޑުވައިޒަރެއް ނޫން ކަމަށް ޤާސިމްގެ ޚާއްސަ މަންދޫބު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.

ޓުވިޓަރ މެދުވެރިކޮށް ޢިލްހާމް މިހެން ވިދާޅުވީ ޤާސިމްގެ އެޑުވައިޒަރަކަށް ހުންނެވީ ޢާޒިމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު މަސައްކަތް ކުރެއްވުމަށްޓަކައި އެ މަޤާމު ދޫރައްވައި ވަޑަގެންފި ކަމަށް މީޑިއާގައި ޚަބަރު ފެތުރުމުންނެވެ.

"އާޒީމްއަކީ ޤާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަޤާމްގައި ހުންނެވި ބޭފުޅެއް ނޫން. އެއީ "މާކުރީގެ ވާހަކައެއް،" ޢިލްހާމް ވިދާޅުވެފައިވެއެވެ. ޢާޒިމަކީ ޤާސިމްގެ އެޑުވައިޒަރަކަށް ނުވިޔަސް އޭނާ އެމްޓީސީސީގެ އެމްޑީއަކަށް ހުންނެވީ ޖޭޕީގެ ސްލޮޓެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޢާޒިމް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ ޤާސިމްގެ އެޑުވައިޒަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވީ އެއީ މިވަގުތު ޤައުމަށް ހަމަޖެހުމާއި ކުރިއެރުން ގެނެވޭނޭ ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.