ގދ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ (އޭއެސްއެމްއެޗްގެ) ބޯޑު މެންބަރު ކަމުން އަތޮޅު ކައުންސިލު މެންބަރު ސައުދު އަލީ ވަކިކޮށްދެއްވައި އެހެން ފަރާތެއް އެމަގާމަށް ހަމަޖައްސަވައި ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމަށް ގަރާރެއް ގދ ކައުންސިލުން ފާސްކޮށްފިއެވެ.
މިގަރާރަކީ ގދ ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު ގދ ކައުންސިލުގެ ބިއުރޯއަށް ހުށަހެޅި ގަރާރެކެވެ. މިކަމާ ބެހޭ ގޮތުން ހުވަދޫ ފިޔޯރީ ކައުންސިލް ރައީސް އަދި ގދ ކައުންސިލް މެންބަރު ފައިޒަރު ރަޝީދަށް "ހަލި" ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެއީ އިއްޔެ ހުށަހެޅުއްވި ގަރާރެއްކަމަށެވެ. އަދި ގދއަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 12 ވަނަ އާންމު ބައްދަލުވުމުގައި މިގަރާރު ވަނީ މިއަދު ފާސްކޮށް ނިންމާފައި ކަމަށްވެސް ފައިޒަރު ވިދާޅުވިއެވެ.
މި ގަރާރަކީ އޭއެސްއެމްއެޗް ގެ ބޯޑުގައި އިންނަވައިގެން ތިނަދޫ މެންބަރު ސައުދު އަލީގެ ފަރާތުން ލިބެންވާ އެއްބާރުލުން ނުލިބޭތީ، އަތޮޅުގެ ރަށްރަށުން ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ރަށްތަކުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް މައްސަލަތަކަށް ހައްލެއް ނާންނާތީވެ، ސައުދުއަލީ ހޮސްޕިޓަލުގެ ބޯޑުން ވަކިކޮށްދެއްވައި އަތޮޅުގެ ރަށަކަށް ނިސްބަތްވާ، ގދ.އަތޮޅު ކައުންސިލް މެމްބަރުންގެ ރުހުން އޮތް މެމްބަރަކު އެމަގާމަށް ހަމަޖައްސަވައިދެއްވުން އެދި ގދ އަތޮޅު ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު ކައުންސިލްގެ ބިއުރޯއަށް އިއްޔެ ހުށަހެޅުއްވި ގަރާރެކެވެ.
މިޤަރާރުގައި ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅުގެ ރަށްތަކުން ހޮސްޕިޓަލުން ހިދުމަތަށް އެދި ދާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަށް، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން ކުރެވުނު މަސައްކަތުން އެއްވެސް ވަރެއްގެ ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ. އަދި އެ މަސައްކަތްތަކަކީ ހޮޅުއަށިތަކެއްގައި ކުރެވޭ މަސައްކަތެއްކަމަށް ދޭހަވާގޮތަށް އަތޮޅު ކައުންސިލުން 16 މާރިޗު 2023 ވީ ބުރާސްފަތި ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި މެމްބަރު ސައުދު އަލީ ބުނެފައިވާ ކަމަށެވެ. އެބުނުމުން ދޭހަކޮށްދެނީ، މެމްބަރު ސައުދު އަލީގެ އެ އަމަލަކީ އަތޮޅު ކައުންސިލް މެމްބަރުން ރައްޔިތުންގެ ހައްގުގައި މިހާތަނަށް ކުރި މަސައްކަތަށް ޖޯކުޖަހާ ފުރައްސާރަކުރުން ކަމުގައި ގދ.އަތޮޅު ކައުންސިލުން ދެކޭ ކަމަށެވެ. އަދި ގދ.އަތޮޅު ކައުންސިލް ތަމްސީލުކުރަން ސައުދު އަލީ އިންނަވާ ކޮންމެ ދުވަހަކީ އަތޮޅުގެ ދެން އޮތް 8 ރަށުގެ ރައްޔިތުންގެ ހައްޤު ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އޮތް ހުރަހެއްކަމަށް ދެކޭ ކަމަށްވެސް ގަރާރުގައި ހާމަކޮށްފައިވެއެވެ.
މިހެންކަމުން ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑުގައި ބޯޑު މެމްބަރެއްގެ ގޮތުގައި ސައުދު އަލީ އިނުމަކީ ގދ.އަތޮޅު ކައުންސިލުގެ މެމްބަރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވާ ކަމަށެވެ. އޭގެ އިތުރަށް ބޯޑަށް ގދ.އަތޮޅު ކައުންސިލް ތަމްސީކުރާ މެމްބަރެއް ނަންގަވާ ކަމުގައި ވާނަމަ، ގދ.އަތޮޅު ކައުންސިލް މެމްބަރުންގެ ރުހުން އޮތް މެމްބަރަކު ބޯޑަށް އައްޔަން ކުރުމަށްވެސް އެދިފައިވެއެވެ. އެގޮތަށް މެންބަރަކު ބޯޑަށް އައްޔަން ކުރުމަކީ މުޅި އަތޮޅުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތްކަމަށް އަތޮޅު ކައުންސިލުން ދެކޭކަމަށްވެސް ގަރާރުގައި ވެއެވެ.
އަދި އަތޮޅު ކައުންސިލް ތަމްސީލުކުރުމަށް ސައުދު އަލީ ނޫނަސް ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ (އެމް.ޑީ.ޕީ)ގެ މެމްބަރުން ތިބުމާއެކު، މިކަމަކީ ރައީސުލް ޖުމްހޫރިއަޔާއަށް ސިޔާސީގޮތުންވެސް ނިންމަވަން ދަތި އުދަގޫފުޅު ވެލައްވާނެ ކަމެއްކަމަށް ނުދެކޭކަމަށެވެ. އަތޮޅުގެ ދެން އޮތް 8 ރަށުގެ ރައްޔިތުންގެ މިހާރު ތަހައްމަލް ކުރަމުންގެންދާ ތަކުލީފާއި ވޭނުން އަރައިގަތުމަށް އެ ރައްޔިތުންގެ ހައްޤުގައި ރައީސުލް ޖުމްހޫރިއްޔާ މިކަމަށް އިޖާބަ ދެއްވުމަށް ވެސް އިލްތިމާސް ކުރައްވާފައި ވެއެވެ. އަދި މިއީ އަތޮޅުގެ ރައްޔިތުންގެ އަޑު އަތޮޅު ހޮސްޕިޓަލް ހިންގާ ބޯޑުގައި އިއްވޭނެ ގޮތަށް ބޯޑުގައި އަތޮޅު ކައުންސިލުގެ މެމްބަރެއް ހިމަނައި ދިނުމަށް ރައީސުލް ޖުމްހޫރިއްޔާއަށް އެރުވުމަށް ހުށަހަޅާ ގަރާރެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ފިޔޯރީކައުންސިލު ރައީސް އަދި ގދ ކައުންސިލުގެ މެންބަރު ފައިޒަރު ރަޝީދަކީ އަތޮޅުގެ ސިއްޙީ ހާލަތު ރަގަޅު ކުރުމުގެ މަސައްކަތް އަބަދުވެސް ކޮންމެވެސް އެއްކަމަކުން ރަނގަޅު ކުރައްވަން ހިންމަތް ކުރައްވާއިރު އަނެއްކަމެއް ރަގަޅު ކުރުމަށް ވަކާލާތު ކުރަންޖެހޭ ކޮންމެ ތަނެއްގައި އަޑުއުފުއްލަވާ ވަކާލާތު ކުރައްވާ ފަރާތެކެވެ. އެފަރާތުން އިސްނަންގަވައިގެން މިފަަހަރު މިހުށަހެޅުއްވި ގަރާރަކީ އެތައް ގޮތަކުން އެތައް ދުވަހެއް ވަންދެން ކަންތައް ދުރާއި ގާތުން ބައްލަވައި ހައްލެއް ލިބޭނެ ގޮތެއް އޮތްތޯވެސް މަސައްކަތްތަކެއް ކުރެއްވުމަށްފަހު ހުށަހެޅުއްވި ގަރާރެއްކަމަށްވެއެވެ.