ޕަރީފެންގަނޑު- ދިހަވަނަ ބައި (ލިޔުނީ: މަމްދޫހު އިބްރާހީމް)

"މިއޮތީ ކަލެއާ ޖެހިފަ!!!" މިބަސްތައް އަބަދު ވެސް އޭނާ ސިކުނޑީގައި އެނބުރެއެވެ.

ތުއްތުސީދީ މޫދުން ބޯވައެއް ނަގައި އެއިން ފައިބާ ކަޅުދެލި ވަކިން ނަގައިގެން ގޮސް ފުޅިއަކަށް އެޅިއެވެ. އަދި އޭނާ ގެނައި ލޭ ފުޅިން ލެޔާ އެ ބޯވަ ދެއްޔާ އެއްކޮއްފިއެވެ. އަދި ކިޔެވެއްޔެއް ކިޔަވައި ކަރުކަހާލައިފައި ބޮޑު ކުޅެއް ވެސް އެފުޅީގެ ތެރެއަށް ޖެހި އެވެ. އަދި އެ ފުޅިތަޅުވައި އެގައި ހުރި ހުރިހައި އެއްޗެއް އެއްކޮއްލާފިއެވެ. ދެން އޭނާ ހުރި ޖިފުޓި ކުރިމަތީގައި ދަނޑިގަނޑަކުން ބިމުގައި ވައްބުރަކަށް ކުރެހުމެއް ކުރަހައި ހަދައިފިއެވެ. އެނެގި ބޯވާދެލިފުޅިއާ ކުޑަ ނާށްޓެއް ގެނަސް މިކުރެހި ފާހަގައިގައި ބަހައްޓައި ހުރިހާ ސާމާނެއްލާފައި ހުރިފޮށި ގެނެސް ވައްބުރުގެ ކުރެހުމުން ބޭރު ނުވާނެހެން އެތެރޭގައި ބެހެއްޓިއެވެ.

ޖިފުޓި ކުރިމަތީގައި ހުރި ނިކަގަހުގެ ކުރިމައްޗަށް ވާގޮތަށް އަލިފާންގަނޑެއް ރޯކޮށްފިއެވެ. އެރަށަށް އެރީއްސުރެ އަބަދު ވެސް ކުޑަވަރެއްގެ އަލިފާންގަނޑެއް ޖިފުޓިބޭރުގައި އޭނާ ރޯކޮއްފައި ހުރެއެވެ. މިހާރު އިރު އޮއްސިއްޖެއެވެ. އޭނާ ގެނައި ސާމާނުތަކުގެ ތެރެއިން ފިލާގަނޑެއްނަގައިފިއެވެ. އެނާ ލެޔާ ކުޅު އެއްކުރި ބޯވާގެ ދެލިން ކޮންމެ ވެސް އަންހެނެއްގެ ނަމަކާއި ފާހަގައަކާއި އެއްޗެއްކުރަހައި ސިހުރުގެ ލިޔުންގަނޑެއް އެ ފިލާގަނޑުގައި ލިޔެފިއެވެ. އެފިލާގަނޑު ގެންގޮސް މޫދާވީ ފަރާތުގެ ރާޅުޖަހައި ހިސާބުގެ ބިމުގައި އޭތި ނުވެއްޓޭނޭ ގޮތަށް ހަރުކޮށްފިއެވެ. ދެންބޮޑު ކަތިވަޅިއެއް ނަގައިގެން ހުރީ ވަރަށް ބޮޑު ކަމަކަށް ތައްޔާރު ވެގެންނެވެ.

މިރޭ އެތައްޔާރުވީ ކަނޑުން އަރާނޭ ޖަނަވާރެއްގެ ޝިކާރަ އަކަށެވެ. މިހާރު ރަށުތެރެ އަނދިރިވެ ހަމަ އެކަނި ރޯކޮއްފައިވާ އަލިފާންގަނޑުގެ އަލިކަންނޫނީ އެހެން އަލިކަމެއް ވަށައިގެންނެތެވެ. އެހެނަސް މި ކަޅުފޮއި ރޭގެ އަނދިރިގަނޑަށް ވަނީ އާދަޔާ ޙިލާފު ބޮޑު ބަދަލެއް އައިސް ފައެވެ. ހަނދުވަރުގެ އަލިހުރީ ފަނޑުކަންމަތީ ރަށުތެރެއަށް ވެރިވެފައެވެ. އެހެނަސް ހަނދު ކޭތަ ހިފައިފައި ހުރުމުން ވަނީ ރަތް ކުލައިގެ އައްޔެއް ފަނޑު ކަންމަތީ ރަށުތެރެ އަށް ފުސްބުރައިފާ ގޮތަކަށް ފެތުރިފައެވެ.

އުޑުމަތީގައިވާ ތަރިތަކުގެ އަލިގަދަވަމުން އަންނައިރު ހީވަނީ އުޑުމައްޗަށް އަލިމަސްތަކެއް ބުރުވާލައިފައި ހުންނަ ހެންނެވެ. ހިއްގައިމު ފިނިވައި ރޯޅި ވެސް ޖެހެން ފެށިއެވެ. ވަގުތުތައް ހިގަމުން ގޮސް އުޑުގެ ވިލާތައް ބަނަވެ ރަތްކުލަ އަރައި ހަލުވިކަމާއި އެކު ދައުރުކުރާ ގޮތް އަވަސް ވާން ފެށިއެވެ. ތަރިތައް ބުރުޖަހާގޮތް ބަދަލު ވެއްޖެއެވެ. ކުއްލިއަކަށް ތުއްތުސީދީއަށް އެފެނުނީ އޭނާ ބޭނުންވެގެން އުޅޭ ބޮޑު ޖަނަވާރު ރަށަށް އަރައިގެން އަންނަތަނެވެ. އެއީ ވަރަށް ބިޔަ ހަތް ފޫޓުއްހައި ބޮޑު ކަނހަބު ވެލައެކެވެ. އެވެލައި މިރޭ މިގަޑިއަށް އެރަށަށް އަރާނެކަމެއް ތުއްތުސީދީ އަށް އެއިނގުނީ ކިހިނަކުން ހެއްޔެވެ؟

މިހުރިހާ ކަމެއް ކުރާއިރު ހައްތަހާ ވެސް ހީވަނީ އޭނާ ފަހަތުގައި ނުފެންނަ ގޮތަށް ކުރާނެ ކަންތައްތަކާއި ހަދާނޭގޮތް ކިޔައިދޭން މީހަކު ހުންނަހެންނެވެ. ކޮންމެ ގޮތެއްވިޔަސް އެބިޔަ ބޮޑު ވެލައި އެއަންނަނީ ރަށުގެ މެދެއްހާތަނަށެވެ. އާދަވެގެން ވެލާ ބިސް އަޅާކަށް އެހާދުރަކަށް ރަށުތެރެއަކަށް ނުދާނެއެވެ. އޭތިއަރައި އެ މިސްރާބުޖެހީ އެރަށުގައި ހުރި ބޮޑު ނިކަގަހާ ދިމާލަށެވެ. ތުއްތުސީދީ ރޯކޮށްފައި ވެގެހުރި އަލިފާންގަނޑާ މާދުރުނޫން ހިސާބަކަށް މިވެލާ އަރައި އޭތި ވަޅުކޮންނަން ފެށިއެވެ. ވެލައި ވަޅުގަނޑު ކޮނެ ނިމިގެން ބިސްއަޅަން ފެށިއެވެ. މިހެން ވެލާއޮވެ ބިސް އަޅާ ނިމި ވަޅުގަނޑަށް ފަސް އަޅަން ފެށްޓިތަނުން ކުއްލިއަކަށް ތުއްތުސީދީ އެ ބޮޑު ކަތިވަޅިނަގައި އައިސް އެއްފަހަރުން ޖަހައި ވެލާގެ ބޯ ބުރި ކޮއްލައިފިއެވެ. މުޅިތަނަށް ލޭ ބުރައިގެން ގޮސް އޮހެން ފެށިއެވެ. ދެން ވެލާ އުއްޑުން ޖަހައި ބަނޑު ފަޅައިފިއެވެ. ތުއްތުސީދީ ސިހުރު ބުދު ލާފައިވާ ފުޅި ގެނެސް އެވެލާގެ ބަނޑުތެރެއަށް އޭތީގެ އެތެރެހަށީގައި ހުރި ގޮހޮރާއި ގުނަވަން ތަކުގައި ފުޅި އޮޅާލައި ބަނޑުތެރެއަށް ލޭތަކާއެކު ފައްތައިފިއެވެ.

މި ހުރިހާ ކަމެއް މިކުރަނީ އޭނާއަށް ކޮންކަމެއް ހާޞިލްވާނޭ ހެއްޔެވެ؟ ހަޔާތުގައި ހާޞިލް ނުވެފައިވާ ބޮޑުކަމެއް ވާން މެދުވެރިވަނީ ބާ؟ ދެންވެލާ ބިސް ނަގައި ކޮތަޅަކަށް އަޅައި ބޯވަދިލަ ފުޅިއާ ނާށްޓަކާއި އިލޮށްޓެއް ހިފައިގެން ތުއްތުސީދީ އެދަނީ ރަށުގެ ވަށައިގެން ކޮންމެވެސް 5 ދިމާލަކަށެވެ. ފުރަތަމަ އެދިޔައީ ރަށަށް އެރި ދިމާލަށެވެ. އެ ދިމާއިން ރާޅުޖަހާ ހިސާބަށް ގޮސް ނާށިގަނޑުން ވަޅެއްކޮނެ އޭނާ ގެންދިޔަ ވެލާބިސް ކޮތަޅުން ބިހެއް ނެގިއެވެ. ދެން ބިހުގައި އިލޮށި ބޭނުން ކޮށްގެން ބޯވާގެ ދެލިން ކޮންމެ ވެސް ފާހަގައެއް ކުރަހައި ލިޔެ އެެބިސް އޭނާ ކޮނުނު ވަޅަށްލައި ފަސް އަޅައިފިއެވެ. ދެން ތުއްތުސީދީ ހިނގައިގަތީ ރަށުގެ ޖެހިގެން ހުރި ފަޅިއަށެވެ. ހަމަމިގޮތަށް ރާޅުޖަހާ ހިސާބަށް ގޮސް އެދިމާލުގައި ވެސް ވަޅެއްކޮނެ ބިހެއް ވަޅުލައިފިއެވެ. މިހެންގޮސް އެރަށުގެވަށައި ބުރެއްޖަހައި މުޅިރަށުގެ ރާޅުޖަހާ ފަސް ހިސާބެއްގައި ވެލާ ބިސް ވަޅުލިއެވެ. ދެން އައިސް ނިކަގަސް ދޮށުގައި ޖަހާފައިހުރި އަލިފާންގަނޑަށް ދަރުއަޅައިފިއެވެ.

ތުއްތުސީދީ ބިންމަތީގައި ހުރި ފޮށި ހުޅުވައި އޭގައިވާ ސާމާނު ހުރީ ހަމަޔަށްތޯ ބެލިއެވެ. އަދި ގަބުރުގެ ދޫ ލައިފައި އޮތްފުޅިއަށް ބަލާލައިފައި އޭނަގެ ތުންފަތް މަތީ ކުޅެލީ ނުބައި ވިހަ ހީނލުމެކެވެ. މިހާރު އެކުރާ ކަމަކީ ބޮޑުކިޔެެވެއްޔެއް ކިޔަވާފައި ވެލައި ބިހެއްނަގައި ބޯވާގެ ދެލިން އިލޮށްޓެއް ބޭނުން ކޮށްގެން އެއްޗިހި ތަކެއް ލިޔަނީއެވެ. ދެން އެބިހަށް ފުމެލާފައި އިލޮށިން ބިސް ފަޅާލިއެވެ. އެއަށްފަހު ރޯކޮށްފައި ހުރި އަލިފާންގަނޑަށް އެއްލާލަނީއެވެ. މިހެން ބިހެއް އެއްލައިލާ ކޮންމެ ފަހަރަކު ހުޅުގަނޑު ގަދަޔަށް ރޯވެ އަނދަމުން ދެއެވެ. މުޅިހިސާބަށް އަލިފާނުގެ ކަނިވެސް ބުރައިގެން ދެއެވެ.

މިހެން ތަކުރާރު ކޮށް ކިޔެވެލިތަކެއް ކިޔަވައި އެންމެ ފަހުން ފަސްވަނަ ބިސް ނަގައި އަލިފާންގަނޑަށް އެއްލާލި ވަގުތު ކުރިން ރަށުގެ ފަސް ދިމާލުގައި ބިސް ވަޅުލި ކޮންމެ ތަނެއްގައި ބޮޑެތި ބިޔަ ކަޅު ކުލައިގެ ނަގޫރޯޅިތަކެއް އުފެެދި އަރައިފިއެވެ. ވައި ބާރުކަމުން ހީވަނީ ކޮންމެވެސް ވަރުގަދަ ތޫފާނެއްގެ ކަމެއްހެންނެވެ. ރަށުގެ ވަށައިގެން ފަސްދިމާލަށް މަތިން ތިރިއަށް މިހާރު ބަލައިލިއަސް ހީވާނީ ވަށައިގެން އެނބުރޭ ބޮޑެތި ބިޔަ ތަނބުތަކެއް ޖަހައިފައި ހުރި ހެންނެވެ.

އެއިން ކޮންމެ ނަގޫރޯޅި އެއްގައި ދުއިސައްތަ ވަރަކަށް ފޫޓު އުސްމިން ހުންނާނެއެވެ. ރަށުތެރޭގެ ހުރިހާ ގަސްތައް ވަޔާ ވިހުރޭ ވަރުން ވަރަށް އަޑުގަދައެވެ. ވައި ޖެހޭލެއް ގަދަކަމުން ހީވަނީ މުޅިރަށް ވެސް ބަންޑުން ޖަހައިލަން އުޅޭހެންނެވެ. މިހާރު އެވަނީ ބިޔަ ފަސް ނަގޫރޯޅި ރަށުގެ ވަށައިގެން ވެލާބިސް ވަޅުލި ތަންތަނުގައި އުފެދި ފައެވެ. މިއިން އެންމެ ނަގޫރޯޅި އެއްވެސް ރަށުގެ އެހެން އެއްވެސް ދިމާލަކަށް ފެތުރިގެން ނުދެއެވެ. ހަމަ އެހުރި ތަނެއްގައި ރަށުގެ ފަސް ފާރަވެރިން ފަދައިން ހުއްޓިފައި ހުރީއެވެ.

(ނުނިމޭ)