ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ އާންމު ރައްޔިތުން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

އެގޮތަށް ހަމަޖައްސާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޖްޕީއޭ)އިން މިއަދު އާންމު ކުރި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައެވެ.

އެ އުސޫލުގައިވާ ގޮތުން އެޗްޕީއޭގެ އެންގުމަކާ ޚިލާފުވަނީ އާންމު ފަރުދެއް ނަމަ، އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އެންގުމާ ޚިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު ޖޫރިމަނާ ކުރަނީ 10،000 ރުފިޔާއިން ނެވެ.

ޖޫރިމަނާކުރުންގާނޫނީ ޝަހުސެއް ނަމަ، އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އަދި އެންގުމާ ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ.

މިހާތަނަށް ހަމަޖައްސާފައި އޮތީ އެފަދަ އެންގުންތަކާ ޚިލާފުވާ ފަރާތްތައް 1000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތަށެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އާ އުސޫލަށް އަމަލު ކުރާނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާންކުރުމަށް ފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ މީހާ، ކަރަންޓީނުގެ އަމުރާ ނުވަތަ އެކަހެރިވުމުގެ އަމުރާ ހިލާފުވެއްޖެނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ. އޭގެ އިތުރުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށާއި ތަންތަނަށް ވަދެ އަދި ނިކުތުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ހުރި ނުވަތަ ޝައްކު ކުރެވޭ މީހެއްގެ މައުލޫމާތު އެނގިހުރެ ސިއްރު ކުރާ ފަރާތްތައް ވެސް ބޮޑު އަދަދު ޖޫރިމަނާކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އުސޫލުގައި ބުނެފައިވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނެސްފި ނަމަވެސް އެ ފަރާތެއް ޖޫރިމަނާކުރާނެ ކަމަށެވެ.

އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށް ވެސް އުސޫލުގައި ވަނީ ހިމަނައިފަ އެވެ.