ރިވާވެގެންވެއެވެ. މީލާދީން (970-1030) ގައި އުޅުއްވި މުސްލިމް ރަސްކަލެއްކަމުގައިވާ محمود بن سبکتگین ނުވަތަ محمود غزنوی، ފަތަޙަ ކުރެއްވި ބިންތައް، ޢުމަރު ބުނުލް ޚައްޠާބު (ރަޟިޔަﷲ އަންހު) ގެ ފަތަޙަ އާ އެއްވަރެވެ.
އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ޒުހުދުވެރި، ތަޤްވާވެރި، الله ގެ މަގުގައި ހަނގުރާމަ ކުރައްވައި، އިންސާފް ޤާއިމުކުރެއްވުމަށް ލޯބިކުރެއްވި ބޭކަލެއް ގޮތުގައެވެ. ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. "ސުލްޠާން މަޙްމޫދު ޣަޒްނާވީގެ ރަސްކަމަކީ އިސްލާމީ ތާރީޚް ދުށް އެންމެ ހެޔޮ އެއް ރަސްކަމެވެ. އެކަލޭގެފާނުގެ ރަސްކަމުގައި ސުންނަތަށް ލޯބިކުރެއްވިއެވެ. އިންޑިއާގެ ރައްޔިތުންގެ ފަރާތުން މުޝްރިކުންނާ ދެކޮޅަށް ހަނގުރާމަކުރައްވައި (ހިންދުކަރައިގައި) ޢަދުލު އިންސާފު ފަތުރުއްވައި ޤާއިމް ކުރެއްވިއެވެ.
އެކަލޭގެފާނުގެ ވެރިކަމުގައި ސުންނަތް ދިރުވައި އާލާކުރައްވައި (ބިދުޢަތައް) ފުނޑުފުނޑު ކުރެއްވިއެވެ. މަޙްމޫދު ޣަޒްނާވީ ހިންދޫންނާ ދެކޮޅަށް ގިނަގުނަ ހަނގުރާމަތަކެއް ކުރައްވައި ކާމިޔާބު ހޯއްދެވިއެވެ. އޭގެތެރެއިންވެސް އެންމެ މަޝްހޫރު ހަނގުރާމައަކީ ސޮމްނާތު ހަނގުރާމައެވެ. އެގޮތުން މަޙްމޫދު ޣަޒްނާވީ އިންޑިޔާގެ ބައެއް ރަށްތަށް ފަތަޙަ ކުރައްވައި ބައެއް ކުދިކުދި ބުދުތައް ފުނޑުފުނޑު ކޮށްލެއްވިއެވެ. އެއީ އެބުދުތަކުން އެމީހުންނަށް ފައިދާއެއް ނުކުރާނެކަން ދައްކައި، އެމީހުން ދިފާޢުކޮށް ނުދެވޭނެކަން ހިންދޫންނަށް އަންގައިދިނުމުގެ ބޭނުމުގައެވެ. މިކަމާ ހިންދޫންގެ، ކަމުވޮށިގެންވާ ބޮޑެތި ބައެއް މީހުން ކިޔަން ފެށިއެވެ. ކުދި ބުދުތައް ނައްތާލެވުނީ، ބޮޑު ބުދު ސޮމްނާތު އެ ބުދުތަކާ މެދު ކޯފާވުމުންނެވެ. ފަހެ މިޚަބަރު ސުލްޠާން މަޙްމޫދު ޣަޒްނާވީގެ ކަންފަތްޕުޅާ ހަމަޔަށް ފޯރިއެވެ. އެހެންކަމުން، ހިންދޫންގެ އެ ވިސްނުމަކީ، ދެކޮޅު ނުޖެހޭ ބުއްދިގޯސް، ތާކުންތާކު ނުޖެހޭ ވިސްނުމެއްކަން އެއުރެންނަށް ހާމަކޮށްދިނުމަށްޓަކައި، ސޮމްނާތު ފުނޑުފުނޑު ކޮށްލަން ނިންމެވިއެވެ. ވަގުތުން ލަޝްކަރު ތައްޔާރުކުރައްވައި، ދުނިދަނޑި އަކުން ދުންޏެއް ނުކުމެގެންދާހެން ހިންދުކަރަޔާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ.
ދެންފަހެ، ހިންދޫން އެމީހުންގެ ކަލާނގެ ސޮމްނާތު ދިފާޢު ކުރުމަށްޓަކައި ކަމަރުބަނދެގެން ތިއްބައި، ސުލްޠާން މަޙްމޫދު ޣަޒްނާވީ އެމީހުން ހައިރާންކޮށްލައި، ސިންގާއެއް އޭގެ ޝިކާރައިގެ މަށްޗަށް ޖެހިގަންނަހެން އެމީހުންގެ މައްޗަށް ގަދަވެގަތެވެ. އަދި ސޮމްނާތު ބުދާއެކު އެ ބާޠިލު ދީން މުލުން ލުހެލެއްވިއެވެ.
ރިވާވެގެން ވެއެވެ. ސޮމްނާތު ބުދު ފުނޑުފުނޑު ކޮށްލަން އުޅެނިކޮށް ހިނދޫންގެ ބޮޑުން، އެބުދު (އެބަހީ ސޮމްނާތު) ދޫކޮށްލުމަށް އެދި ސުލްޠާނަށް ގިނަ އަދަދެއްގެ ފައިސާ އާއި ޚަޒާނާ ހުށަހެޅިއެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބައެއް މީހުން ލަފާދެއްވިއެވެ. މިތަކެތި ނަންގަވައިގެން މިބުދު ދޫކޮށްލަމާ ހިނގާށެވެ. ފަހެ ސުލްޠާން ތެދުވެވަޑައިގެން އެމީހުންނަށް ވިދާޅުވިއެވެ. "ކަލޭމެން ބޭނުންވަނީ މަޙުޝަރު ދުވަހުގައި އަޅުގަނޑަށް ނިސްބަތްކޮށް، ﷲ ނޫން ފަރާތަކަށް އަޅުކަން ކުރެވެމުން ދިޔަ ބުދު، ފުނޑުފުނޑު ނުކޮށް ދޫކޮށްލެއްވި މަޙުމޫދު ކޮބައިތޯ ކިޔާފައި ގޮވައިލައްވަން ތޯއެވެ.؟ ﷲ ގަންދީ ބުނަމެވެ. އެހެން ވިޔަކަ ނުދޭނަމެވެ. ދެން އަވަސް އަވަހަށް އެކަލޭގެފާނުގެ ކަނޑިކޮޅު ނަންގަވައި އެ ބޮޑު ބުދު ފުނޑުފުނޑު ކޮށްލައްވައި އެ ބާޠިލް ދީން ކަފުންކުރެއްވިއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. އެކަލޭގެފާނަށް ފައިސާއާއި ޚަޒާނާތައް ހުށަހެޅުއްވުމުން ވިދާޅުވިއެވެ. އިސްތިޚާރާ ނަމާދު ކުރައްވާފައި ގޮތެއް ނިންމަވާނަމެވެ. ދެންފަހެ ހެނދުނު ވުމުން ވަޑައިގެން ވިދާޅުވިއެވެ. އަހުރެން މިކަމާއި ވިސްނައީފީމެވެ. ﷲ ގަންދީ ބުނަނެވެ. ދުނިޔޭގެ ދަހިވެތިކަމަށްޓަކައި ބުދު ފުނޑުފުނޑު ނުކޮށް ދޫކޮށްލި މަހުމޫދު ކޮބައިހެއްޔޭ، އަޅުގަނޑާއި މުޚަތަބުކޮށް، ޤިޔާމަތްދުވަހު ގޮވައިލެއްވުމުގެ ބަދަލުގައި، ﷲ އަށްޓަކައި އެބުދު ފުނޑުފުނޑު ކޮށްލެއްވި މަޙުމޫދު ކޮބައިހެއްޔޭ، ގޮވައިލެއްވޭ އަޑު އަހަން އަހުރެން މާ ލޯބި ކުރަމެވެ. ދެން އެކަލޭގެފާނު އެބުދު ފުނޑުފުނޑު ކުރައްވައި ހިންދުކަރައިން އޭގެ ވަސްވެސް ފޮހެލެއްވިއެވެ. އެއަށްފަހު އެތައް ހާސް ހިންދޫންނެއް އެމީހުންގެ ބާޠިލް ކަލާނގެއަށް އަމިއްލައަށް ދިފާއު ނުވެވޭނެކަން ޤަބޫލުކޮށް اللهގެ ދީން (އިސްލާމްދީން) ގަބޫލުކުރިއެވެ. މިގޮތުން الله އަށްޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެއަށްވުރެ މާ ރަނގަޅު ބަދަލެއް އެކަލާނގެ ދެއްވައެވެ.
ސުލްޠާން އެ ބުދު ހަލާކުކޮށް، އެފައިސާއަށް އިންކާރުކޮށް، ކުފުރުގެ މަތީ އެމީހުން ބޭތިއްބުމަށް ދެކޮޅު ހެއްދެވިއެވެ. އެހެންކަމުން އެޚަޒާނާތަކާއި ފައިސާއަށްވުރެ މާހެޔޮ ބަދަލެއް الله ތަޢާލާ އެކަލޭގެފާނަށް ދެއްވިއެވެ. އެއީ އެކަލޭގެފާނު އެބާޠިލު ބުދުތައް ނައްތާލުމުގެ ސަބަބަން، އެތައް ހާސްބަޔަކު އިސްލާމްވުމުގެ ދަރުމައާއި ސަވާބެވެ.
-ތަރުޖަަމާއެއް