މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރު (ރަަަޟިޔަﷲ އަންހް) އަކީ ޚަލީފާކަމަށް އިސްކުރެވުމުގެ ކުރިން ފޮތީގެ ވިޔަފާރި ކުރެއްވި ބޭކަލެކެވެ. ދިރިއުޅުއްވުމުގެ ޚަރަދުބަރަދު ހަމަޖައްސަވައި ޢާއިލާ ބެލެހެއްޓެވީ އެ ވިޔަފާރި ކުރައްވައިގެންނެވެ.

ދެންފަހެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އަވަހާރަވުމުން މީސްތަކުން، އަބޫބަކުރު ގެފާނު ޚަލީފާ ކަމަަށް އިސްކުރައްވައިފިއެވެ. ނަމަވެސް ޚަލީފާ ކަމަށް އިސްކުރެއްވުމުން ވެސް އެކަލޭގެފާނު ގަސްތު ކުރެއްވީ ފޮތީގެ ވިޔަފާރި ކުރައްވައިގެން އަމިއްލަ ދިރިއުޅުމުގެ ޚަރަދު ބަރަދު ބެލެހެއްޓެވުމަށެވެ. އެހެންކަމުން ޖެހިގެން އައި ދުވަހުވެސް، އާދައިގެ މަތީން ފޮތި ތަކެއް ހިއްޕަވައިގެން ބާޒާރާއި ދިމާލަށް މިސްރާބު ޖެއްސެވިއެވެ. އެތަންވަޅު ޢުމަރު ބުނު ޚައްޠާބު (ރަޟިޔްﷲ އަންހް) އާއި ބައްދަލުވެ ވަޑައިގަތެވެ.

ދެން ޢުމަރުގެފާނު ސުވާލު ކުރައްވައިފިއެވެ. "އޭ އަބޫބަކުރުގެފާނެވެ. ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ކޮންތާކަށްތޯ އެވެ.؟" ޖަވާބުގައި އަބޫބަކުރުގެފާނު ދެންނެވިއެވެ. “ބާޒާރަށެވެ.”

ޢުމަރުގެފާނު ސުވާލު ކުރެއްވިއެވެ. "ކަލޭގެފާނު ވިޔާފާރީގައި އަވަދިނެތި ވެއްޖެނަމަ ދެން ޚިލާފަތުގެ ވާޖިބުތައް އަދާ ކުރައްވާނީ ކާކުތޯއެވެ؟" އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "އެހެނެއްކަމަކު، މިކަން ނުކުރައްވައި އަހުރެންގެ އާއިލާއަށް ކާންދީ ބަލަހައްޓާނީ ކިހިނެއްތޯ އެވެ؟"

ޢުމަރުގެފަަނު ލަފާދެއްވިއެވެ. އަހުރެންނާއި އެކު އަބޫ ޢުބައިދާ - ރަޟިޔްﷲ އަންހު (ބައިތުލްމާލް އާއި ހަވާލުވެގެން ހުންނެވި ވެރިޔާ) އަރިހަށް ހިންގަވާށެވެ. ބައިތުލްމާލް އިން ކަލޭގެފާނަށް، ދުވާލަކު ކޮންމެވެސް މިންވަރެއް އިނާޔަތްތަކެއްގެ ގޮތުގައި ހަމަޖައްސާނީއެވެ.

ދެންފަހެ މިދެބޭކަލުން އެކުގައި އަބޫ ޢުބައިދާގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި އާންމުކޮށް، މުހާޖިރަކަށް ދެއްވާ އަދަދާ އެއްވަރުގެ އިނާޔަތެއް އަބޫބަކުރުގެފާނަށް ވެސް ކަނޑައެޅުއްވިއެވެ.

އެއައްފަހު، އެއްދުވަހަކު އަބޫބަކުރުގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނު އަރިހުގައި ދަންނަވައިފިއެވެ. "އޭ އަބޫބަކުރުގެފާނެވެ. އަހުރެން ކޮންމެވެސް ކަހަލަ ފޮނި އެއްޗެއް ކާހިތްވެއެވެ."

އަބޫބަކުރުގެފާނު ޖަވާބު ދެއްވިއެވެ. ތިޔަކަންތައް ހަމަޖައްސާނެހާ ފައިސާ ތިމަންކަލޭގެފާނު އަތްޕުޅުގައި ނެތެވެ.

އެކަމަނާ ދެންނެވިއެވެ. "އޭ އަބޫބަކުރުގެފާނެވެ. ކަލޭގެފާނު ހުއްދަ ދެއްވައިފިނަމަ ބައިތުލްމާލުން އަޅުގަނޑުމެންނަށް ލިބޭ އެލަވަންސުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ރައްކާކުރަން، އަޅުގަނޑު މަސައްކަތް ކުރާނަމެވެ. އެއިރުން ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެންނަށް ފޮނި ކާނާ ތައްޔާރު ކުރެވޭ ވަރަށް ފައިސާ އެއްކުރެވިދާނެތާއެވެ."

ފަހެ އަބޫބަކުރުގެފަނަު މިކަމަަށް އެއްބަސްވެ ވަޑައިގަތުމުން، އެތައް ދުވަހަކަށްފަހު މަދު ފައިސާކޮޅެއް އެކަމަނާއަށް އެއްކުރެވުނެވެ. ދެން ފޮނި ކާއެއްޗެއް ގަތުމަށް، އެކަމަނާ އެފައިސާކޮޅު އެކަލޭގެފާނުގެ އަތްޕުޅަށް ދެއްވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެންނަށް ހީވަނީ އަހަރެމެންނަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބައިތުލްމާލުން ފައިސާ ލިބޭހެނެވެ." އެއަށްފަހު އެފައިސާ ބައިތުލްމާލަށް ޖަމަޢު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އެލޮވެންސުން އެ އިތުރުވާ ބައި އުނި ކުރެއްވިއެވެ.

ބުނެވޭ ގޮތުގައި އަބޫބަކުރުގެފާނު، ފަހަށް އެއްވެސް ފައިސާއެއް ދޫކޮށްލައްވާފައި ނުވެއެވެ. އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. "އަބޫބަކުރުގެފާނު އަވާހާރަވީ އިރު ދޫކޮށްލައްވާފައިވީ އަންހެން ޖަމަލަކާއި ތަށްޓަކާއި، ޚާދިމެކެވެ."

ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. މާތްﷲ އަބޫބަކުރުގެފާނަށް ރަޙުމަތް ލައްވާށިއެވެ. "އެކަލޭގެފާނު ވަޑައިގެންނެވީ އެކަލޭގެފާނަށްފަހު ދެން ޚަލީފާކަމަށް އަންނަ އެއްވެސް ބޭކަލަކަށް، އެކަލޭގެފާނު ކުރެއްވި ފަދައިން ކަންތައްތައް ކުރެއްވުމަށް ބޮޑު ބުރައަކަށް ވާ ވަރުގެ ނަމޫނާއެއް ދައްކަވާފައެވެ."

(حکایت صحابه / ޝެއިޚް ޒަކަރިޔާ މަންޞޫރު)

(ތަރުޖަމާ: މުޙައްމަދު ބިން ސަލީމް)