ޕޮލިސް ޓްރެއިނިން ސްކޫލް ހުޅުވިޔަސް އައްޑޫ ލިންކް ރޯޑު ބަންދު ނުކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ޕޮލިސް ޓްރެއިނިން ސެންޓަރ ރަސްމީ ނަމުންނަމަ "ނެޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" އިމާރާތް ބައްލަވާލެއްވުމަށް ފަހު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުންވަމުންނެވެ.
ސީޕީ ވިދާޅުވީ އެތަން ހުޅުވުމަށްފަހު އައްޑޫ ލިންކް ރޯޑު ބަންދުކުރާނެ ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއްނެތް ވާހަކައެއް ކަމަށެވެ. "ލިންކު ރޯޑު އެއްވެސް ވަރަކަށް އާންމުންނަށް ބަންދެއް ނުވާނެ. މިއީ އާންމުނަށް ވަރަށް ފަސޭހައިން ފެންނަ ގޮތަށް ހުންނާނެ ތަނެއް. ރޯޑު އޮންނާނީ އާންމުކޮށް ޓްރެފިކް ފުލޯވާގޮތަށް. އެއްވެސް ވިސްނުމެއް އެއްވެސް އިރެއްގައި އޮތްކަމެއްނޫން އެއީ މިތަން މިހުންނަ ސަރަހައްދުގެ ލިންކުރޯޑު ބަންދުކޮށްފައި އޮތުން ނުވަތަ ބެރިކޭޑު ޖަހައިގެން ބެލެހެއްޓިގެން ދިއުން،" ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ "ނެޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމަށްފަހު އުންމީދު ކުރައްވަނީ ފުލުހުން ނުވަތަ ގާނޫނޫ ތަންފީޒުކުރާ އިދާރާތަކުގެ ނުވަތަ އެހެން ފަރާތްތަކުގެ ޓްރެއިނިންއާއި ވޯކްޝޮޕްތަކާއި އުނގެނުމާބެހޭ ކަންކަމާއި ކޮމިޔުނިޓީ އެހެން ހަރަކާތްތައް ވެސް އެތަނުގައި ހިނގާނެ ކަމަށެވެ. އޭގެ އިތުރުން ކުޅިވަރުގެ ތަފާތު ހަރަކާތްތައް ވެސް ބޭއްވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވުއެވެ.