ބާސެލޯނާއިން އެކްލަބުގެ ލެޖެންޑް ލިއޮނަލް މެސީ އަނބުރާ ގެނައުމުގެ މަސައްކަތް ފަށައި މެސީއާއެކު ރަސްމީކޮށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކްލަބުގެ ނައިބްރައީސް ޔުސްޓޭ ވިދާޅުވެއްޖެއެވެ.

ޔުސްޓޭ މިހެން ވިދާޅުވީ "ބާސެލޯނާ އެކަޑަމީ ވަރލްޑް ކަޕް" އާ ގުޅޭ ގޮތުން މީޑިޔާއަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގެ ތެރެއިންނެވެ.

"މެސީ އާއި މެސީގެ އާއިލާއަށް އެނގޭނެ މިކްލަބާއި މިކްލަބުގެ ވެރިން އޭނާއަށް އޮތް ލޯބި" ޔުސްޓޭ ވިދާޅުވިއެވެ.

"އަހަރެމެން މެސީއާ ވާހަކަ ދައްކައިފިން" މެސީ ގެނައުމާ ގުޅޭ ގޮތުން އިތުރު ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޔުސްޓޭ ވިދާޅުވިއެވެ.

ސްޕެއިނުގެ އިތުބާރު ހުރި ނޫސްތަކުން ބުނާ ގޮތުގައި މެސީ އަލުން ބާސެލޯނާއަށް ގެނައުމާއި ގުޅޭ ގޮތުން ޔުސްޓޭ މަޝްވަރާ ކޮށްފައިވަނީ މެސީގެ ބައްޕަ އަދި އެޖެންޓް ޖޯޖް މެސީއާއެވެ. އެކަމަކު އަދި މިހާތަނަށް ބާސެލޯނާއިން ރަސްމީކޮށް ހުށަހެޅުމެއް މެސީއަށް ހުށަހަޅާފައެއް ނުވެއެވެ.

އުމުރުން އެންމެ 12 އަހަރުގައި ބާސެލޯނާއަށް ބަދަލުވި ގޮތަށް އެކްލަބުގައި މުޅި ކެރިޔަރު ހޭދަކުރި މެސީ، ބާސެލޯނާ ދޫކޮށްލަން ޖެހުނީ 2021 ވަނަ އަހަރު ބާސެލޯނާއަށް ކުރިމަތިވި މާލީ މައްސަލަތަކާ ހުރެ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލުގެ ދަށުން އެންމެފަހު ވަގުތު ކޮންޓްރެކްޓް އާކުރެވޭ ގޮތް ނުވުމުންނެވެ. މެސީ އެހިސާބުން ބަދަލުވީ ޕީއެސްޖީއަށެވެ. ޕީއެސްޖީއާއެކު މެސީ ހެދި ކޮންޓްރެކްޓް ކުރިއަށް އޮތް ޖޫން މަހު ހަމަވާނެއެވެ.

މެސީއަކީ ބާސެލޯނާގެ ތާރިހުގައި އެކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. މެސީ ވަނީ ބާސެލޯނާއަށް ކުޅެދިން 778 މެޗުގައި 672 ލަނޑު ކާމިޔާބު ކޮށްފައެވެ.