މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި ބޭރުގައުމުތަކަށް ފުޅާކުރައްވާނޭ ކމަށް އެޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެޕާޓީން އިންތިޒާމުކޮށްގެން ބޭއްވި ކުލަބުހައުސް އިވެންޓެއްގައި ނާޒިމް ވިދާޅުވީ ދައުލަތުގެ ބޮޑެތި ބައެއް ކުންފުނިތަކުން ކުރަންނުޖެހޭ ކަންކަން މިހާރުވެސް ކުރަމުން އަންނަތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަންކަމުގައި އެކުންފުނިތައް އުުޅުމުގެ ބަދަލުގައި ވިޔަފާރި ރާއްޖެއިން ބޭރަށް ފުޅާކޮށް ރާއްޖެއަށް ނަފާލިބޭ ގޮތަށް ރާއްޖެއިން ބޭރުގައި ވިޔަފާރިތައް ހިންގިދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ރާއްޖެއިިން ބޭރަށް ވިޔަފާރި ފުޅާކުރެވިދާނޭ ކުންފުނިތަކުގެތެރޭގައި އެސްޓީއޯ، ބޭންކް އޮފް މޯލްޑިވްސް، އެމްޓީސީސީ ހިމެނޭ ކަމަށް ނާޒިމް ވިދާޅިވިއެވެ.

އެސްޓީއޯއަކީ ކުދިވިޔަފާރިތަކުގެ ތެރެއަށް ވަނުމަށްވުރެ މާ ބޮޑު ކުންފުޏެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އެކުންފުނީން ކާޑުގެ ވިޔަފާރިއާ ތެލުގެ ވިޔަފާރި ކުރުން އެންމެ ރަނގަޅު ކަމަށް ނާޒިމް ވިދާޅުވިއެވެ. ދެން އެ ކުރާ ކުދި ވިޔަފާރިތަކަށް ނުވަދެ ރާއްޖޭން ބޭރަށް ގޮސް ބޭރު ޤައުމުތަކުގައި ވިޔަފާރި ކުރެވޭނެ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ. މިގޮތަށް ރާއްޖޭން ބޭރުގައި ވިޔަފާރިކުރުމަށް ދިވެހި މިފަދަ ކުންފުނިތަކުގައި އިތުރަށް ފައިސާ އިންވެސްޓުކޮށް ހިއްސާ ގަނެގެން މިކަން ކުރާނެ އަދި ކުރެވޭނެ ރާއްޖޭގެ ފަރާތްތައް އެބަ ތިބި ކަމަށާއި އެކަމާ ބެހޭ ގޮތުން ސްޓަޑީ ކުރައްވަމުން ގެންދަވާ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

އެމްޓީސީވެސް އެ ކުންފުންޏާ އެކަށީގެން ނުވާ ކުދި މަސައްކަތްތަކުގެ ތެރެއަށް ވަދެ ކުދި ވިޔަފާރިތަކާ ރާއްޖޭގެ އިޤްތިޞާދު ހަލާކުވާ ގޮަތަށް މަސައްކަތްތައް ނުކޮށް، ބޮޑެތި މަޝްރޫޢު ހިންގުމާއި، އޭގެ އިތުރުން، ރާއްޖޭން ބޭރުގައި ވިޔަފާރި ކުރަންވީ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ބައެއް ކުފުނިތަކުބް ބޮޑުފައިދާވާ ކަމަށް ބުނާއިރު އެކުންފުނި ތަކުގެ ވެރިން ނިކުމެ ވަޑައިގެން އެ ކުންފުނިތަކުގެ ދަރަނި އޮތް މިންވަރު ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ގޮންޖައްސަވައި ވިދާޅުވީ އެ ކުންފުނިތަކުގެ ސީއީއޯ އިންނަށް އެ ކުންފުނިތަކުގެ ދަރަނީގެ ވާހަކަ ދައްކާކަށް ކެރިވަޑައެއް ނުގަންނަވާނޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ ކަމެއް ނުކުރެވި ފޭލިވާ އަތަށް ޖެހުމުން ދެން ދައުލަތުގެ ކޮންމެވެސް ކުންފުންޏަކާ އެކަމެއް ހަވާލުކުރާ ކަމުގައެވެ. އެގޮތަށް ކުންފުނިތަކާ ކަންކަން ހަވާލުކުރާއިރު އެ ކުންފުނީގެ މެންޑޭޓުގައި ނެތް ކަންތައްތައްވެސް ޙަވާލުކުރަމުން ގެންދާ ކަމުގައި ވިދާޅުވެ ނާޒިމް އޭގެ މިސާލުތައްވެސް ދެއްކެވިއެވެ. އެގޮތުން ސްޓެލްކޯ އިން ފްލެޓް އެޅުންފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

އެމްއެންޕީ ގެ ވެރިކަމެއްގައި މިކަންކަން ބަދަލުކޮށް، ޤާނޫނުގެ ރޫޙާ އެއްގޮތަށް ކުންފުނީގެ ހިންގުން އަލުން އިންތިޒާމުކުރައްވައި، ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކުރުން ހުއްޓާލައްވާނެކަމުގައި ނާޒިމް ވިދާޅުވިއެވެ.