އައްޑޫ ސިޓީ ހިތަދޫގައި މިހާރު އިމާރާތް ކުރަމުން ގެންދާ "ނެޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ނުވަތަ ޕޮލިސް ޓްރެއިނިން ސެންޓަރގެ މަސައްކަތް ނިމި އެތަނުން ޚިދުމަތްދޭން ފެށުމުން އައްޑޫ ސިޓީގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެމަރުކަޒު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީޕީ ވިދާޅުވީ އެތަނުގައި ހިނގާނީ ހަމައެކަނި ފުލުހުން ތަމްރީން ކުރުމުގެ ހަރަކާތްތަކެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ކޮމިޔުނިޓީގެ ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ އެކި މުއައްސަސާތަކުން ބާއްވާ ވޯކްޝޮޕްތަކާއި، ތައުލީމާ ގުޅުންހުރި ހަރަކާތައް ބޭއްވޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތަކުން ނުވަތަ ކުޅިވަރު އެސޯސިއޭޝަނަކުން އިންތިޒާމް ކޮށްގެން ބާއްވާ ކުޅިވަރު ހަރާކާތައް ވެސް ބޭއްވޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން އެފަދަ ހަރަކާތެއް ބާއްވަން އުޅުނަސް އެފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސްކޫލްތަކުން ބާއްވާ ތަފާތު ހަރަކާތްތައް ބޭއްވުމަށް ވެސް އެތަން ބޭނުން ކުރެވޭނެ ކަމަށެވެ.
އެތަން ހިންގުމުގައި އައްޑޫ ސިޓީގެ ދައުރެއްވެސް ހިމަނާގޮތަށް މިހާރުވާނީ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އެތަނުގައި ވަޒީފާގެ ފުރުސަތު އޮތް މިންވަރަކުން އެފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ. އެފުރުސަތު ހުޅުވާލުމުން އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނަށް ވެސް ވަޒީފާ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މިމަރުކަޒަށް ޖުމްލަ ސާޅީހާއި ސާޅީސް ދެ މިލިއަނާ ދެމެދުގެ އަދަދަށް ޑޮލަރު ޚަރަދުވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެތަން ނިންމެވުމަށް އިންޑިއާ ސަރުކާރުގެ އިތުރުން ދިވެހި ސަރުކާރުން ވެސް މިހާރު ޚަރަދު ކުރަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެގާރަ މިލިއަން ރުފިޔާ ހިމާނާފައިވާނެ ކަމަށް ވިދާޅުވިއެވެ.