ޔޫކޭއިން ފެނިގެންއުޅޭ ކޮވިޑް-19 ވައިރަސްގެ ބާރުގަދަ އަދި ނުރައްކާތެރި ވައިރަސް ސްޓްރެއިން އޮސްޓްރޭލިއާއިންވެސް ފެނިއްޖެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

އޮސްޓްރޭލިއާއިން ބުނެފައިވަނީ، ބާރުގަދަ ކޮވިޑްވައިރަސްގެ ސްޓްރެއިން ފެނިފައިވަނީ ޔޫކޭއިން އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްއަށް އައި އެގައުމުގެ ދެ ރައްޔިތެއްގެ ގައިން ކަމަށެވެ.

އެދެ މީހުން މިހާރު ތިބީ ކަރަންޓީނުގައެވެ.

އަދި އޮސްޓްރޭލިއާގެ ސިޑްނީގައި ކޮވިޑްބަލި މިފަހުން ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާއި، އައު ސްޓްރެއިންއާ ގުޅުމެއް ނެތްކަމަށްވެސް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޔޫކޭއިން ބުނެފައިވަނީ، އެ ގައުމުން އަލަށް ފެނުނު ކޮވިޑް-19 ވައިރަސްގެ އައު ސްޓްރެއިން، ކުރިން ފެނިފައިވާ ވައިރަސްއަށްވުރެ 70 ގުނަ ބާރުގަދަވެފައި ނުރައްކާތެރި ކަމަށެވެ.

އަދި ކުރިން ފެނުނު ވައިރަސްއަށްވުރެ އަލަށް ފެނުނު ސްޓްރެއިން މާ އަވަސްމިނުގައި ވަރަށް ބާރަށް ފެތުރެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމާހެދި، ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ލަންޑަނާއި، އަދި ޔޫކޭގެ ދެކުނުއިރުމަތީ ސަރަހައްދުތަކުގައި މިހާރުވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.

އަލަށް ފެނިގެންއުޅޭ ވައިރަސްގެ ބާރުގަދަ ސްޓްރެއިންގެ ސަބަބުން، ޔޫކޭގެ އަވަށްޓެރި ޔޫރަޕްގެ ގައުމުތަކާއި، ދުނިޔޭގެ އެހެން ގައުމުތަކުންވެސް މިހާރު ގެންދަނީ އިނގިރޭސި ރައްޔިތުންނަށް އެގައުމުގެ ބޯޑަރު ބަންދުކުރަމުންނެވެ.

ފްރާންސް، ޖަރުމަނު، އިޓަލީ، އޮސްޓްރިއާ، ނެދަރލޭންޑްސް، ބެލްޖިއަމް، ކެނެޑާ، ސައުދީ އަރަބިއްޔާ، އީރާންފަދަ ގައުމުތަކުގެ ބޯޑަރު، ޔޫކޭގެ އެއަރލައިންތަކަށް ބަންދުކޮށްފައި ވާއިރު، ހޮންގްކޮންގުންވެސް ވަނީ ޔޫކޭގެ ބޯޓުތަކަށް ދޮރުތައް ބަންދުކޮށްފައެވެ.

ޖަޕާން ދެކުނު ކޮރެއާ ފަދަ ގައުމުތަކުން ބުނެފައިވަނީ، ޔޫކޭގައި ފެތުރެމުންދާ ކޮވިޑް ވައިރަސްގެ އައު ސްޓްރެއިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އަލަށް ފެތުރެމުންދާ ކޮވިޑް ވައިރަސްގެ އައު ސްޓްރެއިންއާ ބެހޭ މާގިނަ މައުލޫމާތެއް އަދި ނޭނގެއެވެ. އެހެން ނަމަވެސް، އިނގިރޭސި ސައިންސްވެރިން ބުނެފައިވަނީ، މިހާރު މިހާރު އުފައްދައިގެން އުޅޭ ވެކްސިން އެ ސްޓްރެއިންއަށް އިފެކްޓިވް ކަމަށް ގަބޫލުކުރާ ކަމަށެވެ.