ރޯދަ މަސް ފެށުނުއިރު 60-40 ދޭތެރޭގެ އަގެއްގައި ހުރި ކުރުނބަލުގެ އަގު ބޮޑު ތަނުން ވެއްޓި ލޯކަލް މާރުކޭޓުންނާއި ދަތުރުވެރިންގެ މާރުކޭޓް ގޮޅިތަކުން 25-40 ރުފިޔާއާ ދޭތެރޭގެ އަގެއްގައި ކުރުނބާ ލިބެން ފަށައިފިއެވެ.

މިހާރު އެންމެ ބޮޑެތި ސައިޒުގެ ކުރުނބާ މާރުކޭޓުން ލިބެން ހުރީ 40 ރުފިޔާއަށެވެ. މިސައިޒުގެ ކުރުނބާ، ހުވަދޫ-ފުވައްމުލައް-އައްޑޫ ދޯނިތައް ކައިރިން ޖެޓީ މަތިން 30 ރުފިޔާށް ލިބެއެވެ. މިސަރަހައްދުން 20 ރުފިޔާއަށްވެސް ކުރުނބާ ލިބެން އެބަހުއްޓެވެ.

ފުވައްމުލަކު ދޯންޏަކުން ގެނައި ކުރުނބާތަކެއް ވިއްކަން ހުރި މީހަކު "ހަލި ނިއުސް" އަށް މައުލޫމާތު ދިން ގޮތުގައި ކުރުނބަލުގެ އަގު، ރޯދަމަސް ފެށުނުއިރު އަޅާބަލާއިރު ވެއްޓިގެން މިއުޅެނީ އެންމެ ދެކުނުގެ ތިން އަތޮޅުން ގިނަ އަދަދެއްގެ ކުރުނބާ މިނިމުނު ހަފްތާގައި މާލެ ގެނައުމާ ގުޅިގެންނެވެ.

"އަޅުގަނޑުމެންވެސް މިދަތަރުގައި ގެނައިން ދިހަ ހާހެއްހައި ކުރުނބާ. ހުވަދޫ އަދި އައްޑޫ އޮޑިފަހަރުންވެސް ގެނައި ކުރުނބާތައް މިއޮތީ ތޮށިގަނޑު ކައިރީ ފެންނަން" ތޮށިގަނޑު ކައިރީ ބަހައްޓާފައި ހުރި ކުރުނބާތަކަށް އިޝާރާތް ކުރަމުން ފުވަމުލަކުން ގެނައި ކުރުނބާތައް ވިކަން ހުރި މީހާ ބުންޏެވެ.

މިހާރު ކުރުނބަލުގެ އަގު ތިރިވެފައިވައި މިވަނީ އާންމު އެހެނިހެން މަސްމަހުވެސް ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކާ އަގުތަކާ އެއްވަރަށްކަން ފާހަގަ ކޮށްލެވެއެވެ.