މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އައްޑޫސިޓީގެ މެޖޯރިޓީ ނަންގަވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް އެސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އައްޑޫ ސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރު އަދި މިހާރު ޕްލޭނިން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު ޔަސްރިފް ވިދާޅުވީ މިހާތަނަށް އައްޑޫގެ ތަރައްގީއަށް އެންމެބޮޑެތި ކަންކަން ކޮށްދެއްވައިފައިވަނީ ވެސް އެމްޑީޕީން ކަމަށެވެ.

ޔަސްރިފް ވިދާޅުވެފައިވަނީ 2011 ވަނަ އަހަރު ސާކް ސަމިޓާ ދިމާކޮށް ހިތަދޫ ބޮޑުމަގުގައި އެމްޑީޕީ ސަރުކާރުން ތާރު އެޅިކަމަށެވެ. އެފަހަރު ތާރު އަޅައިފައިވަނީ ހިތަދޫ ސުކޫލާ ހަމައަށްކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ 12 ވަރަކަށް އަހަރުފަހުން އޭގެ އުތުރަށް އޮތްބައިގައި އެމްޑީޕީގެ މިހާރުގެ ސަރުކާރުން ގެންދަނީ ތާރު އެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"އެމްޑީޕީއަކީ އައްޑޫ ގެ ތަރައްޤީއަށް މިހާތަނަށް އެންމެ ބޮޑެތި މަސައްކަތް ކޮށް ދިން ޕާޓީ. އިރާދަ ކުރެއްވިޔާ 2023 ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު އައްޑޫ ގެ މެޖޯރިޓީ ނަންގަވާނެ،" ޔަސްރިފް ވިދާޅުވިއެވެ.

މިސަރުކާރު މިހާރު ގެންދަނީ އައްޑޫއިން ބިންހިއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.