މ.މުލަކުގައި މިއަހަރުވެސް ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން، ''ޒީވެންޑް މަސްރޭސް- ވިހިތޭވީސް'' ބާއްވަން ހަމަޖެހިފައިވާ ކަަމަށް އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް(ސެލް)ގެ ފަރާތުން ވިދާޅުވެއްޖެއެެވެ.

ސެލްއިން ވިދާޅުވީ، މި މަސްރޭހަކީ، ޒީވެންޑްގެ ސްޕޮންސަރޝިޕްގެ ދަށުން، އެ ޖަމިއްޔާގެ ފަރާތުން، މުލަކުގެ އެންމެހާ ރައްޔިތުންނަށް އަމާޒުކުރެވިގެން ބާއްވަން ހަމަޖެހިފައިވާ މަސްރޭހެއް ކަމަށެވެ. އަދި މި މަސްރޭހުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ރޫހް އާލާކޮށް، މަސްވެރިކަން ކުރުމުގައި، ޖޯޝުންފުރިގެންވާ ވާދަވެރި މާހައުލެއް އުފެއްދުން ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އަދި އެރަށުގައި ޤާއިމްވެފައިވާ އެކިއެކި މުއައްސަސާތަކާއި، ޖަމިއްޔާތަކުގެ އިތުރުން ކުޅިވަރު ދަނޑުތަކުގައި ވާދަކުރާ ޓީމްތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަކީވެސް މި ކަންކުރުމުގެ އެއް މަޤްޞަދު ކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

'' މިފަހަރުގެ މި މުބާރާތް ޙާއްސަވެފައި ތަފާތުވާނެ.. އެއީ މި ފަހަރު އަންހެން ކަނބަލުންނަށް ޙާއްސަ އިނާމެއް ދޭން ހަމަޖެހިފައިވާތީ''، ސެލްގެ އިވެންޓް ކޯޑިނޭޓަރ ޝާމިލު މުހައްމަދު ވިދާޅުވިއެވެ.

މީގެއިތުރުން ސެލްއިން ވަނީ މި މަސްރޭހުގެ ޤަވައިދާއި، އޮފިޝަލުންގެ ޒިންމާއާއި، ޓީމްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތާއި އަދި ޖަޖުންގެ ޕެނަލް އެކުލަވާލައިފައިވާ އުސޫލުތައްވެސް އެޖަމިއްޔާގެ ފޭސްބުކް ޕޭޖްއަށް ހިއްސާކުރައްވާފައެވެ.

މި މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ ވަނަތަކާއި، އިނާމްތައް:

  • އެއްވަނަ ޓީމް (-/5000 ރުފިޔާ) ސެޓްފިކެޓް
  • ދެވަނަ ޓީމް (-/3000 ރުފިޔާ) ސެޓްފިކެޓް
  • ތިންވަނަ ޓީމް ( -/2000 ރުފިޔާ) ސެޓްފިކެޓް
  • އެއްވަނަ ކަނބަލުންގެ ޓީމް (ހާއްސަ ޕެކޭޖް)
  • އެންމެ ގިނަމަސް ބާނާ ޓީމް (ހާއްސަ ޕެކޭޖް)
  • އަދި އެންމެ ބަރުމަސް ބާނާ ބައިވެރިޔާ (ހާއްސަ ޕެކޭޖް) ހިމެނެއެވެ.

މިއީ މުލަކުގައި ޢީދު ފާހަގަ ކުރުމުގެ ގޮތުން، މިފަދަ މުބާރާތެއް ބާއްވާ ދެވަނަ ފަހަރެވެ.