ޕަރީފެންގަނޑު: (އެގާރަވަނަ ބައި) ލިޔުނީ: މަމްދޫޙު އިބްރާހީމް

ސިއްދީޤު އާއި ޝަބީބާ ކަމަނާ

ތުއްތުސީދީ ނުހުއްޓި ކަޅުސިހުރުގެ ކިޔެވެލި ކިޔަވަމުން ގެންދަނީއެވެ. މިހެން ކިޔެވެލި ކިޔަވަން އިނދެފައި ކުއްލިއަކަށް ތެދުވެގެން ގޮސް އަލިފާންގަނޑުން ބޮޑު އަލިފާން ދަރުބުރިއެއް ނަގައި އެހިފައިގެން ގޮސް ވެލާއޮތް ވަޅުގަނޑުގެ ވަށައިގެން ފާހަގަ ވާގޮތަށް ބޮޑު ވައްބުރެއް ކުރަހަމުން ގެންދިޔައެވެ. އަދި ތަކުރާރު ކޮށް ސިހުރުގެ ކިޔެވެލި ކިޔަމުން ގެންދިޔައެވެ. އަދި މިކަން ކުރަމުން ވެލާއޮތް ވަޅުގަނޑު ވަށައިގެން ވައްބުރު ކުރަހައި ނިންމި ވަގުތު މުޅި ރަށުގެ ފަޅު ތެރެއިން ވަށް ބުރަކަށް އެތަކެއް ސަތޭކަ މިއަރު އައިން ހުއްޓި ނުލައި ބުރުޖަހަން ފެށިއެވެ.

މިހާރު ރަށުމަތިން ބަލައިލައިފިނަމަ ފެންނާނީ ރަށުގެ ވަށައިގެން މޫދުގައި ހިޔަނި ތަކެއްހެން ބޮޑެތި މިއަރު އައިން ތަކެއް ވައްބުރަކަށް ނުހުއްޓި ބުރުޖަހައި ތަނެވެ. ރަށު ތެރޭގައި ހުރިހާ ގަސްތައް ވަޔާ ހެލޭ އަޑުފަށްގަނޑު ގަދަކަމުން މީހެއްގެ ކަންފަތަށް އެހެން އަޑެއް ނީވެއެވެ.

ތުއްތުސީދީ އޭނާކައިރީގައި ހުރި ފޮށި ހުޅުވާފައި އޭގެތެރެއިން ހުވަނދުމާ އަޅައިފައިހުރި ފުޅިން މާތައްނަގައި ބިންމަތީގައި ކުރަހާފައިއޮތް ވަށްބުރުވަށައިގެން އަތުރަން ފެށިއެވެ. އެއިން އެންމެ މަލެއްގެ މިންވަރު ވެސް އަދި މޯޅިއެއްނުވެއެވެ. ހީވަނީ ހަމަދެންމެ ގަހަކުން ބިނދެފައި ހުރި ހުވަނދުމާތަކެއް ހެންނެވެ.

ތުއްތުސީދީ ބޮޑު ނޭވާއެއްލައިފައި އުޑުމަތީގައިވާ ތަރިތަކަށް ބަލާލައިފިއެވެ. އުޑުމަތީގައި ފިޔަޖަހާތަރިތައް ހީވަނީ އުޑުމަތި ރީތިކުރުވަން ހަރުކޮށްފައި ހުރި ޖަވާހިރު ތަކެއްހެންނެވެ. އެހާ ވެސް ރީއްޗެވެ. އެކަމުކު އެރޭ ހުރީ ހަނދު ކޭތަ ހިފައި ފުސްވެފައި ހުރި ރަތް ފަނޑު އަލިކަމެއް ފެތުރިފައެވެ. ހަނދުގެ އެއްފަޅި ހުރީ ކަޅުވެ އަނެއް ފަޅި ހުރީ ރަތްކުލަ އަރައިފައެވެ. އެހައި ރީތި މަންޒަރެއް ފެންނަން ހުއްޓަސް އެމަންޒަރުގެ ދަށުގައި މިހިނގާ ބިރުވެރި ކަންތައްތަކަކީ އިންސާނެއްގެ ހިޔާލަށް ވެސް ގެންނަން ދަތިއެހާ އުނދަގޫ ކަމެކެވެ.

ތުއްތުސީދީ މިހާރު ބޭނުން ވަނީ އޭނާ ދިގު އިންތިޒާރެއް ކުރަމުން އަންނަ ދެކިލަން ބޭނުންވާ ފަރާތެއް އޭނާއާ ހަމައަށް ހާޒިރު ކުރުވާށެވެ. އޭނާ ވަރަށް ވެސް ހިތްވަރާއެކު ޖެހިލުންކުޑަކޮށް ހުރެގެންނޫނީ މިކަމަކާ ކުރިމައްޗެއް ނުލެވޭނެއެވެ. ގޮތް ނޭނގޭ ބަހުރުވައިން ލިޔެފައިވާ ކަޅު ސިހުރުގެ ފޮތް ނަގައި އޭނާގެ ކުރިމަތީގައި ބާއްވައިފިއެވެ. ދެން އޭނާ ދެލޯ މަރާލައިގެން އިނދެ އަންހެނެއްގެ ނަން ސިއްރު ސިއްރުން އެބަ ކިޔައެވެ. އެއާއެކު ކޮންމެވެސް ކިޔެވެއްޔަކާއެކު އެއަންހެނެއްގެ ނަން މަސްހުނިވާ ގޮތަށް އެބަ ކިޔައެވެ. ވައި ބާރުވެ ކުރިމަތީގައި އޮތް ފޮތް އަމިއްލައަށް ހުޅުވިގެން ފޮތުން ފަހަރަކު ގަނޑެއް ވަކިވަކިން އުކެން ފަށައިފިއެވެ.

*********** ************ ************

ތުއްތުސީދީގެ ރަށުގައި މަރިޔަމްފުޅުގެ ގޭގައި....

މިކަންތައްގަނޑު ވަމުން ދިޔައިރު ތުއްތުސީދީގެ ރަށުގައި ހުރި މަރިޔަމްފުޅުގެ ގޭގައި މިވަގުތު ނިދާފައި އޮތް ޔާސިރު ކުއްލިއަކަށް ތެދުވެއްޖެއެވެ. މީ ދަންވަރުގެ ވަގުތެެވެ. އެހެންކަމުން މަރިޔަމް ފުޅުގެ ގޭ އެންމެން ތިބީ ގަދަ ނިދީގައެވެ. ޔާސިރު އޮތް ކޮޓަރި ހުރީ ތަޅުލާފައެވެ. ޔާސިރު ނިދިން ހޭލައި އަނގައިން ފާޑެއްގެ ފޮނުތަކެއް އެބަ ނެރެއެވެ. އޭނާގެ ކަރުހުރީ ފުފި އަދި ދުޅަވެ ފުއްޕާފައި ހުރިހެންނެވެ.

މިހެން އިނދެ ކޮޓަރީގެ ހަތަރަސްކަނަށް ބަލާލާފައި މަތީގައި ހުރި ބޮޑު ކުޑަދޮރެއްގެ މައްޗަށް ފުންމައިގެން އަރައިފިއެވެ. ދެން ފުންމާލީ އެގޭ ބިއްދޮށަށެވެ. ފުންމާލި ވަގުތު އިނީ އުޑަފައިންނެވެ. އެހެން އިނދެފައި އަނެއްކާ ވެސް ފުންމައިގެން އޭނާއެރީ މަގު މައްޗަށްވާހެން ބޭރުފަޅީގައި ހުރި ފާރުމައްޗަށެވެ. އަނެއްކާ ފާރުމަތިން ފުންމާލައިގެން ބޮކެއް ފުންމަމުން ދާހެން އުޑަފައި ޖަހައި ފުންމަމުން އެދިޔައީ އޭނާއުޅޭ ރަތްއަކިރީ ގެއަށެވެ.

ކޮންމެވެސް ވަރަކަށް ވާރޭވެހި ވައި ވެސް ހުރީ ބާރުވެފައެވެ. އެހެންކަމުން އެއްވެސް މީހެއްގެ ހިލަމެއް މިހާދަންވަރު ރަށުތެރެއަކުން ފެންނާކަން ނެތެވެ. ތުއްތުސީދީގެ ގޯތީގެ ފާރަކީއެހެން ގޭގެ ފާރުތަކަށް ބަލާއިރު ވަރަށް އުސްކޮށް ރާނާފައި ހުންނަ ފާރުތަކެކެވެ. ޔާސިރު އެދިޔަގޮތަށް ގޮސް އެގޭ ގިފިލީ ފާރުމައްޗަށް ފުންމައިގެން އަރައި ގިފިލީގެ ތެރެއަށް ފުންމާލައިފިއެވެ.

ޔާސިރު އެދިޔަ ގޮތަށް ގޮސް އެގޭ ކުކުޅު ކޮށްޓަށް ވަދެ ކުކުޅުތައް ފައްސައި ހުރިހާ ކުކުޅުތަކުގެ ކަރު އަނބުރައި މަރައިފިއެވެ. އަދި ކުކުޅުތައް ނަގައި ރޮލާ ވީދައި ނޮޅައި ކާން ފެށިއެވެ.

***** ****** *******

އަނެއްކޮޅުން ތުއްތުސީދީ ނުހުއްޓި ކިޔެވެލި ކިޔަވަމުން ދަނީއެވެ. ވަކިހިސާބަކަށް ކިޔަވަން އިންދާ ކުއްލިއަކަށް މުޅިސަރަހައްދުން ވަރަށް މީރުވަހެއް ދުވަން ފެށިއެވެ. ވަށައިގެންވާ މާހައުލުގައި ދިރުންހުރި ކޮންމެ އެއްޗަކަށް އެތާގައި ހުރެއްޖެ ނަމަ އެވަސް ދުވާނެކަން ކަށަވަރެވެ. އެދުވަމުން އައި މީރުވަހަކީ ހުވަނދު ތަކުގެ ތެރެއިން އާދަޔާ ޚިލާފު މީރުވަހެއް އެކުލެވިގެންވާ ހުވަނދެކެވެ. ވަރައށްވެސް ގަދަފަދަ ހުވަނދެއްގެ ވަހެކެވެ. ގޮމަކަސްތޫރިއަށްވުރެ ވެސް މީރުވަސް ކަން ޔަޤީނެވެ.

މިވަސް އޭނާގެ ނޭފަތުގައި ޖެހުމުން ތުއްތުސީދީއަށް މީގެ އެތަކެއް އަހަރުތަކެއްގެ ކުރީގެ ހަނދާންތަކެއް އާވާން ފެށިއެވެ. އެއީ ހަމަ އެވަހެވެ. ތުއްތުސީދީގެ ޒުވާން ދުވަސްވަރު އޭނާގެ ނޭފަތަށް ދުވި ހަނދާނުން ފިލައިގެންނުދާ މީރުވަހެކެވެ. ތުއްތުސީދީ އުޑާ ދިމާލަށް މައްޗަށް ބަލާލައިފިއެވެ.

މިހާރު އެފެންނަނީ ބިޔަ އަލިގުޅައެކެވެ. އެއަލިގަނޑުގެ އަލިގަދަކަމުން ހީވަނީ އަލިފާން ރޯވެ ކަނިބުރުވަމުން އަންނަ ބޮޑު އަލިފާން ބޯޅައެއްހެންނެވެ. ނަމަވެސް އެއަލިގުޅައިން ކިތަންމެ ވަރަކަށް އަލިފާންރޯވެ ދިއްލާފާ ހުއްޓަސް އެއްވެސް ދުމެއް ނާރައެވެ. ގިނިހިލައެއް އަންނަ ފަދައިން އެ އަލިގުޅަ އަންނަނީ ތުއްތުސީދީ ތައްޔާރުކޮށް ވެލާ ލައިފައި އޮތް ބޮޑު ވަޅުގަނޑާ ދިމާ ތިރިއަށެވެ. އަލިގުޅަ ކައިރިވަމުން އައި އިރު އެދުވަމުން ދިޔަ ހުވަނދުގެ ވަސް ދިޔައީ ގަދަވަމުންނެވެ. މީހެއްގެ ބޮލަށް އެނބުރުން އަރާފަދަ ބާރުގަދަ ހުވަނދެއްގެ ވަހެކެވެ.

އެއަލިގުޅަ އެނބުރެމުން އެއައިގޮތަށް އައިސް އެތިރިކޮށްލީ ވެލާ އޮތް ވަޅުގަނޑުގެ މައްޗަށް ވާގޮތަށެވެ. އެކަމަކު މުޅިއަކުން އެވަޅުގަނޑުގެ ތެރެއަކަށް ނޫނެވެ. އެއަލިގަނޑު އެހުރީ އެވަޅުގަނޑާ ޖެހޭ ނުޖެހޭ ހިސާބު މަތީގައެވެ. ތުއްތުސީދީ އަކަށް ދެލޯ ވެސް ނުހުޅުވެއެވެ. އެއީ އެ އަލިގުޅައިން ފެތުރިފައި ހުރި އަލި ގަދަކަމުންނެވެ. އެގޮތަށް އެއަލިފާން ބޯޅަ އެނބުރެމުން ކަނިބުރުވަން އޮވެ އޮވެފައި އަލިގަނޑު މުޅިތަނަށް ބުރައިގެން ގޮސް އެބަދަލުވީ ރީތި އަންހެން ސޫރައަކަށެވެ.

އެއަންހެނާގެ ފަހަތުގައި އެތެރެ ފެންނަގޮތަށް އެކިކުލަކުލައިގެ އަލިވަމުންދާ ފިޔަނގަޑެއް އެބަ ހުއްޓެވެ. އެ ސޫރަ ޖެހިފައި ހުރީ ހަމަގައިމު ވެސް އިންސާނެއްގައި ނޫންކަން ޔަޤީނެވެ. އެ އަންހެންވަންތަ ރީތި ސޫރަ ނިވައިކުރުމަށް ލައިގެން އެހުރީ ދިއްލިފައިހުރި ބިއްލޫރިފާޑު ހެދުމެކެވެ. ނަމަވެސް އެދިއްލިފައި ހުންނާތީ ހަށިގަނޑުގެ އެތެރެއިން އެއްވެސް ބައެއް ނުވަތަ ގުނަވަނެއް ފެންނާކަށް ނެތެވެ. އެއަންހެނާގެ ރީތި އޮރެންޖު ކުލައިގެ ދިގު އިސްތަށިގަނޑު އޭނާގެ އުނަގަނޑުން ތިރިއަށްހުއްޓެވެ. އޭނާގެ ކޮނޑާހަމައަށް ދެއަތުގައި ވެސް ބިއްލޫރި ތަނޑުބައެއް އަޅާފައި ހުއްޓެވެ.

މިހާރު ތުއްތުސީދީގެ ކުރިމަތީގައި ހުއްޓިގެން ބިންމަތީގައި ފައިނުޖެހޭގޮތަށް އެހުރީ އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ އެވެ.

މިމަޚްލޫޤް އަކީ ތުއްތުސީދީ ދުނިޔޭގެ އެންމެފަހު އެއްޗަކަށް ވެސް ބަލާލަން ބޭނުންވެފައިވާ ފަރާތެކެވެ. ޝަބީބާ ކަމަނާ ގެ އަޖައިބު ކުރަވަނިވި ޖާދުވީ ރީތިކަން އަނެއްކާ ވެސް ތުއްތުސީދީ އަށް ފެނުމުގެ ފުރުސަތު މި ލިބުނީއެވެ. ތުއްތުސީދީގެ އުމުރުން މިހާ ދުވަސް ވެފައި ވަނިކޮށް މިހުރިހާ މަރުހަލާއެއް ކަޑަތު ކޮށްފައި މިރީތި މަޚްލޫޤަށް ބަލާލުމުގެ ފުރުސަތު އަލުން އަނެއްކާ ވެސް ލިބުނީތީ ތުއްތުސީދީ ހުރީ ވަރަށް އުފާވެފައެވެ. ފަހަރުގައި މިއީ ދެން އޭނާގެ ހަޔާތުގެ އެންމެ ފަހުފަހަރަށް ޝަބީބާ ކަމަނާ ފެނުމުގެ ފުރުސަތު ކަމުގައި ވެސް ވުން ހަމަ އެކަށީގެން ވެއެވެ.

ޝަބީބާ ކަމަނާ ފުރަތަމަ ވެސް ތުއްތުސީދީ އަށް އެ ކަމަނާ ގެ ރަން އަޑުންފުޅުން ވިދާޅުވިއެވެ.

"ސިއްދީގު...؟" މިހެން ޝަބީބާ ކަމަނާ ގޮވާ ލެއްވި ތަނުން ތުއްތުސީދީ ދިޔައީ ސިއްސައި ގެންނެވެ. ސިއްދީގު އެއީ އޭނާއަށް އަސްލުގައި ކިޔާނަމެވެ. އޭނާގެ އަސްލުނަމުން ގޮވާ އެކަކު ވެސް ނޫޅޭނެއެވެ. އެންމެން ވެސް އޭނާއަށް އާންމުކޮށް ކިޔާއުޅޭނީ ތުއްތުސީދީ ނުވަތަ ސީދިބޭ އެވެ.

(ނުނިމޭ)