"އޭ ފިރުއައުނާއެވެ! ކަލޭގެ ކިބައިން އަހަންނަށް ދިހަ ހިކުމަތެއް ދަސްވި އެވެ."

1. ކަލޭގެ ކިބައިން ދަސްވި ފުރަތަމަ ހިކުމަތަކީ މާތްﷲގެ އިރާދަފުޅު ތަންފީޒުވެ، ހިންގާލެވޭނޭ ކަމެވެ. ކަލޭ، އެތައް ހާސް ތުއްތު ކުދިންނެއް މެރިއެވެ. މޫސާގެފާނު އުފަންވެ ވަޑައިގަތުން ހުއްޓުވުމަށްޓަކައެވެ. ނަމަވެސް، އެކަލޭގެފާނު އުފަންވެ ވަޑައިގެން، އެކަލޭގެފާނު ބެއްލެވުން ހަވާލު ކުރެވުނީ ކަލެއާއެވެ!

2. ކަލޭގެ ކިބައިން ދަސްވި ދެވަނަ ހިކުމަތަކީ ހިތްތައް ވަނީ މާތްﷲގެ ބާރުފުޅުގެ ދަށުގައި ކަމެވެ. އެކަލާގެފާނަށް، އެކަލޭގެފާނުންގެ މަންމާފުޅުގެ އޯގާތެރިކަމާއި އަޅާލެއްވުމުން، އެކަލޭގެފާނު މަހުރޫމުކުރުން ކަލޭ މެދުވެރި ކުރުވުމުން، ކަލޭގެ އަނބިކަނބަލުން، އާސިޔަތުގެފާނުގެ ހިތްޕުޅުގައި އެ އޯގާތެރިކަމާއި އަޅާލުން ލެއްވިއެވެ. ކަލޭ ބޭުންނުވީ މޫސާގެފާނަށް އެކަލޭގެފާނުންގެ މަންމާފުޅު ލިބޭ ގޮތް ނުވުމަށެވެ. ނަމަވެސް، މާތްﷲ ނިންމެވީ، އެކަލޭގެފާނަށް، އެކަލޭގެފާނުންގެ މަންމާފުޅުގެ އިތުރުން، އެހެން މަންމައެއް ވެސް ލިބިވަޑައިގަތުމެވެ.

3. ކަލޭގެ ކިބައިން ދަސްވި ތިންވަނަ ހިކުމަތަކީ އެއްވެސް މީހަކަށް އެހެން މީހަކު ގޯސް ނުކޮށްލެވޭނޭ ކަމެވެ. އެ ގަނޑުވަރެއްގައި «أنا ربكم الأعلى» “އަހަންނަކީ ކަލޭމެންގެ އެންމެ ބޮޑު ރަސްކަލާނގެއޭ'” ބުނެ، ކަލެއަކީ ކަލެއް ކަމަށް ދައުވާ ކުރަމުން ގެންދިޔައިރު، ހަމަ އެނގަޑުވަރުގެ އެހެން ކޮޓަރިެއްގައި ކަލޭގެ އަނބިކަނބަލުން، މާތްﷲއާ މުޚާތަބުކޮށް، ވިދާޅުވަމުން ގެންދެވީ <سبحان ربي الأعلى> “އަޅާގެ އެންމެ މަތިވެރިވެގެންވާ ސާހިބުވަންތަ ރަސްކަލާނގެ ހުރިހާ އައިބުތަކުންނާއި އުނިކަމަކުން ހުސްތޯހިރުވެގެން ވެއެވެ”، މިހެންނެވެ.

4. ކަލޭގެ ކިބައިން ދަސްވި ހަތަރުވަނަ ކަމަކީ ގޭގޭގައި ވެސް ސިއްރުތަކެއް އެކުލެވިގެންވާ ކަމެވެ. ގެއެއްގައި އެެއް ފުރާޅެއްގެ ދަށުގައި އަނތްބަކާއި ފިރިއަކު އުޅުނު ކަމުގައި ވިޔަސް، އެ ދެ މީހުންނަކީ، ފިކުރީ ގޮތުން، ދެ ބީރައްޓެހިން ކަމުގައި ވެދާނޭ ކަމެވެ. ދެމަފަރިން ގުޅުވައިދެނީ އެދެމީހުން ހިތް ކަމެވެ. އެ ދެ މީހުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ފިކުރާއި އަގީދާކަމެވެ. އެ ދެމީހުން އެއް ފުރާޅެއްގެ ދަށުގައި ތިބޭ ގޭގެ ފުރާޅެއް ނޫންކަމެވެ.

5. ކަލޭގެ ކިބައިން ދަސްވި ފަސްވަނަ ކަމަކީ ބޮޑު ލަޝްކަރަކަށް ވެސް، މުއުމިނެއްގެ ކިބައިން އޭނާގެ އީމާންކަން ނިގުޅައި ނުގަނެވޭނޭ ކަމެވެ. ކަލޭގެ ސިހުރުވެރިން އީމާން ވުމުން، ކަލޭގެ ލަޝްކަރަކަށް އެމީހުންގެ ކިބައިން އެމީހުންގެ އީމާންކަން ނިގުޅައި ގަނެވުނު ހެއްޔެވެ؟ ކަލޭގެ ލަޝްކަަރަށް އެކަމެއް ނުވިއެވެ. އަދި، ކަލޭގެ ގަނޑުވަރުގެ ޚާދިމާއާއި އޭނާގެ ކުދިން ކަލޭގެ ލަޝްކަރު ލައްވައި ހޫނު ތެލުގެ ތެރޭގައި އަންދާލުމުން ވެސް، އޭނާގެ ކިބައިން އޭނާގެ އީމާންކަން ނިގުޅައި ގަނެވުނު ހެއްޔެވެ؟ ކަލޭގެ ލަޝްކަަރަށް އެކަމެއް ނުވިއެވެ.

6. ކަލޭގެ ކިބައިން ދަސްވި ހަވަނަ ކަމަކީ ތިމާގެ ކަމުގެ ލޭ ފެނަށް، އެއްވެސް އަސަރެއް ނުހުންނަ އެއްޗަކަށް، ބަދަލުވެގެން ނުދާނޭ ކަމެވެ. މޫސާގެފާނަށް ކިރުމަޔަކު ހޯދަން ރަށު ތެރޭގައި ކަލޭގެ މީހުން އުޅެނިކޮށް، އެއްވެސް ބިރެއް، ޖެހިލުމެއް ނެތި، އެފަދަ މަޔަކު ދައްކައި ދެންހޭ ވިދާޅުވީ މޫސާގެ ފާނުގެ ކުޑަކުޑަ އުޚުތެއް ނޫން ހެއްޔެވެ؟ ދެން، މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވޭ ގޮތް މެދުވެރިވި ނޫން ހެއްޔެވެ؟ މީގެ އިތުރުން، ބަސްމޮށުންތެރިކަމުގެ ގޮތުން، މޫސާގެފާނަށް ވުރެ، އެކަލޭގެފާނުންގެ އަޚާ ކުޅަދާނަކަމަށް ވިދާޅުވުމުގެ މަތިވެރި ސިފަ އެކަލޭގެފާނަށް ލިބިވަޑައިގެން ވިއެވެ. އެކަމަކީ ފަހަރެއްގައި ވެސް އެކަލޭގެފާނަށް އުނިކަމެއް ލިބިވަޑައިގެންފާނޭ ކަމަކަށް އެކަލޭގެފާނު ދެކިވަޑައި ނުގަތެވެ.

7. ކަލޭގެ ކިބައިން ދަސްވި ހަތްވަނަ ކަމަކީ އަޅުންގެ، ރައްޔިތުންގެ، ޖައްލާދުން – އެ މީހުންނަށް އަނިޔާދީ އެމީހުން ކަތިލާ އަނިޔާވެރިން – އުފައްދަނީ ހަމަ އަޅުން، ރައްޔިތުން، ކަމެވެ. ކަލޭގެ ރައްޔިތުންގެ ބުރިކަށި މައްޗަށް ކަލެއަށް އެރުނީ، އެ މީހުން ބިމަށް ތިރިވެ، އެމީހުންގެ ބުރިކަށި މައްޗަށް ކަލޭ އެރުވުމުންނެވެ.

8. ކަލޭގެ ކިބައިން ދަސްވި އަށްވަނަ ކަމަކީ، އެކަމަކަށް މާތްﷲ އިރާދަފުޅު ކުރެއްވުމުން، އެއީ އޭގެ އެހީގައި ލެނގިލައި، އަދި، އެއިން ކަންބަޅިތައް އެއްކޮށް މަގަށް އަޅުވައި ގެންގުޅޭ އަސާގަނޑެއް ކަމަށް ވިޔަސް، އެ އަސާގަނޑު މެދުވެރި ކޮށް ވެސް ލަޝްކަރެއްގެ އެެންމެ އިސްމީހާ، އެ ލަޝްކަރެއްގެ ތެރޭގައި ހުއްޓައި، އޭނާ ބަލިކުރައްވާފާނޭ ކަމެވެ.

9. ކަލޭގެ ކިބައިން ދަސްވި ނުވަ ވަނަ ކަމަކީ ދުނިޔޭގެ ތަބީއަތުގެ ގާނޫނުތަކަކީ ހަމައެކަނި މީސްތަކުންގެ މައްޗަށް ހިނގާ އެއްޗެއް ކަމެވެ. އެ ގާނޫނުތައް ހުއްޓުވާލަން އިރާދަކުރައްވައިފި ނަމަ، އެކަން މާތްﷲ ކުރައްވަފާނޭ ކަމެވެ. ކޯރެއްގެ ފެންގަނޑަކީ، އޭގެ ތަބީއީ ހަމަ ބުނާ ގޮތުން ނަމަ، އޭގެ ތެރެއަށް ތުއްތު ކުއްޖަކު އެއްލާލުމުން، އެކުއްޖާ ގެނބި މަރުވެދާ އެއްޗެކެވެ. ނަމަވެސް، ކޯރުގެ ތެރެއަށް މޫސާގެފާނު އެއްލާލެވުމުން، ކޯރުވީ ކަލެއާ ހަމައަށް، ކަލެއަށް ނުފެނިގެން އުޅުނު ތުއްތު ބޭފުޅާ ގެނެސްދިން ޕޯސްޓު މީހާއަށެވެ. ހަމައެހެންމެ، ބޮޑު ފެންގަނޑެއް، އެއީ ކަނޑަކަށް ވިޔަސް ނޫނީ ކޯރަކަށް ވިޔަސް، ހުރަސް ކުރެވެނީ ކަނޑުގެ އުޅަނދު ފަހަރުގައެވެ. ނަމަވެސް، މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން، އިސްކޮޅު ނުކާ ބޮޑު ފެންގަޑެއް ހުރަސްކުރެއްވީ، ހިކި މަގެއްގައި ވަޑައިގަންނަވާ ގޮތަށް، ހިންގަވާފައެވެ.

10. ކަލޭގެ ކިބައިން ދަސްވި ދިހަ ވަނަ ކަމަކީ ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ވެސް މާތްﷲގެ ލަޝްކަރުގެ ތެރޭގައި ހިމެނޭ އެއްޗެހި ކަމެވެ. މޫސާގެފާނާ ކުރިމަތިލާން ބޮޑު ލަޝްކަރެއް ކަލޭ ނެރުމުން، ހަމަ އެފަދަ ލަޝްކަރެއް ނެރުއްވުމަށް މާތްﷲ ކުޅަދުންވަންތަ ވޮޑިގެން ވެއެވެ. ނަމަވެސް، ކަލޭ، އެއެއްޗެއްގެ އަތުން މަރުވެ، ނިމި ދިޔައީ، އެއިން ހުރިހާ އެއްޗަކަށް ދިރުންދޭ ފެން މެދުވެރި ކޮށެވެ. ކަލޭގެ ދުވަސް ދިޔުމަށް މާތްﷲ މެދުވެރި ކުރެއްވީ ފެނުގެ ‘ލަޝްކަރެކެވެ’. ކަލޭ ޣަރަގުވެ، ކަލޭގެ އަނގަ ބަންދުވެ، ކަލޭގެ ބޮޑާ ބަސްތަކާއި އަމަލުތަކުގެ ބާތިލުކަން އެންމެނަށް ދެއްކެވުމައްޓަކައެވެ. ކަލޭ ފަދައިން ބޮޑާވެ ގަނެ، މޮޅު ބަސް ބުނެ، މާތްﷲއަށް ގޮންޖަހާލާ ކަލޭ ފަދަ އެހެން މީހުންނަށް ވެސް އިބުރަތަކަށް ވުމަށް ޓަކައެވެ!