ވަރަށް ގާތް ރަހްމަތްތެރި އެއްގެ ހަނދާން އަބަދުވެސް އާކޮށްދޭ ކަނީރުމަލުގެ ނުރައްކާތެރި ސިއްރެއް އޮވެއެވެ. މީގެ ބާރަ އަހަރު ކުރިން އެކްސިޑެންޓެއްގައި އަބަދުގެ އަބަދަށް ވަކިވެގެން ދިޔަ ނީރުމަލާގެ ނަމާ ގުޅިފައި އޭނައަށް އެންމެ ހިތްގައިމު މަލަކީވެސް ކަނީރުމަލެވެ. އަޅުގަނޑުގެ އުފަންދުވަހަށް ކަނީރުމާބޮނޑިއެއް ހަދިޔާކޮށްފައި ބުނި ހަނދާންވެއެވެ.
"މިއީ ރީއްޗަކަސް ނުރައްކާތެރި ގަހެއްގައި އަޅާ މަލެކެވެ." މިހަނދާން ބޮޑަށް އައުވީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރި ބޭފުޅަކު އިހަށްދުވަހު އެކިޒާތުގެ ވިހަ ތަކެތީގެ ވާހަކަ ދެއްކުމުގެ ތެރޭ ކަނީރުމަލުގެ ވާހަކަ ދައްކާފައިވާތީއެވެ.
އައްޑޫ ބަހުން މިއީ ވަރަށް މަޖާ ނަމެއް ކިޔާ މަލެކެވެ. "ފިނިފެންމަލަށް ދޫނިކެރި މާ" (އާދެ އެބުނަނީ ފިނިފެންމަލަކަށް ވަކިދުލެއް ނުކުރާ މަލެކޭ) މިއީ ކަނީރުމަލަށް އައްޑޫގެ ބައެއް ހިސާބުތަކުގައި ކިޔާނަމެކެވެ. އަޅުގަނޑަށް މިނަން އިވުނީ މީގެ އެތައް އަހަރެއް ކުރިންނެވެ. ކުޑައިރު ސުކޫލުގެ ޕްރައިޒްޑޭ ކަހަލަ ދުވަސްތަކުގައި ސުކޫލު ޒީނަތްތެރި ކުރުމަށް މާ ހޯދަން ފަތިހުފަތިހާ ނުކުމެގެން އުޅޭއިރު އެންމެ ގިނައިން ލިބޭ އަދި ބޭނުންވާ އެއްމަލަކީ މިއީ ކަމަށްވާތީއެވެ.
ކަނީރު، "އޮލިއެންޑަރ"ގެ ސައިންޓިފިކް ނަމަކީ "ނީރިއަމް އޮލިއެންޑަރ"އެވެ. މިގަހަކީ، އޮމާން ފިޔަތަކެއްގެ ރީތި ލުއިލުއި ނާޒުކު ވަހެއްގެ ކަނީރުމާ އަޅާ ގަހެވެ. އާންމުކޮށް ދިވެހިރާއްޖޭގެ ހިސާބުތަކުން ފިޔާތޮށްޓާއި ހުދާއި ރީނދޫ ފެނުނަސް އެއަށްވުރެ ގިނަ އެކި ކުލަކުލައިގެ ކަނީރުމާ ހުރެއެވ. މިއީ ވަރަށް ވަރުގަދަ މޫތަކެއްގެޗަށް ބަރޯސާވާ ގަހެކެވެ. މައް 4 އާއި 10 އާ ދެމެދުގެ އިންޗީގެ ހިމަ ފަތްތަކެއް ހުންނަ ގަހުގެ ދިގުމިނަކީ ގާތްގަނޑަކަށް ދިހަބާރަވަރަކަށް ފޫޓެވެ.
ބަލާލަން ހިތްގައިމުވެފައި ކިތަންމެހާވެސް މަޑުމަޑު ލުއި ވަހެއް ހުންނަ އެހާމެ ތުނިތުނި ފިޔަތަކެއްގެ ނާޒުކު މަލެއް ހަދިޔާ ކުރާ މިގަސް ކިމެނެނީ ވިހަގަދަ ގަސްތަކުގެ ތެރޭގައެވެ. ވިހަ މާއްދާތަކެއް ކަމަށްވާ ޑިޖިޓޮކްސިޖެނިން، ނެރީން، އޮލިއޮންޑްރޮސައިޑް އަދި އޮލިއެންޑްރިން މިގަހުގެ މަލާއި ފަތާއި ތޮށްޓާއި ލަކުނޑީގައި ލާމެހިފައިވެއެވެ.
ހުޅަނގު ދެކުނު ޔޫރަޕުން ފެށިގެން އިރުމަތީ އޭޝިއާގައި ހެދޭ ކަނީރުގަސް އެންމެ ގިނައިން ހެދެނީ ޕޯޗުގަލް، މޮރޮކޯ އަދި މޮރިޓޭނިއާގައެވެ. ހަރުފަސް ހުންނަ ތަންތަނުގައި ގަދަ ފިނީގައި އަދި ގަދަ ހޫނުގައި ވެސް ފަސޭހައިން މި ގަސް ހެދެއެވެ.
މި ގަހުގައި އެކުލެވެނީ ފުރާނައަށް ނުރައްކާވާފަދަ ވިހަތަކެކެވެ. މި ވިހައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނަށެވެ. ޑޮކްޓަރުން ހާމަކުރާ ގޮތުގައި މިގަހުގެ އެންމެ ފަތެއް ކެއުމުގެ ސަބަބުން ވެސް ތުއްތު ކުއްޖަކު މަރުވެދާނެއެވެ. މި ގަސް ނުވަތަ މި ގަހުގެ ބައެއް އެންދުމުގެ ސަބަބުން އަަރައިގެންދާ ދުމުގެ އަސަރު ނޭވާލާ ނިޒާމުން ހަށިގަނޑުގެ ތެރެއަށް އެތެރެވުމުން ވެސް ގެއްލުން ވެއެވެ. އެންމެ ހާއްސަކޮށް ފާހަގަކޮށްލަން ޖެހޭ ނުރައްކާބޮޑު އެއް ކަމަކީ މިގަހުގައި އަޅާ ކަނީރުމާ އަޅާފައި ހުންނަ ތަށްޓެއް ރަނގަޅަށް ނުދޮވެ އޭގެއިން ފެން ބުއިމުންވެސް ފުރާނައަށް ގެއްލުން ވެދާނެކަމެވެ. އާންމުކޮށް މާ މޯޅި ނުވާނެހެން ފެންތަށްޓެއްގައި ބެހެއްޓުމަކީ އަޅުގަނޑުމެން ދިވެހިންގެވެސް ވަރަށް ބޮޑު އާދައެކެވެ. އަދި ހަމައެހެންމެ ކަނީރުމަލުން ފޮނި ބޮއިފައިވާ މާމުއި ކުޅަނދުރު އުފައްދައިފައިވާ މާމުއި ބުއިމުން ވެސް ވިހަވެދާނެ އެވެ. ގައިގެ ހަމުގައި ގަހުގެ ކިރު ޖެހުމުން ގައި ހިރުވުމާއި ފިތް ނެގުން ފަދަ ކަންތައް ދިމާވެއެވެ.
ކަނީރުމަލަށް ނުވަތަ ކަނީރަށް ވިހަވުމުގެ ސަބަބުން ހިތުގެ ވިންދު ލަސްވުން ނުވަތަ އަވަސްވުން އަދި ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ މިންވަރު އިތުރުވުން ހިމެނެއެވެ. އަދިވެސް އިތުރު ވަރަށްގިނަ ކަންތަކެއް ދިމާވެދާނެއެވެ. އޭގެތެރޭގައި ބޮލުގައި ރިއްސުމާއި ބޯ އެނބުރުމާއި ބަނޑުގައި ރިއްސުމާއި ހޮޑުލުމާއި ލޯ ފުސްވުމާއި ނޭވާ ހިއްލުމާއި ބޮޑުކަމުދާއިރު ލޭ ފޭބުން ފަދަ ކިތަންމެ ވޭންދެނިވި ކަމެއް ހިމެނެއެވެ.
ނީރިއަމް އޮލިއަންޑަރ ނުވަތަ ކަނީރުމާގަހުގެ ހުރިހާ ބައިތަކަކީ ވިހަ ކަމަށްވާއިރު ކާޑިއޯޓޮކްސިކް ގްލައިކޯސައިޑްސްގެ ގެއްލުން ރަނގަޅަށް އެނގިފައެއް ނުވެއެވެ. އޮލިއަންޑަރ މެދުވެރިކޮށް އަމިއްލައަށް މަރުވުމުގެ ފުރުސަތު އޮތްކަން ބޭރުގައުމުތަކުގައި ހުށަހެޅޭ ސުއިސައިޑް ކޭސްތަކުގެ ތަހުގީގުރިޕޯޓުތަކުން ހާމަވެފައިވެއެވެ.
ކަނީރު ފަތް ކެއުމުން ވިހަވުމުގެ އާދަޔާ ހިލާފު މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އުމުރުން 71 އަހަރުގެ ފިރިހެން ލެބޯޓްރީ ޓެކްނީޝަނަކު އަމިއްލައަށް މަރުވެފައިވާއިރު 2000 ވަނަ އަހަރު އުމުރުން 2 އަހަރާއި 3 އަހަރުގެ އެލެކްސީ އާއި ޕީޓާ ވިލްޓްސީގެ މައްސަލައަކީ ކައުންޓީގެ ތާރީހުގައި ކަނީރުގެ ސަބަބުން ހިނގާފައިވާ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.
އަދިވެސް ފަރަންސޭސިވިލާތުގެ މަޝްހޫރު އެމްޕަރަރ ނަޕޯލިއަން ބޮނަޕާޓްގެ ސިފައިންތަކެއް މި ގަހުގެ ގޮފިތަކެއް ބޭނުންކޮށްގެން މަސް ފިހެ ކެއުމުގެ ސަބަބުން މަރުވެފައިވާކަމަށް ޚަބަރު ފެތުރިފައިވެއެވެ. 2002ވަނަ އަހަރު، ޓޮކްސިކް އެކްސްޕޯޝަރ ސަރވައިލެންސް ސިސްޓަމް އިން ހާމަކުރި ގޮތުގައި އެމެރިކާގައި 847 މީހުން މިގަހުގެ ސަބަބުން ވިހަ ވެފައިވެއެވެ.
ރާއްޖޭގައިވެސް ކަނީރުގަހަކީ އާންމުކޮށް ފެންނަ ފަސޭހައިން ހެދޭ އަދި ރީތި ބަގީޗާ ގަހެއްވެސް މެއެވެ. އެހެންނަމަވެސް މިފަދަ މައުލޫމާތު ތަކަކީ އެނގުން މުހިންމު މައުލޫމާތު ތަކެކެވެ. ހަމަ ދާދި ކުޑަކުޑަ ނޭނގިހުރެ ވެވޭ އިހުމާލަކުން މުޅި އުމުރަށް ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެއެވެ. އެހެންކަމުން މިފަދަ ކަންތައްތަކަށް ސަމާލުވެ ހޭލުންތެރިވުން ކޮންމެހެންވެސް މުހިންމެވެ.