ރާއްޖޭގެ މަޝްހޫރު ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފިއެވެ. އޭނާ އެޕާޓީއަށް ސޮއި ކުރެއްވީ މިއަދު އެވެ. ސޮއި ކުރެއްވުމަށްފަހު މެމްބަރުޝިޕް ފޯމް ހަވާލު ކުރައްވާފައިވަނީ ޖޭޕީގެ ރެޖިސްޓްރަރ މުޙައްމަދު ޒަހީނާއެވެ.

ޑރ. ނާޒުގެ އިތުރުން ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ލުބުނާ ޒާހިރު ހުސައިން ވެސް މީގެ ކުރިން ވަނީ ޖޭޕީއަށް ސޮއިކުރައްވައިފައެވެ. ޖޭޕީ އިސް ތަރުޖަމާނު އަލީ ސާލިހު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ވެސް މިފަދަ އެތައް ބޭފުޅުންނެއް ޖޭޕީއާ ގުޅިވަޑައިގަންނަވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެންމެހާ ފަރާތްތަކަށް އެފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުން ގެންދަނީ އެޕާޓީ އިސްވެ އޮވެ އުފަދާ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ކުރިމަތިލާށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ އެޕާޓީގެ ލީޑަރު އަދި މާމިގިލީދާއިރާގެ މަޖިލިސް މެމްބަރު ޤާސިމް އިބްރާހީމެވެ.

ޖޭޕީން ގެންދަނީ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" އާއެކު ކޯލީޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އޭގެ އިތުރުން ސިޔާސީ އެހެން ޕާޓީތަަކަށް ވެސް ޖޭޕީން ވަނީ އެފުރުސަތު ހުޅުވައިފައެވެ. ޖޭޕީން އެމްއެންޕީއަށް ދިން ދައުވަތު އެޕާޓީން ގަބޫލެއް ނުކުރިއެވެ. އެޕާޓީން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދާނޭ ކަމަށެވެ. ޕީޕީއެމުން ބުނެފައިވަނީ އެފަދަ މަޝްވަރާއެެއް ޕީޕީއެމާއެކު ފެށުމުގެ ކުރީން ޖޭޕީން ސަރުކާރު ކޯލިޝަނާ ވަކިވާންޖެހޭނޭ ކަމަށެވެ.