އެއީ ބަނގުލަދޭޝްގައި އުޅުނު ދަނޑުވެރިއެކެވެ. އެއްދުވަހަކު އޭނާ ދަނޑު ހެއްދުމަށްޓަކައި މުޑުވަށްކުރުމަށް ފަސްގަނޑު ޖަހަމުން ދިޔައެވެ. ކުއްލިޔަކަށް އޭނާ ގެންގުޅުނު މަށަންދަތި ހަރުއެއްޗެއްގައި އަޅައިގަތެވެ.

އެއީ ކޯއްޗެއްތޯ ދެނެގަތުމަށް ރަނގަޅަށް ކޮނެގެން ބެލިއިރު އެއީ ބޮޑު ފޮށްޓެކެވެ. ބަލާބެލުމަށް ހީވަނީ ކުރީ ޒަމާނުގައި މީހުން ޚަޒާނާ ކުރުމަށް ބޭނުން ކުރާ ޒާތުގެ ފޮށްޓެއްހެނެވެ. އެހެންކަމުން ދަނޑުވެރިޔާ ވީއުފަލެއްގެ ބޮޑުކަމުން އަވަސް އަވަހަށް އެފޮށިނަގާ ހުޅުވައިލިއެވެ. ރަނގަޅަށް ބެލިއިރު އޭގައި ހުރީ ކަޅުކުލައިގެ ހިލަތަކެކެވެ. މިކަމާ ދަނޑުވެރިޔާ ވަރަށް ބޮޑަށް މާޔޫސްވިއެވެ. ނަމަވެސް މިހިލަތައް އުކާލުމުގެ ބަދަލުގައި ދަނޑުވެރިޔާ އެފޮށި ހުރިގޮތަށް ދަނޑުގެ އެއްފަހަރާތެއްގައި ބެހެއްޓިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ދަނޑުވެރިޔާ އިންދި ގަސްތައް ހެދި މޭވާ އަޅައި ފައްކާވިއެވެ. އަދި އެ މޭވާތައް ކެއުމަށްޓަކައި ދޫނިތައް ބައިބަޔަށް އަންނަން ފެށިއެވެ. އެހެންކަމުން މިދޫނިތައް ފައްސާލުމަށްޓަކައި ދަނޑުވެރިޔާ އެއްކަލަ ހިލަތައް އެތަންމިތަނަށް އުކަމުން ދިޔައެވެ.

އެހެންދުވަސްތަކެކޭވެސް އެއްފަދައިން ދަނޑުވެރިޔާ އާދައިގެމަތިން ދަނޑަށް އަންނަ ދޫނިތައް ފައްސަމުން ދިޔައެވެ. އެގޮތުން އެއްކަލަ ފޮށިން ނަގައި ދޫނިތަކާ ދިމާއަށް ހިލަޔަކަށްފަހު ހިލައެއް އުކަމުން ދިޔައެވެ. އިސާހިތަކު ދަނޑުކައިރިން ހިނގައިފައި ދިޔަމީހެއްގެ ކުރިމައްޗަށް ދަނޑުވެރިޔާ އެއްލި ދެ ހިލަކޮޅު ވެއްޓުނެވެ. މިމީހާމިއަކީ އިތާމުތާއި، ރޫބީއާއި ޑައިމަންޑުފަދަ އަނގުބޮޑެތި ޖަވާހިރުގެ ވިޔަފާރިކުރާ މީހެކެވެ. މި މީހާ އޭނާގެ ކުރިމައްޗަށް ވެއްޓުނު ދެ ހިލަކޮޅު ރަނގަޅަށް ބަލާލިއެވެ. އެއަށްފަހު ދެހިލަކޮޅު ހިފައިގެން ދަނޑުވެރިޔާގެ ގާތަށް ދިޔައެވެ. އަދި 5000 ޑޮލަރަށް އޭނާއަށް އެހިލަކޮޅު ވިއްކުމަށް އެދުނެވެ. ދަނޑުވެރިޔާ ހީކުރީ މި މީހާ އޭނާއަށް މަލާމާތްކުރަނީ ކަމަށެވެ. އެހެންކަމުން ދަނޑުވެރިޔާ ޖެއްސުމުގެ ރާގެއްގައި ނޫނެކޭ ބުންޏެވެ. އެހިނދު އެމީހާ އަނެއްކާވެސް އެހިލަކޮޅަށް 50,000 ޑޮލަރުގެ އަގެއް ހުށަހެޅިއެވެ. އަދި އެއީ ހިލަތަކެއް ނޫންކަމަށާއި އެއީ ވަރަށް އަގުބޮޑު ޖަވާހިރުތަކެއްކަމުގައި ބުނެދިނެވެ.

އެމީހާ މިހެން ބުނުމާއެކު ދަނޑުވެރިޔާއަށް ބާރަށް ރޮއިގަނެވުނެވެ. އަދި ބުންޏެވެ. އަހަރެން އަތުގައި މިހާރު އޮތީ އެންމެ ދެ ޖަވާހިރެވެ. އެހެން ހުރިހާ ޖަވާހިރެއް އެތަންމިތަނަށް އުކައި ހުސްވެއްޖެއެވެ.

ނޯޓު:

މިވާހަކައަކީ މުހައްމަދު އަބޫ ޔޫސުފްގެ "20 ރިމައިންޑަރސް” ފޮތުގައި ޝައިރުކެރެވިފައިވާ ވާހަކައެކެވެ.

އިބުރަތް:

މިވާހަކައިން އަޅުގަނޑުމެންނަށް ލިބޭ އިބުރަތަކީ ކިތަންމެ ބޮޑު ނިއުމަތެއް ލިބުނަސް އެކަމުގެ އަގުވަޒަން ކުރެވޭނީ އެކަން ދަންނަ މީހަކަށް ކަމެވެ. އަދި އެއްޗެއްގެ މުހިންމުކަން އެނގޭނީ އެއެއްޗެއް ބީވެދިޔުމުން ކަމެވެ. ނިކަން ވިސްނާލަބަލާށެވެ. އަހަރުމެންގެ ދިރިއުޅުމުގެ ކޮންމެ ވަގުތުކޮޅަކީވެސް ވަރަށް އަގުހުރިވަގުތުކޮޅެކެވެ. ނަމަވެސް ވިސްނާލުމެއް ނެތި އަހަރުމެން މިދަނީ އެވަގުތުތައް ބޭކާރުކޮށްލަމުންނެވެ. ދަނޑުވެރިޔާ ވެސް އޭނާއަށް ލިބުނު އަގުބޮޑު ޖަވާހިރުތައް އުކާލިފަދައިން އަހަރެމެންވެސް މިދަނީ އަހުރެމެންނަށް ލިބިފައިވާ އަގުހުރި ވަގުތުތައް ބޭކާރުގޮތުގައި ނަގާލަމުންނެވެ. މާދަމާ ގިޔާތްމަތްދުވަހުން އަހަރުމެންނަށް މި ބޭކާރު ކުރެވުނީ ކިހާއަގުބޮޑު ވަގުތު ތަކެއްކަން ވިސްނޭނެއެވެ. އެހެންނަމަވެސް އޭރު އޮންނާނީ ވަގުތު ފާއިތުވެފޭވައެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް އަޒުމް ކަނޑައަޅަންވީ ދުނިޔޭގައި ދިރިއުޅުމަށް ލިބިފައިމިވާ ކުޑަކުޑަވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށެވެ. އަދި ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަނެ ބޭކާރުގޮތުގައި ވަގުތު ހޭދަނުކޮށް ވީހާވެސް ގިނައިން ހެޔޮ އަމަލުކުރުމަށެވެ. މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތްކޮށް އަންނަން އޮތް ބޮޑު ދުވަހަށް ތައްޔާރު ވުމަށެވެ.