ތިޔަ ކުދިންނަށް މިއަދު މިކިޔައިދެނީ ވަރަށް އިބްރަތްތެރި ވާހަކައެއް. ހުރިހާ ކުދިންނަށް އެނގޭދޯ މިއަދަކީ ކިތައްވަނަ ރޯދަކަން، އާނ! ރޯދަމަސް ދެބައި ވީ ދޯ! ހުރިހާ ކުދިންވެސް ގިނައިން ގުރުއާން ކިޔަވައި ޒިކުރު ކުރުން އިތުރު ކުރަންވާނެ. މިހާރުވެސް ކުރާ ގޮތަށް ގަވާއިދުން ހުރިހާ ނަމާދެއްކޮށް ތަރާވީހުނަމާދުވެސް ކުރަންވާނެ. ދެން ހިނގާ އަވަހަށް ވާހަކަ ކިޔާލަމާ ދޯ.

އެއް ޒަމާނެއްގައި ތަނަވަސް ޤައުމެއްގައި ވެރިކަން ކުރެއްވި ރަސްގެފާނެއް ހުންނެވިއެވެ.

އެއްދުވަހަކު ރަސްގެފާނު ޤައުމުގެ ދުރު ބައެއް ސަރަޙައްދުތަކަށް ދަތުރުފުޅަކަށް ވަޑައިގެންނެވިއެވެ. އެނބުރި ގަނޑުވަރަށް ވަޑައިގެން ޝަކުވާފުޅު ކުރެއްވިއެވެ. ރަސްގެފާނުގެ ފައިންޕުޅުގައި ވަރަށް ބޮޑަށް ރިއްސާވަޑައިގެންނެވުމުގެ ޝަކުވާފުޅެވެ. އެހާ ދިގު ދަތުރުފުޅަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް ވާތީއެވެ. އަދި ރަސްގެފާނު ދަތުރުފުޅު ވަޑައިގެންނެވި މަގަކީ ވަރަށް ގަދަ ހަރު އަދި ހިލަ މަގުތަކަކަށް ވާތީ އެ ވާހަކަވެސް ވަރަށް ހިތްޕުޅާނުވެގެން ވިދާޅުވިއެވެ.

ރަސްގެފާނު ނިކަން މޮޅު ހިޔާލުފުޅެއް ކުރައްވައިފިއެވެ. ހަމަ އެވަގުތު ގަނޑުވަރުގެ ހުރިހާ ޚާދިމުންނަށް އަމުރުފުޅެއް ކުރައްވައިފިއެވެ. އެ ރާއްޖޭގެ ހުރިހާ މަގުތަކެއް ލެދަރުހަމުން ދޫލައަޅައި ރީތިކޮށްލުމަށެެވެ.

އެކަމަކު ތިކުދިންނަށް އެނގޭތަ ލެދަރ ނަގަން އެޒަމާނުގައި ބޭނުން ކުރަނީ ބަކަރީގެ ހަން. ރަސްގެފާނު އެކުރެއްވި އަމުރުފުޅަށް ތަބާވާނަމަ އެތައް ބައިވަރު ބަކަރިތަކެއް ބޭނުންވާނެ.

މިކަމަށް އެތައް ސަތޭކަ އަދި އެތައް ހާސް މީޓަރުގެ ބަކަރިހަން ބޭނުންވާނެއެވެ. މިއީ ވަރަށް ވެސް ބޮޑު ހަރަދު ހިނގާނޭ ކަމެކެވެ. ރަސްގެފާނުގެ ހާދިމުންގެ ތެރޭގައި ހުރި މީހަކު ވަރަށް އަދަބު އަދާކޮށްފައި ރަސްގެފާނަށް ދެންނެވިއެވެ.

"މަނިކުފާނުގެ އަމުރުފުޅަށް ތަބާވަން. އެހެނެއްކަމަކު ބޮޑު އަދަދަކުން ހަރަދު ކުރުމަށްވުރެ މިކަމަށް ހޭދަވާނެ ވަގުތުވެސް ވަރަށް ގިނަ ވާނެ. އަޅުގަނޑު ބުއްދިއެއް ލައިދެންތޯ! ހުރިހާ މަގުތައް ހަމުން ނިވާކުރެއްވުމުގެ ބަދަލުގައި މަނިކުފާނުގެ ފައިންޕުޅަށް ހެޔޮވަރުކޮށް ފައިވާންޖޯޑުކޮޅެއް ތުރުކުރެއްވުން ކިހިނެއްވާނެތޯ!"

ރަސްގެފާނު ހައިރާންފުޅުވެވަޑައިގެންނެވި ނަމަވެސް އެކަމާ ކޮންމެވެސް ވަރަކަށް ވިސްނާވަޑައިގަންނަވަން އިންނެވިއެވެ. އަދި ރަސްގެފާނު އެއްބަސްފުޅުވެލެއްވީ ޚާދިމުގެ ލަފާ ގަބޫލުފުޅު ކުރެއްވުމަށެވެ. ދެން ފައިވާން ހަދާ މީހާ ގެނެސް ރަސްގެފާނުގެ ފައިންފުޅުގެ މިން ނަންގަވައި އިސާހިތަކު ފައިވާންޖޯޑުކޮޅު ހެދިއްޖެއެވެ. އަޖުމަ ބަލައިލުމަށް އެ ފައިވާންޖޯޑުކޮޅުގައި ރަސްގެފާނު ދަރުބާރާއި ގަނޑުވަރުތެރޭ ފައިންޕުޅު އަޅުއްވައި އަޖުމަފުޅު ބެއްލެވިއެވެ. އަދި ނުހަނު އުފާފުޅުކުރައްވައި ފައިވާން ހަދާ މީހާއަށާއި ހިޔާލު ބުނެދިން މީހާއާ ދެމީހުންނަށް ބޮޑު ހަދިޔާތަކެއް ވެދުން ކުރެއްވިއެވެ.

ކުދިންނޭވެ! ބުއްދިއަކީ ﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއް. އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ވާނެއެވެ. ކަންތައްތަކަށް ގޮތް ނިންމުމުގެ ކުރިން އެކަމަކާމެދު ވިސްނަން ވާނެއެވެ. އަދި ރަނގަޅު ގޮތް އިސްކުރަން ވާނެއެވެ.