މ. މުލީގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމުކޮށްދީ އެފަރާތްތަކަށް ކަމާ ގުޅޭ ތަމްރީނު ދީފިއެވެ.

މިއީ ދަނޑުވެރިކަމުގެ ޒަމާނީ ވަޞީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ ކުދި ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދީ ކަމާގުޅޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމުގެ ދަށުން ގާއިމްކުރި ވަސީލަތެކެވެ.

މިމަހުގެ 3 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި ޕްރޮގްރާމްގައި ތަޢާރަފްކޮށްދީފައިވަނީ ޑީޕް ފްލޯ ޓެކްނިކްގެ އެހީގައި ކިޔުކަންބާ އަދި ނިއުޓްރިއެންޓް ފިލްމް ޓެކްނިކްގެ އެހީގައި ޗައިނީޒް ކެބެޖާއި ލެޓިއުސް ފަދަ ފަތާއި ތަރުކާރީގެ ބާވަތްތައް އިންދާ ހެއްދުމެވެ. މި ސިސްޓަމްތަކުގައި ހައްދާފައިވާ ބާވަތްތައް ފުރަތަމަ ފަހަރަށް ކަނޑަން ލިބޭނެކަމަށް ލަފާ ކުރާ ތާރީޚަކީ 15 ޖެނުއަރީ 2021 އެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމަށް އެކަށީގެންވާ ބިންލިބެން ނެތް ރަށްރަށުގައިވެސް، އެރަށަކާއި އެންމެ އެކަށީގެންވާ ގޮތަކަށް ދަނޑުވެރިކަމުގެ މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމާއި ޒުވާނުން ދަނޑުވެރިކަމުގެ މަސައްކަތުގައި ޝާމިލުވާ މިންވަރު އިތުރުކުރުމެވެ.

މިޕްރޮގްރާމްގެ ދަށުން ޤާއިމްކޮށްދޭ ސިސްޓަމްތައް ބޭނުންކުރަމުން ގެންދާ ގޮތް ބަލާ މޮނީޓަރ ކުރަމުން ގެންދާނީ މުލީ ކައުންސިލްގެ ފަރާތުންނެވެ. ސިސްޓަމް ބޭނުންކޮށްގެން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުގެންދަވާ ފަރާތްތަކުގެ ބެލުމުގެ ދަށުން ސިސްޓަމްތައް ނަގައި ރަށުގެ ރައްޔިތުންގެ ތެރެއިން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އެހެން ފަރާތަކާއި ޙަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.