އެއްދުވަހަކު މީހަކު އުމަރު ބުނުލްޚައްޠާބު ގެ އަރިހަށް އޭނާގެ އަނބި ކަނބުލޭގެ ރުޅިގަދަ ކަމުގެ ޝަކުވާ އުފުލަން ދިޔައެވެ. ފަހެ މިމީހާ އުމަރުގެފާނުގެ ގެކޮޅު ކައިރިޔަށް ގޮސް އެކަލޭގެފާނު ނިކުންނަވާނެ އިރެއްގެ އިންތިޒާރުގައި ހުއްޓެވެ.
އެހިނދު އެކަލޭގެފާނުގެ ގެކޮޅުތެރެއިން އޭނާ އަށް އިވުނީ އުމަރުގެފާނުގެ އަބިކަނބަލުން އެކަލޭގެފާނާ ދިމާއަށް އަޑުލައްވާ އަޑެވެ. ނަމަވެސް އުމަރުގެފާނުގެ ހިލަމެއް ނުވެއެވެ. ރައްދުގައި ބަހެއް ވިދާޅުވި އަޑެއް ނީވެއެވެ. ކެތްތެރިކަމާ އެކު އަޑު އައްސަވަން ހުންނެވިއެވެ.
ދެންފަހެ މިމީހާ އެނބުރި ދިޔުމަށް ހިނގައިގަންނަމުން އޭނާގެ އަމިއްލަ ނަފްސާ މުޚާތަބުކޮށް ބުންޏެވެ. ”މިއީ މުއުމިނުންގެ އަމީރުގެ ހާލުކޮޅު ހުންނެވި ގޮތް ކަމަށް ވާނަމަ އަހުރެން ކަހަލަ އާދައިގެ މީހެއްގެ ހާލަތު ހުންނާނީ ކިހިނެއް ހެއްޔެވެ؟ އެހެނީ އެކަލޭގެފާނަކީ މީސްތަކުން އަދަބުވެރި ކުރުވުމުގައި ހަރުކަށި ބޭކަލެކެވެ.
ފަހެ އެވަގުތު އުމަރުގެފާނު އެކަލޭގެ ފާނުގެ ގެކޮޅުން ނުކުމެ ވަޑައިގަތެވެ. އަދި މިމީހާ ފެނިގެން ގޮވައިލެއްވިއެވެ. ”އޭ ޒުވާނާއެވެ. ތިބާ އަހަރެންގެ ކިބައިން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ އެމީހާ ޖަވާބުގައި ބުންޏެވެ. ”އޭ އަމީރުލް މޫއްމިނީން އެވެ. އަހަރެން ކަލޭގެފާނުގެ އަރިހަށް އައީ އަހަރެންގެ އަންހެނުންގެ ރުޅިގަދަ ކަމާއި އަދި އަބަދާއިއަބަދު ޝަކުވާ ކުރާތީ އެކަމުގެ ޝަކުވާ ދެންނެވުމަށެވެ. ނަމަވެސް ކަލޭގެ ފާނުގެ އަނބިކަބަލުންވެސް ހަމަ އެބީދައިން ކަލޭގެ ފާނާ ދިމާއަށް އެއްޗެހި ކިޔުއްވާ އަޑު އިވުމުން އެނބުރި ދަނީ އެވެ. ހިތަށް އެރިއެވެ. މިއީ އަމީރުލް މުއުމިނީންގެ ހާލުކޮޅު ހުރިގޮތް ކަމަށް ވާނަމަ އަދި އަހުރެން ކަހަލަ މީހެއްގެ ހާލު ހުންނާނީ ކިހިނެއް ހެއްޔެވެ؟
އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. "އޭ މަގޭ އަޚާއެވެ. އަހަރެން އޭނާގެ ޝަކުވާތަކާއި ހުރިހާކަމަކަށް ކެތްތެރިވަނީ އަހަރެންގެ މައްޗަށްވާ އޭނާގެ ހައްގުތަކުގެ ސަބަބުންނެވެ. އޭނާ އަހަންނަށް ކާތަކެތި ކައްކައެވެ. ޕާން ފިހެދެއެވެ. އަހަރެންގެ އަންނައުނު ދޮވެދެއެވެ. އަދި އަހަރެންގެ ދަރިންނަށް ގާތުން ކިރުދެއެވެ. އެހެނެއްކަމަކު މިއިން އެއްވެސް ކަމަކީ އެކަބުލޭގެ ޒިންމާއެއް ނޫނެކެވެ. އަދި އެކަބުލޭގެ އަކީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. އަހަރެން ގޯސް އަމަލުތައް ކުރުމުން ދުރުކޮށްދެއެވެ. އެހުރިހާ ކަމަކަށްޓަކައި އަހަރެން އެކަބުލޭގެއާ މެދު ކެތްތެރިވަމުއެވެ. ދެން އެމީހާ ބުންޏެވެ. "އޭ އަމީރުލް މުއުމިނީންއެވެ. އަހަރެންގެ ކަންތައްތައްވެސް ހަމަ ތިޔަފަދައެވެ. އެހިނދު އުމަރުގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”އޭ އަޚާއެވެ. އެހެންވީއިރު ތިބާ ތިބާގެ އަނބި މީހާއާއި މެދު ކެތްތެރިވާށެވެ. މިދުނިޔޭގެ ޙަޔާތަކީ ކުރުއެއްޗެކެވެ.
-މަސްދަރު: އައްޛަހަބީ / އަލް-ކަބާއިރު 194