ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމުގެ އެއްބަސްވުން މިއަދު އައުކޮށްފިއެވެ. 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުން އަންނަނީ އެސްޓީއޯއިންނެވެ.
މި ދެކުންފުނީގެ މެދުގައި މިއަދު އައުކުރެވުނު އެއްބަސްވުމުހެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއަދަތު ހަމަވަންދެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް އެސްޓީއޯއިން ފޯރުކޮށްދޭނެއެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދެވެ.އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަޙުޖޫބު ޝުޖާޢުއެވެ.
އައު އެއްބަސްވުމުގެ ދަށުން ސަޕްލައި ކުރުމަށް އެއްބަސްވެފައިވާ އަދަދުތައް:
- އޭވިއޭޝަން ފިއުލް: 1.5 މިލިއަން ފީފާ
- ގޭސްއޮއިލް 80،000 ފީފާ
އެމްއޭސީއެލް އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.