އަންނަ އަހަރު ކޮންމެ ރަށެއްގައި ވެސް ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ އެ ރަށެއްގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ މަހުގެ ދިހަ ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ އާންމު ހާލަތަށް ދިއުމަށް މަސައްކަތްކުރި ނަމަވެސް އަދިވެސް ކޮވިޑް-19 ފިލައިގެން ނުދާ ކަމަށެވެ. އެހެންކަމުން، ސްކޫލުތަކުގައި ކިޔަވައިދޭނީ ކޮވިޑް-19 އާ ގުޅިގެން އެ ރަށެއް އޮތް ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.

އެގޮތުން ސްކޫލުތައް އަލުން ހުޅުވުން ތިން ފިޔަވައްސަކަށް ބަހާލާފައިވާއިރު ފުރަތަމަ ފިޔަަވަހީގައި ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކޮށްފައިވާ ރަށްރަށުގެ ސްކޫލުތައް ބަންދުވާނެ ކަމަށާއި އަދި މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަން ނިންމާފައި ވަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ބުނެ އެވެ.

ކޮވިޑްގެ ކޭސްތައް ނެތް ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނަށް ކިޔަވައިދޭނެ ކަމަށް ބުނެ އެވެ.

ދެވަނަ ޓާމުގައި ކިޔަވައިދޭނީ ކީ ސްޓޭޖް އެކަކުން ފަހަކަށް ހަފްތާއަކު 4 ގަޑިއިރާއި 5 ގަޑިއިރާ ދެމެދު އެވެ. އަދި ފައުންޑޭޝަންގެ ދަރިވަރުންނަށް ދެ ގަޑިއިރަށް ވުރެ އިތުރު ނުކުރަމަށް އަންގާފައިވާއިރު ހަފްތާގެ 5 ދުވަހު ކިޔަވައިދޭނީ މާއްދާއަކަށް 35 މިނެޓެވެ.

އަދި ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ނަމަ ދަރިވަރުންނާއި މުވައްޒަފުން ވެސް ސްކޫލަށް ނުދިއުމަށް އެ ސާކިއުލާގައި އިލްތިމާސްކުރާއިރު ހުރިހާ ވަގުތެއްގައި ދަރިވަރުންނާއި މުވައްޒަފުން ވެސް އުޅެން ޖެހެނީ މާސްކް އަޅައިގެންނެވެ.