ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މިއަހަރު ނިއުރޭޑިއަންޓަށް ސޮއި ނުކުރާނެކަން އިތުބާރު ހުރި ގޮތަކަށް "ހަލި ނިއުސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

ދަގަނޑޭ، ނިއުއަށް ބަދަލުވުމާއި ގުޅޭ ގޮތުން ސަސްގެ އޮފިޝަލަކު "ހަލިނިއުސް" އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ ދަގަނޑޭ މިސީޒަނުގައި ނިއުއިން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

"ދަގަނޑޭ އެދަނީ ސަސްގެ ޕްރެޓިކްޓިހުގައި ބައިވެރިވަމުން. އަނެއްކާ ދަގަނޑޭ އެބަ އުއްމީދު ކުރޭ ގައުމީ ޓީމަށް ސަތޭކަ މެޗް ހަމަކުރަން. އަދި އޭނާ އުއްމީދުކޮށްގެން ހުރީ ވަކިއަދަދަކަށް ގައުމީ ޓީމަށް ލަނޑު ހަމަކުރަންވެސް. ސަސްއާއެކު މިސީޒަނުގައި ދަގަނޑޭ ފެންނާނެ ކަމަށް ބޮޑަށް ބެލެވެނީ" ސަސްގެ އޮފިޝަލް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭ، ސަސްގެ ޕްރެކްޓިހަށް ނިކުތީ ސަސްއަށް އޭނާއަށް ބަދަލު ވެވޭނެ ކަމުގެ ފެހި ސިގްނަލް ލިބުމުންނެވެ. އަދި މާދަމާ ރޭ ފަށާ ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ ސަސް ޓީމުން ދަގަނޑޭ ފެންނާނެއެވެ. ދަގަނޑޭއަށް ރިލީޒް ދޭންޖެހެނީ އޭނާ އެންމެފަހުން ކުޅުނު ކްލަބް ވެލެންސިޔާއިންނެވެ.

ދެވަނަ ޑިވިޜަނުގައި ވާދަ ކުރަން ތައްޔާރު ވަމުން އަންނަ ނިއުރޭޑިއަންޓުން ގެންދަނީ ދަގަނޑޭގެ ސޮއި ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނިއުގެ ސަޕޯޓަރުންގެ މެދުގައި ދަގަނޑޭ އޮތް ލޯބި ސޯޝިއަލް މީޑިޔާގައި އެކްލަބުން ވަނީ ފާއިތުވެދިޔަ ދެތިން ދުވަހު ދަގަނޑޭއަށް ދައްކާލާފައެވެ.

"ހަލި ނިއުސް"އަށް ރޭ ނިއުގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވީ ދަގަނޑޭގެ ސޮއި ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އަދިވެސް އުއްމީދުގައި ހުންނެވި ކަމަށެވެ.