ހދ. ހަނިމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެޕްރީލް އެކެއްގައި ނިމިއްޖެ ކަަމަށް އެމްޓީސީސީން ބުނެފިއެވެ. އެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެެ. އެމަޝްރޫއަށް ސަރުކާރުން ވަނީ 65.15 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން:

  • 19،870 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުން
  • 6،225 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 704 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 140 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
  • 2،583 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުން
  • ޖެޓީއެއް ހެދުން
  • ބްރިޖެއް ހެދުން
  • ރޭމްޕެއްހެދުން
  • ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން

އެރަށުގެ ކުރީގެ ކުޑަބަނދަރު ތަރައްގީކޮށް ޖާގަ ތަނަވަސް ޒަމާނީ ބަނދަރަކަށް ބަދަލުކުރުމުން ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ. މި ބަނދަރު ތަރައްޤީކޮށް ނިމިފައިވުމާއެކު، ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބިގެންދިޔައީއެވެ. އޭގެ އިތުރުން އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ރަށާ ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހަނިމާދޫ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ވަނީ ލިބިފައެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރ ޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.