އެޕްރީން ތިންވަނަ ދުވަހު އައްޑޫސިޓީއިން ކުޑަކުއްޖަކު ހިމަބިއްސަށް (މީސްލްސް) އަށް ޕޮޒިޓިވްވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިއްޖެއެވެ.

އެޗުޕީއޭއިން ވިދާޅުވެފައިވަނީ އެ މަސައްކަތުން 65 މީހަކު ވަނީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައި ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް މީހެއްގެ ގައިން ހިމަ ބިހީގެ އަލާމާތެއް ފެނިފައިނުވަކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.

އެޗުޕީއޭއިން ވިދާޅުވީ އެ ކޭސް ފެނުނު ހިސާބު ވަށައިގެންވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ "ކޮމިޔުނިޓީ ސާވޭ" ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ސާވޭގެ ތެރެއިން ފާހަގަވެފައިވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައިނުވާ އަދި ދެ ޑޯޒް ފުރިހަމަކުރި ކަމުގެ ރެކޯޑު ނެތް މީހުންނަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އައްޑޫ ފެނުނު ހިމަބިހީގެ ކޭސްއާ ކޮންޓެކްޓުވި ކަމަށް ފާހަގަކުރެވުނު 65 މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ. އެޗުޕީއޭއިން ވިދާޅުވެފައިވަނީ ކޮމިޔުނިޓީ ސާވޭގައި 41 މީހެއްގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އެ މީހުން ނިސްބަތްވަނީ 16 ގެއަކަށާއި ފިހާރައަކަށެވެ. ސާވޭއަށްފަހު ފާހަގަ ކުރެވުނު 19 މީހަކަށް ވެކްސިން ދީފައިވާ ކަމަށްވެސް އެޗު ވެއްޖެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައެއްޔެއް ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންކަމުން ހިމަބިހީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން އެބައްޔަށް ޓެސްޓްކުރުމަކީ ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނަކުންވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

ހިމަބިހީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީއެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް އޭޗުޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިމަހު ތިންވަނަ ދުވަހު އައްޑޫ ސިޓީން ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ހެދި ޓެސްޓްތަކުންނެވެ. މިކަން އެނގުނުއިރު އިންފެކްޝަސް ޕީރިއަޑް ފަހަނައަޅާގޮސްފައެވެ. އެހެންކަމުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށް އެޗުޕީއޭއިން ވަނީ މިމަހު ތިންވަނަ ދުވަހު ވިދާޅުވެފައެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ:

  • ހުން އައުން
  • ހަމުގައި ރަތް ބިހިތަކެއް ނެގުން
  • ކެއްސުން
  • އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

މިއިން އަލާމާތެއް ފެނިއްޖެ ނަމަ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗުޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.