ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން، މިއަދު ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އާ ހަވާލުކޮށްފިއެވެ.

އެމްބިއުލާންސް ގެނައުމުގެ މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.

މީގެ ކުރިންވެސް ހެލްތު މިނިސްޓްރީގެ އެދިލެއްވުމަށް އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެމްބިއުލާންސް ގެނެސްފައިވެއެވެ. އެގޮތުން 2022 އޭޕްރީލް އާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސިއްހީ ދާއިރާއަށް ބޭނުންވާ 96 އެމްބިއުލާންސްއެއް، އެސްޓީއޯއިން ވަނީ ފޯރުކޮށް ދީފައެވެ.