ރޯދަމަހު ކޮންމެ މީހަކުވެސް ރޯދަވީއްލުމަށް ރަހަމީރު އަދި ހަށިގަނޑަށް ތާޒާކަމާއި ހިތަށް ހަމަޖެހުން ގެނެސްދޭ އެއްޗެއް ބޭނުންވާނެއެވެ. އެންމެކުޑަމިންވަރަކަށް ތާޒާ ފެނާއި ކަދުރުކޮޅެއް ނަމަވެސް އެވަގުތު ލިބުމަށް އެދޭނެއެވެ. އަދި ރޯދަވީއްލުމަށްފަހު މީރު ކާއެއްޗިއްސާއި ބޯނެ ފިނިމީރު އެއްޗެއް އެންމެންވެސް ލިބުމަށް އެދޭނެއެވެ. އެހެންނަމަވެސް އެންމެންނަކީ މިފަދަ ފުދުންތެރިކަމާއި ފޯރުންތެރިކަން ތިބިބައެއް ނޫނެވެ.

މި އާބާދީބޮޑު، ތަރައްގީގެ ކުލަ ނުހަނު ގަދަ މާލެސިޓީގައިވެސް ރޯދަވީއްލާ ވަގުތު ހަމަޖެހިގެން ރޯދަވީއްލާނެ ގޮތް ނެތް މީހުންވެސް ވަކިމަދެއް ނޫނެވެ. ހަމައެހެންމެ ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްގައިވާ ފަދައިން "ރޯދަވެރިޔަކު ބަނޑުބޮޑުވަންދެން ކާންދިން މީހާ ދަންނައެވެ! ތިމަންކަލޭގެފާނުގެ ފެންއާރުން އެ މީހަކަށް اللهُތަޢާލާ ފެންބޯންދެއްވާހުށްޓެވެ. އޭގެސަބަބުން އޭނާ ސުވަރުގެއަށް ވަދެފުމަށްދާނދެން ކަރުހިއްކުން މެދުވެރިއެއްނުވާހުށްޓެވެ.

މާލޭގައި މަޖީދީމަގަކީ އެންމެ ކާރުބާރު ބޮޑު އެންމެ މީހުން ގިނަ މައިމަގަށް ވީހިނދު މިމަގުގައި އެންމެ މީހުން ގިނަ އެއް ވަގުތަކީ އިރުއޮއްސެންދާ ގަޑިއެވެ. މިގަޑީގައި މާވެޔޮމަގާ ގުޅޭ ހިސާބުން މަޣްރިބަށް ބަންގި ގޮވި ގަޑީގައި ފެނުނީ ހިތަށް އުފާވެރިކަން ލިއްބައިދިން މަންޒަރެކެވެ. ޒުވާނުންތަކެއް މަގަށް ނުކުމެ ފެންފުޅިއަކާއި ކަދުރުން ރޯދަވީއްލުމަށް މީހުންނަށް ފޯރުކޮށްދެނީއެވެ. ގަޑިޖެހުނު އިރު ގެއާ ހަމައަށް ނުފޯރި މީހުންނާއި ހަމަ މިގަޑިއަށް އެތަނަށް އައިމީހުންވެސް ތިއްބެވެ.

މިއީ "ހަބޭސް" ބޮޑުބެރު ސްޓޫޑިއޯއިން ނުކުތް އެގްރޫޕުގެ ޒުވާނުންނެވެ. "ހަލި" ނޫހުން މި ކަމާ ގުޅޭ ގޮތުން އަހާލުމަށް ހަބޭސް ގްރޫޕާ ކޮށްލި ސުވާލަށް ޖަވާބު ދެމުން އެގްރޫޕްގެ މެނޭޖަރ އަލީ ޝިފާއު ބުނި ގޮތުގައި މިއީ ކޮންމެ އަހަރަކުވެސް އެގްރޫޕުން އިސްނަގައިގެން ކުރިއަށް ގެންދާ ކަމެކެވެ. އެގޮތުން މިއީ މިގޮތަށް ރޯދަވީއްލުން ފޯރުކޮށްދޭތާ ތިންވަނައަހަރެވެ.

ސްޓޫޑިއޯ ކުރިމަތިން ދަތުރު ކުރަނިކޮށް ބަންގި ގޮވައިފިނަމަ އެތަނުން ޒުވާނަކު ކަދުރާއި ފެންފުޅިއެއް ދިއްކޮށްލަ އެވެ. އަދި ރޯދަވީއްލުމަށްފަހު މަޑުކޮށްލާ ފަރާތްތަކަށް 'ހުސްނޫ'ގޭގެ މީރުމީރު ހެދިކާއާއި އެކިކަހަލަ ޕެކެޓްތަކާއި ބުއިން ލިބޭނެއެވެ. ކޭކާއި ބިސްކޯދާއި ޖޫސްޕެކެޓް ފަދަ ތަކެތިވެސް ލިބެން ހުރެއެވެ.

އެންމެނަކީ ފުދުންތެރި މީހުންނެއް ނޫނެވެ. ހަމައެހެންމެ މާލެސިޓީގައި ދިރިއުޅޭ މުސްލިމް ބިދޭސީންވެސް ބައިވަރެވެ. ކޮންމެ ދުވަހަކު އާދަވެ އަންނަ ފަރާތްތައްވެސް މަދެއްނޫނެވެ. ރޯދަވެރިޔަކަށް ރޯދަވީއްލުމަށް އެއްޗެއް ދިއްކޮށްލައިގެން އަދި ގެއަށް ނުދެވެނީސް ބަންގި ގޮވުމުން ވީހާވެސް އަވަހަށް ރޯދަވީއްލޭނެ މަގުފަހިކޮށްދިނުމަށް ހަބޭސްގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މިހަރަކާތާމެދު ވެސް ފާޑުކިޔާ މީހުން މަދެއްނޫނެވެ. ރޯދަމަހު އިތުރު އަޖުރާއި ސަވާބު ލިބިގަތުމަށް ކުރާ ކަމަކަށްވިޔަސް މިކަމަށް ބަސްބުނާ ފަރާތްތައްވެސް އެބައުޅެއެވެ.

"ހަބޭސް މަޝްހޫރުވާކަށް ކުރާ ކަމެއްނޫން މީ. މިހާރުވެސް ހަބޭސް އަކީ މަޝްހޫރު ބައެއް. އެކަމަކު މިފަދަ ބަސްތައްވެސް ބުނެފައި އެބަހުރި. އަޅުގަނޑުމެނަށްވެސް އެނގޭ ގެއާ ހަމައަށް ދެވޭނެކަން ދެތިންމިނިޓުން. ދެން ކީއްކުރާ ދެތިން ކަދުރާއި ފެނެއްހޭ ކިޔާ ބަސްބުނެލާއިރު ކިތައް މީހުންނަށްތޯ އެއްކަލަ ފެންފުޅިއާއި ކަދުރުކޮޅު މުހިންމުވަނީ ވިސްނާނުލާ. އެގަޑީގަ އަންނަ ފަރާތްތައްވެސް މަދެއް ނޫން."

ޝިފާއު ބުނީ ތެދެކެވެ. ހަމައެންމެ ކުޑަ މިނެރަލް ފެންފުޅިއެއް ގަންނަން ނުލިބޭ މީހުން މަދެއްނޫނެވެ. ކޮންމެ ދުވަހަކު އިރުއޮއްސޭ ގަޑީގައި އެތައް ބައިވަރު ކާތަކެތި ތައްޔާރުކޮށް އަދި އިސްރާފުވެސް ކުރާއިރު ނިކަމެތި މިސްކީނުންނާއި ފަގީރުންނާމެދު ވިސްނާލަނީ ކިތައް ފަރާތުންބާވައެވެ.

ކޮންމެއަކަސް "ހަބޭސް" ޒުވާނުން ކޮންމެ ރޯދަމަހަކުވެސް ކުރަމުން އަންނަ މިހިތްވަރާއި ހޭދައަށް 'ހަލި' ނޫހުން މަރުހަބާ ކިޔަމެވެ. އަދި 'ހަބޭސް' އަށް ފާގަތި ހަބޭސް ދުވަސްތަކަކަށް އެދެމެވެ.