މަގާމުން ސަސްޕެންޑުކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝް (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފާހަގަކުރެވުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލައެއް ބަލަނިކޮށް ކަމަށެވެ.

ޝަޒައިލްގެ ކޮރަޕްޝަން މައްސަލައެއް ފެންމަތިވީ ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ރައީސް އޮފީހުން އޭސީސީއަށް ފޮނުވި އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރު އޮކްޓޯބަރު މަހު 16 ވަނަ ދުވަހުން ފެށިގެން އަދިވެސް އޭނާ ހުންނެވީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނެއްގަ އެވެ.

ނަމަވެސް އޭނާގެ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވަނީ ކީއްވެ ކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނުބުނެއެވެ.

ޝަޒައިލަކީ އެމްއާރްއެމް އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.