ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ޔޫކޭއިން އެނބުރި އައި އެންމެން ހޯދުމުގެ މަސައްކަތް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

މިއީ، ޔޫކޭއިން އަލަށް ފެނިގެންއުޅޭ ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ނުރައްކާތެރި ސްޓްރެއިން އިންޑިއާގައި ފެތުރުން ހުއްޓުވަން ފެށި މަސައްކަތެކެވެ.

އިންޑިއާއަކީ މިހާރުވެސް ކޮވިޑްބަލީގެ ހާލަތު ދުނިޔޭގައި ދެވަނައަށް އެންމެ ގޯސްވެފައިވާ ގައުމެކެވެ.

މި ހަފްތާގައި ޔޫކޭއިން އެނބުރި އައި 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.

އަދި އިތުރު އެތައްބައެއްގެ ޓެސްޓުގެ ނަތީޖާއަށް މިހާރު އިންޒާރު ކުރަމުންދާ ކަމަށް އިންޑިއާގެ 3 ސިޓީއެއްގެ އޮފިޝަލުން ހާމަކޮށްފައި ވެއެވެ.

އިންޑިއާގެ ސިއްހީ އިދާރާތަކުންދަނީ، ޔޫކޭއިން އެނބުރި އައި އިންޑިއާ ރައްޔިތުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ، އަލަށް ފެނިގެންއުޅޭ ސްޓްރެއިންއަށް ޕޮޒިޓިވްވެފައިވާ މީހުންތޯ ދެނެގަތުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުގެ އިސް މުޝީރަކު ވިދާޅުވެފައިވަނީ، މިހާތަނަށް ބެލި ބެލުންތަކުން ޕޮޒިޓިވްވެފައިވާ މީހުންނަކީ، އާ ސްޓްރެއިންގެ އަސަރުކޮށްފައިވާ މީހުންކަމަށް ނުބެލެވޭ ކަމަށެވެ.

އެކަމަކު، ޓެސްޓްތަކާބެހޭ ކޯޑިނޭޓަރ ވިދާޅުވެފައިވަނީ، އަދިވެސް ޓެސްޓްތައް ކުރަމުންދާ ކަމަށެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 މިލިއަނަށް އަރާފައިވަނީ މިދިޔަ ހަފްތާ ބަންދުގައެވެ.

ކޮވިޑްބަލީގައި އިންޑިއާއިން މިހާތަނަށް 146،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށްވެސް ރެކޯޑުކުރެވިފައި ވެއެވެ.

ކޮވިޑްބަލި ވަރަށް އަވަހަށް ފަތުރާ އަދި މާ ނުރައްކާތެރި ވައިރަހެއް ޔޫކޭއިން ފެނުމާއެކު ދުނިޔޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައި ވެއެވެ.

މިކަމާހެދި ދުނިޔޭގެ އެތައް ގައުމަކުން މިހާރުވަނީ އިނގިރޭސި ފަސިންޖަރުން ގޮވައިގެން މަތިންދާ ބޯޓުތައް އައުން ހުއްޓުވާފައެވެ.

މިލިސްޓުގައި އިންޑިއާވެސް ހިމެނޭއިރު، ޔޫކޭއިން އަންނަ އިންޑިއާގެ އެތައްސަތޭކަ ރައްޔިތުން އިންޑިއާގެ އެއަރޕޯޓްތައް މެދުވެރިކޮށް އެކި ރަށްތަކަށް ކޮންމެ ދުވަހަކު ދަތުރުކުރެއެވެ.

އެހެންވެ، އިންޑިއާ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ޔޫކޭއިން އެނބުރި އައި އެންމެން ހޯދައި ޓެސްޓްކުރުމަށެވެ.