ޕަރީފެންގަނޑު: (ބާރަވަނަ ބައި) ލިޔުނީ: މަމްދޫޙު އިބްރާހީމް
މިހާރު ތުއްތުސީދީގެ ކުރިމަތީގައި ހުއްޓިގެން ބިންމަތީގައި ފައިނުޖެހޭގޮތަށް އެހުރީ އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ އެވެ.
މިމަޚްލޫޤް އަކީ ތުއްތުސީދީ ދުނިޔޭގެ އެންމެފަހު އެއްޗަކަށް ވެސް ބަލާލަން ބޭނުންވެފައިވާ ފަރާތެކެވެ. ޝަބީބާ ކަމަނާ ގެ އަޖައިބު ކުރަވަނިވި ޖާދުވީ ރީތިކަން އަނެއްކާ ވެސް ތުއްތުސީދީ އަށް ފެނުމުގެ ފުރުސަތު މި ލިބުނީއެވެ. ތުއްތުސީދީގެ އުމުރުން މިހާ ދުވަސް ވެފައި ވަނިކޮށް މިހުރިހާ މަރުހަލާއެއް ކަޑަތު ކޮށްފައި މިރީތި މަޚްލޫޤަށް ބަލާލުމުގެ ފުރުސަތު އަލުން އަނެއްކާ ވެސް ލިބުނީތީ ތުއްތުސީދީ ހުރީ ވަރަށް އުފާވެފައެވެ. ފަހަރުގައި މިއީ ދެން އޭނާގެ ހަޔާތުގެ އެންމެ ފަހުފަހަރަށް ޝަބީބާ ކަމަނާ ފެނުމުގެ ފުރުސަތު ކަމުގައި ވެސް ވުން ހަމަ އެކަށީގެން ވެއެވެ. ޝަބީބާ ކަމަނާ ފުރަތަމަ ވެސް ތުއްތުސީދީ އަށް އެ ކަމަނާ ގެ ރަން އަޑުންފުޅުން ވިދާޅުވިއެވެ.
"ސިއްދީގު...؟" މިހެން ޝަބީބާ ކަމަނާ ގޮވާލެއްވި ތަނުން ތުއްތުސީދީ ދިޔައީ ސިއްސައިގެންނެވެ.
ސިއްދީގު އެއީ އޭނާއަށް އަސްލުގައި ކިޔާނަމެވެ. އޭނާގެ އަސްލުނަމުން ގޮވާ އެކަކު ވެސް ނޫޅޭނެއެވެ. އެންމެން ވެސް އޭނާއަށް އާންމުކޮށް ކިޔާއުޅޭނީ ތުއްތުސީދީ ނުވަތަ ސީދިބޭ އެވެ.
ޝަބީބާ ކަމަނާ އަށް ސިއްދީގު މިފެނިވަޑައި ގެންނެވީ ވަރަށް ވެސް ގިނަ އަހަރުތަކަކަށް ފަހުގައެވެ. ޝަބީބާ ކަމަނާ އަށް ސިއްދީގު މިއަދު ފެނިވަޑައިގެންނެވި އިރު މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ޝަބީބާ ކަމަނާގެ ހިތްޕުޅަށް އަރައި ވަޑައިގަތެވެެ. އިންސީންނަށް ދުނިޔެމަތީގައި މިއަންނަ ބަދަލުތަކަކީ ހާދަހާ ހައިރާންކުރުވާ ކަމެކެވެ. އެހެނީ ޝަބީބާ ކަމަނާ އަށް މިވަނީ އެތަކެއް އިންސާނީ ދަރިފަސް ކޮޅު ނިމިގެންދިޔަ އެތަކެއް ހާސް މަރުހަލާތަކެއް ފެނިވަޑައިގެންފައެވެ.
ޝަބީބާ ކަމަނާ އަށް އިހްސާސްފުޅު ކުރެއްވެނީ އެ ކަމަނާއަށް އިހަކަށް ދުވަހު ސިއްދީގުއާ ދިމާވެ ބައްދަލުވެ ފެނިވަޑައިގެން ނެވި އިރެވެ. ތުއްތުސީދީގެ މޫނުމަތިން ނުރުހުމެއް ފާޅުވެފައި ހުރި ކަހަލައެވެ. އަދި އޭނާ ކަރު ކަހާލާފައި ޝަބީބާ ކަމަނާ ގެ ޖާދުވީ ރީތި މޫނުފުޅަށް ބަލައިލާފައި ބުންޏެވެ.
"ކަމަނާއަށް އެނގި ވަޑައިގަންނަވާ ތޯ އަހަރެން ކަމަނާ މިހިސާބަށް ގެންނަން ކުރި ބުރަ މަސައްކަތް...؟"
ހަމަ މިހެން ތުއްތުސީދީ ބުނުމާއެކު ޝަބީބާ ކަމަނާ ވިދާޅުވެ ލެއްވިއެވެ. "ސިއްދީގް....! ސިއްދީގު ހަމަ ގައިމު ވެސް ނުބައިވެގެންވާ ބޮޑު ކަޅު ސިހުރެއް ހަދައިގެން ނޫންގޮތަކަށް ނުނީ އަހަރެން މި ބިމުގެ މިހިސާބަށް މިގޮތަށް ހައްޔަރު ކުރެވިގެންވާ ހާލުގައި ނުގެނެވޭނެ.... ތިޔައުޅެނީ އަދިވެސް..."
މިހެން ޝަބީބާ ކަމަނާ ވިދާޅުވެ ލެއްވި ތަނުން ރަށުގެ މަތިން ވަރަށް ބާރަށް ބޮޑެތި ބިޔަ އަލިފާން ގުޅަތަކެއް ދަތުރުކުރާތަން ފެނިވަޑައިގެން ނެވިއެވެ. އެހެން ނަމަވެސް އެއިން އެންމެ އަލިފާން ގުޅައެއް ވެސް ރަށާދިމާ ތިރިއަކަށް ވާޞިލުވުމަށް މިސްރާބެއް ނުޖަހައެވެ. ހަމަ އުޑު މަތީގައި އެކި ދިމާއަށް އެނބުރެނީއެވެ. އަލިފާން ގުޅަތައް އުޑުމަތީގައި ފިޔަޖަހާ އިރު ހީވަނީ އުޑުގެ ތަރިތައް ވެއްޓެން އުޅޭ މަންޒަރެއްހެންނެވެ.
ޝަބީބާ ކަމަނާ ހުންނެވީ ހައިރާންފުޅު ވެވަޑައިގެން ނަވާފައެވެ. ހަމަޔަޤީނުން ވެސް ޝަބީބާ ކަމަނާ ގެ ހުވަނދުފުޅުގެ މީރު ވަހުގެ ވަސް މަތީގައި އެ އެނބުރެމުންދާ އަލިގަނޑުތަކަށް ދުވާނެކަން ކަށަވަރެވެ. އެހެން ނަމަވެސް އެއިން އެއްވެސް އަލިގުޅައަކަށް މިރަށު ބިމާހަމައަކަށް ތިރިނުކުރެވޭނެއެވެ. މިއަލިފާންގުޅަތައް ްމަތީގައި އެނބުރޭތަން ތުއްތުސީދީއަށް ފެނުމުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ވަރަށް ރުޅި އަތުވެއްޖެއެވެ. އެހެންނަމަ ވެސް އޭނާ އެއްގޮތަކަށް ވެސް ހާހެއްނުވާނެއެވެ. އެނގޭހާ ވެސް އެއްޗަކީ އެތަނުން އެއްވެސް އަލިގަނޑަކަށް މިރަށުގެ ބިމަށް ތިރިއެއްނުކުރެވޭނެ ކަމެވެ. ތުއްތުސީދީ ވަރަށް ބާރު ހިނިގަނޑެއް ޖަހާލިއެވެ. އޭނާ މިގޮތަށް ހޭންފެށުމުން ވެސް ޝަބީބާ ކަމަނާ ހުންނެވީ ވަރަށް ހައިރާން ފުޅުވެލައްވާފައެވެ.
ޝަބީބާ ކަމަނާ ގެ ހިތާހިތްޕުޅުން އަމިއްލަ ނަފްސަށް ވިދާޅުވި އެވެ. 'މި އިންސާނާ މިއުޅެނީ ކޮންކަހަލަ ކަންތައްގަނޑެއްް ކޮށްގެން ބާ؟' ޝަބީބާ ކަމަނާ ސިއްދީގުއާ ހަތަރު ކަޅި ހަމަކޮއްލައްވައިފައި ވިދާޅުވިއެވެ. "ސިއްދީގުއަށް އެނގޭތަ މަތިން އެފެންނަނީ ކޮން އެއްޗެއްކަން...؟"
ދެން އާނއެކޭ ބުނުމުގެ ގޮތުން ސިއްދީގު ބޯޖަހައިލިއެވެ. ތުއްތުސީދީގެ ކިބައިގައި ބިރެއްގެއް ވެސް ކަންފުޅެއް ނެތްކަން ޔަޤީނެވެ.
ޝަބީބާ ކަމަނާ ވިދާޅުވިއެވެ. "އެފެންނަނީ އަހަރެންގެ ބައްޕާފުޅުގެ ލަޝްކަރު...! އެއީ އެކާވީސްހާސް ފައުޖުގެ ޕަރީންގެ ހާދިމްގެ ހަށިފާރަވެރިންގެ ބިޔަބޮޑު ލަޝްކަރު!." މިހެން ޝަބީބާ ކަމަނާ މައްޗަށް ބައްލަވަން ހުންނަވައި ވިދާޅުވިއެވެ . "އެމީހުން އެއުޅެނީ އަހަރެން ހޯދައި ނުފެނިގެން.."
"އެބައިމީހުންނަށް އަހަރެންގެ ހުވަނދުގެ ވަސް އެބަ ދުވާ...! އެހެންނަމަ ވެސް އަދި ވެސް އެބައިމީހުން ނަކަށް އަހަރެން މިތާހުރި ކަމެއް ނޭނގެ....!"
ތުއްތުސީދީ ބާރުގަދަ ހިނިިގަނޑެއް ޖަހާލައިފައި ބުންޏެވެ. "އެމީހުން ކިތަންމެވަރަކަށް ކަމަނާ ހޯދަވަން އުޅުނަސް ނުފެންނާނެ!. އެމީހުން ކިތަންމެ އިރަކު އެހެން އެއްކޮޅުން އަނެއްކޮޅަށް ދެފަރާތަށް ބުރުޖަހާލަ ޖަހާލަ ތިއްބަސް ކަމަނާ މިތާގައި ހުންނެވި ކަމުގެ އެއްވެސް ޚަބަރެއް ނޭނގޭނެ...! އަދި ކުޑަ މިނުން މިރަށްވެސް އެބައިމީހުންނަކަށް ނުފެންނާނެ....!"
ތުއްތުސީދީ އެހަދާލި ވަރުގަދަ ބޮޑު ކަޅުސިހުރުގެ ސަބަބުން މުޅި ސަންގުފުއްޓަރު އެވަނީ އިންސާނުންނާއި ޖިންނީންގެ ލޯތަކަށް ނުފެންނަ ގޮތަށް ގެއްލުވާލާފައެވެ. މިއަޑު އިވިލައްވައިފައި ޝަބީބާ ކަމަނާގެ ނޫކުލައިގެ ރީތި ދެލޯފުޅުން ކަރުނަ ފޮދު އޮހޮރެން ފެއްޓެވިއެވެ. އެ ކަމަނާ ގެ ނޫކުލައިގެ ދެލޯފުޅުން އޮހޮރި ވަޑައިގެންނަވާ ކޮންމެ ކަރުނަ ފޮދެއް ވެއްޓި ވަޑައިގެން ނަވާ ހިނދު އެބަދަލު ވެ ލައްވަނީ ގަދަ ނޫކުލައިގެ ޖަވާހިރު ކޮޅަކަށެވެ.
ޝަބީބާ ކަމަނާ އަށް ސިއްދީގުމެން އެންމެ ފުރަތަމަ ފެނިވަޑައި ގަތީ އެ ފެންގަނޑު ކައިރިންނެވެ. އެއީ ސިއްދީގު އާއި އޭނާގެ އެކުވެރިޔާ ފުރަތަ ފަހަރަށް އެ ކަމަނާ އަށް ފެނިވަޑައި ގެންނެވި ފަހަރެވެ. އަދި ޝަބީބާ ކަމަނާ ނާނޭފުޅު ފިއްލަވަން ޕަރީ ފެންގަނޑަށް ފައިބާ ވަޑައިގެންނެވި ރެއެކެވެ. އަދި އެ ކަމަނާ ގެ އަރިހުގައި ތިއްބެވި ބާނދީން އެ ފެންގަނޑަށް ފެންވަރަން އެރި އުޅުމުގެ ތެރޭގައެވެ.
ޝަބީބާ ކަމަނާ އަށް މިކަހަލަ މާޒީގެ ވަރަށް ދުރުހަނދާން ފުޅެއް ވުމަށްފަހު އެކަމަނާ އަށް ފުންއަސަރު ފުޅެއް ތަކެއް ކުރައްވައި ހިތާމަ ފުޅުން ކީރިތިފުޅު ކުރެއްވެން ފެއްޓެވިއެވެ. މިހާރު އެކަމާނާ ގެ ހިތްޕުޅަށް އަރައި ވަޑައި ގަންނަވަމުން އެ ގެންދަވަނީ ައެކަމާގެ ބައްޕާފުޅު އެންމެ ކުރިއްސުރެ އަންގަވާ ދެއްވާ ފައިވާ ވިދާޅުވެ ލައްވައިފައި ވާ ބަސްކޮޅެވެ. އެނަސޭހަތްޕުޅުގައި އެކަމަނާ އަށް ދެމިހުންނެވުނުނަމަ މިއަދުމިހެން މިގޮތަށް އިންސާނެއްގެ ޝިކާރައެއްގެ ގޮތުގައި ހައްޔަރު ވެޑައިގެން ޖެހިވަޑައިގެން ހުންނަވަން ނުޖެހުނީސް ކަން ޔަޤީނެވެ. ބައްޕާފުޅުގެ އަމުރަކައި ނުލައްވައި ފެންގަނޑަށް ފައިބާ ހެއްދެވުމުން އެހެން ނަސްލެއްގެ އެއްޗެއްގެ ލޮލަށް އެ ކަމަނާ ފެނި އެކަމުގެ ހިތި ރަހަ ލިބުން ކަމުގައެވެ.
ތުއްތުސީދީއަށް އަބަދު ވެސް ނުބައިކަން ހުރި ބިރުވެރި ހުވަފެނެއް ތަކުރާރުކޮށް ފެނެއެވެ. އެހެންނަމަވެސް ފުރަތަމަ ފާލުބެލުމަށް ފަހު ޔާސިރު އެތަރުޖަމާ ކޮށްދިން ފޮޅުވަތުން ސާބިތުވާ ގޮތުގައި މިހުރިހާކަމެއް މި ކުރެވެނީ މި ކަމުގެ ހުރިހާ އުފަލަކާއި އަރާމެއްގެ ބާރުހޯދާށެވެ. އޭގައި ބުނާގޮތުން އެފެންގަނޑުން ފެންގޮށްޓެއް ބޯން އެބަ މަޖުބޫރުވެއެވެ.
ސިއްދީގު ޝަބީބާ ކަމަނާގެ ރީތީ މޫނުފުޅަށް ބަލަން ހުރެފައި ބުންޏެވެ. "އަހަރެން މިހާރު މިހުރި ސިފައަށް ބައްލަވާ ލެއްވި ނަމަވެސް ޝަބީބާ ކަމަނާ އަށް އަހަރެން މި ބޭނުންވެގެން އުޅޭ ކަމެއް، އެނގިވަޑައި ގަންނަވަން ޖެހޭނެ! އެއީ ޝަބީބާ ކަމަނާ ގެ ބޭފުޅުން ތި ފައިބާ ވަޑައިގެން ނަވާ ފެންގަނޑުގެ ބޭނުމުގަ! ޕަރީން އެ ފެންވަރަން އެރެމުން ދިޔަ އެތަކެއް ހާސް އަހަރުތަކެއްވީ ޕަރީފެންގަނޑުން ފެން ގުޅިއެއް އަހަރެންނަށް ގެނެސް ދިނުމަށް!!"
ދެން ތުއްތުސީދީގެ ސިކުނޑީގައި ވެރިވެގަތީ މީގެ އެތަކެއް އަހަރުތަކުގެ މާޒީގައި ވެފައިވާ ހަނދާންތަކެކެވެ....އެތަކެއް ބިރުވެރިކަމާ ވޭންހުރި ހާދިސާތަކެކެވެ. ތުއްތުސީދީ މިކަމުގައި ވެވުނު ހުރިހައި ކަމެއް ކޮއްފައި ނޫނީ ދުލެއް ނުދޭނެއެވެ. ޕަރީ ފެންގަނޑަކީ ޕަރީން ފެންވަރަން އެރުނު ފެންގަނޑެކެވެ.
ޕަރީ ފެންގަނޑުގެ މެދެއްހާ ހިސާބުއަޑިން ފޮރުވިފައިވާ ޒަދްރާ ރަނިކަމަނާގެ ޚަޒާނާގެ ވަށައިގެން ހުރިބޮޑު ބިޔަ ރަންމުތާއި ޔާގޫތުން ފަރުމާކުރެވިފައިވާ ފޮށީގެ ތެރޭގައި އެ ކަމަނާގެ ފިރިކަލުން ހަދިޔާކުރެއްވި ރަތްކުލައިގެ އަލިމަހާއި ޖަވާހިރު ޖަހާފައިވާ ރަން އަނގޮޓިފުޅު ނަގައި ރަނުން ހަދައިފައިވާ އުޅައްގަނޑެއްނެތް ރަންތަށްޓަކަށް އެފެންގަނޑުން ފެންއަޅައި އަނގޮޓިފުޅު އެއަށްލާފައި އެތަށިން ފެންބުއިމުން ނޫނީ އިންސާނާގެ ޒުވާންކަން އަބަދުގެ އަބަދަކަށް ނުލިބޭނެއެވެ. އެމީހަކީ ކިތަންމެ މުސްކުޅި ވެފައިވާ މީހަކަސް މިގޮތަށް މިކަންކޮށް މިރަންތަށިން ފެންބޮއެފިނަމަ އެމީހެއްގެ ޒުވާންކަން އެނބުރި ލިބި އެމީހެއްގެ އަޖަލުހަމަ ވާންދެން ވެސް މުސްކުޅިއެއް ނުވާނެއެވެ.
ތުއްތުސީދީ ނިދީގައި އަދި ދެބަދޭތެރޭގައި މީހަކު އައިސްވަނީ އެފެންގަނޑުގެ ހުރިހާ ޖާދުވީ ވާހަކަ ދައްކައި އެތަނުން ފެން ގެނެސް ބުއިމަށް އެދިފައެވެ. ނަމަވެސް އެފެންގަނޑާބެހޭ ހުރިހާ ހަގީގަތެއް ތުއްތުސީދީ އަކަށް މުޅިއަކުން ނޭނގެއެވެ. އެފެންގަނޑަށް ޖިންނީންގެ ބަޔަކު އައިސް އެރި އުޅުނުކަން ތުއްތުސީދީ އަށް އެނގެއެވެ. އޭނާއަށް ހަމައެކަނި ކުރެވުނު ކަމަކީ ގޮތްނޭނގޭ ބަހުރުވައިން ލިޔެފައިވާ ފޮތުން ތަރުޖަމާ އެއްގައި ގަބުރު ކޮނެ ނުބައި ސިހުރުގެ ކަންތައްތައް ކޮށްހަދައި ޕަރީއެއް އޭނާގެ ކައިރިއަށް ހާޒިރުކޮށް ހައްޔަރު ކުރުމެވެ.
ދެން ޔާސިރުވަނީ ސިހުރުފޮތުގެ ލިއުމަކުން ޕަރީފެންގަނޑުން ފެންބުއިމަށް ލިޔެފައެވެ. ތުއްތުސީދީ ބޭނުންވާ ކަންތައްތަކުގެ ތެރޭގައި އޭނާގެ އާއިލާއަށް މި ސިހުރުފޮތް ގެނެވުނީ ކިހިނަކުންތޯ އާއި މިއީ ކޮންގޮތަކުން އުފެދުނު ފޮތެއްތޯ އާއި ކާކުތޯލިޔުނީ އާއި ކީއްވެގެންކަން ގެނެވުނު ފޮތެއް ކަން ދެނެގަތުންވެއެވެ. ތުއްތުސީދީ އާއިލާގެ މުނިކާފަ ހިސާބުން ފެށިގެން މިފޮތް މިއަދާހަމައަށް އަންނަން ޖެހުނު ސަބަބެއް ވެސް އޮޅުން ފިލުވާށެވެ.
ޚުދް އޭނާއަކަށް ވެސް އެކަމުގެ ހަގީގަތެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެސިހުރުފޮތުގެ ފާރަވެރިއެއް ނުވަތަ ކަޅު ހިޔަންޏެއް އެފޮތް އޮންނަތަނެއްގައި އުޅޭކަމެވެ. އަދި އެފޮތުގެ ތެރެއިން ކޮންމެފަދަ ސިހުރު ހާހޫރައެއް ހެދިޔަސް ހަދަންއުޅުނަސް އެމީހަކަށް ނުބައިކަން ކުރުމުގެ މަގުފަހިކޮއްދޭ ކޮންމެ ވެސް ސަބަބުތަކެއް މެދުވެރިވާނެކަމެވެ. މިކަން މިހެން ހިނގާނެކަމަށް ވަނީ އޭނާގެ މުނިކާފަ ދުނިޔޭގައި ހުރިއިރު ވެސް އެމީހާގެ ދަރިންގާތު ބުނެފައެވެ.
އެހެންނަމަވެސް ތުއްތުސީދީ ކުޑައިރު މިކަހަލަ ކަންތައްތަކާ އެހާ ޝައުގުވެރިއެއް ނުވެއެވެ. އެހެނެއްކަމަކު، އޭނާއަށް ފުރަތަމަ ފަހަރަށް ޝަބީބާ ކަމަނާ އެފެންގަނޑުގެ ތެރެއިން ނާނޭފުޅުފިއްލަވަން އެރި އުޅުއްވަނިކޮށް ފުރަތަމަ ފަހަރަށް ފެނުނީއްސުރެ ޝަބީބާ ކަމަނާ އަށް ހިތްކިޔައި އެ ކަމަނާ އަބަދުގެ އަބަދަށް ސިއްދީގުގެ މިލްކަކަށް ހެދޭނެ ގޮތެއް އޮތްތޯ އޭނާ ހޯދާބަލަން ބޭނުންވިއެވެ.
އެކަމަކު ވެސް ޖިންނީންނާއި ކުރިމަތިލައި އެބައިމީހުންނާ މުއާމަލާތް ކުރެވޭނީ ވަރަށް ވެސް ކެރިގެންނެވެ. ހަޔާތުގެ ކަންތައްތައް ދިމާވިގޮތުން ތުއްތުސީދީއަށް މަޖުބޫރުވީ ހުރިހާކަމެއް ހުއްޓާލާފައި ލިބުނު ނާކާމިޔާބީއެކީ އަމިއްލަ ހަޔާތާއެކު ކުރިއަށްދާށެވެ. އެކަމަކު އެއްވެސް ހާލެއްގައި އޭނާ ހަމަހޭގައި ދުނިޔޭގައި ހުއްޓައި އޭނާކުރަން ބޭނުންވެފައިވާ ކަންތައް ނުކޮށް ދޫކޮއްލާކަށް ބޭނުމެއްނުވާނެއެވެ.
(ނުނިމޭ)
އަސްތާ. މިއޮތީ ވާ ވަރެއް ބިރުގަނޭ. ހާދަހާ މަމްދޫހުގެ ވިސްނުން ގަދައޭ. އުއްމީދު ކުރަން މިނޫން ވާހަކަވެސް ލިޔެ ގެނެސްދޭނެކަމަށް.