ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ.

  • މި މަޝްރޫޢުގެ ދަށުން:
  • 12،800ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 77 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 482 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 249.66 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • މޫރިންގ ބޯއީސް ހަރުކުރުން
  • 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • 16 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުން
  • 1847.11 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • 291 މީޓަރުގެ ސަރަޙައްދެއްގައި ކަރބް ހަރުކުރުން ހިމެނޭ.

މި މަޝްރޫޢަކީ 40.57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫޢުއަކީ 360 ދުވަސް ތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާ ޙަވާލުކުރި މަޝްރޫޢެކެވެ.

ވ. ތިނަދޫއަކީ އެ އަތޮޅުގައިވެސް ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ރަށެވެ. އެރަށުގެ އާބާދީއަށްވުރެ ފަޔުރުވެރީންގެ އާބާދީ ބޮޑު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެރަށުގައި މިހާރުވެސް 9 ގެސްޓުހައުސް ރަޖިސްޓްރީކޮށްގެން އެބަހިންގައެވެ. މުޅިއަކު ތިންސަތޭކައެއްހާ އެނދު އެރަށުގައި ހުރެއެވެ. ފަތުރުވެރިކަމާއެކު ފަރުމަސްވެރިކަން ކޮށްގެން ވެސް އެރަށު މީހުން ރަނގަޅު އާމްދަނީއެއް ހޯދައެވެ. ލޯކަލް ޓުއަރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ" އަދި އެކްސްކާރޝަންސް އަށް އޮތް ތަރުހީބު ވެސް އެރަށުގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެރަށަކީ މުދާ އުފުލާ ދޯނިފަހަރާއި، ޑައިވިންގ ދޯނިފަހަރާއި ލޯންޗް އަދި ޑިންގީ ގިނަރަށެކެވެ. މިހާރުވެސް ދަނީ އިތުރުވަމުންނެވެ. އަދި އެހެންކަމުން، އެ ރަށުގައި އޮތް ބަނދަރަކީ މިހާރު ރަށުގައި ފުޅާވަމުން އަންނަ އިޤްތިޞާދުގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ބަނދަރެކެވެ.

މިއަދު ސޮއެކުރެވިގެން މިދިޔަ މަޝްރޫޢުއާއިއެކު، ވ. ތިނަދޫއަށް ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް މުސްތަޤުބަލުގައި ލިބިގެން ދާނެއެވެ. އޭގެ ސަބަބުން އެތައް ލުއިފަސޭހައެއް ލިބޭނެއެވެ. ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ކޮޅުވެއްޓި ފަދަ އުޅަނދުފަހަރުވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުކުރެވޭނެއެވެ.