އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހ. ވާހަކަ ކިޔަން އައިސް ތިބި ހުރިހާ ކުދިންނަށް މަރުޙަބާ! މިއަދުވެސް މަމްދުބެ މި އައީ ވާހަކައެއް ކިޔައިދޭން. އޭގެ ކުރިން ތިކުދިންނަށް ބުނެދޭން ބޭނުން ރޯދަމަހުގެ ފަހު ދިހަ އަކަށް ފެށުނު ވާހަކަ. ތިކުދިންނަށް ވެސް އެނގެއެއްނު މި ދިހަ ދުވަހަކީ ވަރަށް ހާއްސަ ދުވަސްތަކެއްކަން. އެއީ ލައިލަތުލްޤަދްރި އަންނާތީ. ލައިލަތުލްޤަދްރި ވަނީ 21ވިލޭރޭ، 23ވިލޭރޭ، 25ވިލޭރޭ، 27ވިލޭރޭ، 29 ވިލޭރޭ. މިއީ އޮނަހިރި ރޭތައް. އޮނަހިރި އަކީ ކޮންއެއްޗެއްކަން އެނގޭތަ އާނ! އެއީ އޮޑް އަދަދުގެ ރޭތައް. މިރެއާ ބެހޭ ހާއްސަ ހަދިޔާއެއް ދެން އަންނަ ދުވަހަކު ތިކުދިންނަށް ގެނެސްދޭނެ.

އާނ! މިހިސާބުން ވާހަކަ ކިޔަން ހިނގަމާ!

ޖަންގަލީގައި ހުރި ވަރަށް ރީތި ނޫކުލައިގެ ހަންޑިކުޑައެކެވެ. ކޮން ކުދިންނަކަށް އެނގެނީ ހަންޑިކުޑަ އަށް އިނގެރޭސި ބަހުން ކިޔާނަން؟ ސާބަހޭ ކުދިންނޭ މޮޅު ކުދިން ކޮޅެއް. ހަންޑިކުޑައަށް ކިޔަނީ "މަޝްރޫމް".

އެއްދުވަހެއްގެ ޖަންގަލީގައި ހެދިފަ ހުއްޓޯ ވަރަށް ރީތި ހަންޑިކުޑައެއް. އޭގައި ހުރީ ވަރަށް ރީތި ނޫކުލައެވެ. ކޮންމެ އަކަސް މި ރީތި ހަންޑިކުޑަ ހުންނަނީ ޖަންގަލީގަ ފޮރުވިފަ ހުންނަ ގަސްތަކެއްގެ ތެރޭގަ. ދެން އިނގޭތަ ވީ ގޮތް؟ ޖަންގަލީގައި އުޅުނު ކުޑަ މޮގޮށި މީދަލެއް އައިސް އެ ރީތި ހަންޑި ކުޑަ އެ ސޮރުގެ ގެއަށް ހަދައިފި. އަނެއްކާ ވެސް މި އޮތީ ތި ކުދިންނަށް ސުވާލެއް އިނގޭ! އިނގެރޭސި ބަހުން މުގޮށި މީދަލަށް ކިޔަނީ ކީކޭ؟ އާނ! މޮޅު ކުދިންތަކެއް. މުގޮށި މީދަލަށް އިނގެރޭސި ބަހުން ކިޔަނީ "ސްކްއެރަލް" ދެން މި މުގޮށި މީދާ އެ ހަންޑިކުޑައިގަ ހޮހަޅައެއް ހަދައި އޭގެ ތެރޭގައި ދިރި އުޅެން ފަށާފި. މިހެން އުޅެނިކޮށް އެއްދުވަހަކު ގަސް ކަނޑާ މީހަކު އައިސް އެ ރީތި ކުޑަ ހަންޑިކުޑަ އުފުރާލައިފި.

މުގޮށި މީދާ ކިހާ ދެރަވާނެ ދޯ؟ މުގޮށި މީދާ ވަރަށް ދެރަވެގެން ނިކުމެ ގަސްކަނޑާ މިހާ ގާތުގަ ބުނެފި. "ކީއްކުރަންތަ އަހަރެން ދިރިއުޅޭ ގެ ތި ހަލާކު ކޮށްލީ؟ މި ޖަންގަލީގަ ހުރި ގަސްތަކަކީ އެތައް ބައިވަރު ޖަނަވާރުތަކާ ދޫނި ސޫފާ ސޫފިތަކުގެ ދިރިއުޅޭ ގެދޮރު. ތި ގޮތައް ގަސް ކެނޑީމަ ކިހާ ދެރަވާނެ އަދި ހޫނުގަދަ ދުވަސް ތަކުގަ ކިހާ ހޫނު ގަދަ ވާނެ!" މިހެން ކިޔައި މުގޮށި މީދާ ރޯންފެށިއެވެ.

ގަސްކަނޑާ މީހާއަށް ވިސްނިއްޖެއެވެ. މި ގޮތަށް ގަސް ކަނޑާ ހެދުމަކީ ޖަންގަލީގައި ތިބޭ އެތައް ދިރޭ ޖަނަވާރުންނަށް ދެރަލިބޭނެ ކަމެކެވެ. އަދި ހިޔާވަހިކަން ވެސް ގެއްލިދާކަމެކެވެ. ގަސްކަނޑާ މިހާ ވަރަށް ދެރަވިއެވެ. އަދި ބުންޏެވެ. "އަހަރެންނަށް މާފު ކުރޭ! ދެން ޖަންގަލީގަ ހުންނަ އެއްވެސް ގަހަކަށް ގެއްލުން ނުދޭނަން."

ގަސްކަނޑާ މީހާ އަށް މޮޅު ހިޔާލެއް ލިބުނެވެ. ތި ކުދިންނަށް އިނގޭތަ އެއީ ކޮންހިޔާލެއްކަން؟ ގަސްކަނޑާމީހާ އާ މުގޮށި މީދަލާ ވެގެން ޖަންގަލީގަ ބައިވަރު ގަސް އިންދީ! ކިހާ ރަނގަޅުދޯ،. ފަހުން މުޅިޖަންގަލީގަ ގަސް ހެދި ބައިވަރު އެކި ޖަނަވާރުންތައް އައިސް އުފަލުގަ ދިރިއުޅެން ފެށިއެވެ. އަދި ބައިވަރު އެކި ރީތި ހަންޑިކުޑަ ތައް ހުރީ ހެދިފައެވެ.