ދެ އަަހަރު ނިމޭއިރު މިފްކޯގެ ވަސީލަތްތައް އޮންނާނީ ތަރައްގީވެފައި ކަމަށާއި ހުރިހާ މައްސަލަތަކެއް ހައްލުވާނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ގިނަ އަދަދެއްގެ މަސްވެރިން ވަނީ ފެލިވަރުގައި އިހުތިޖާޖު ކޮށްފައެވެ. މައިގަނޑު ހަތަރު ކަމަކަށް ފެލިވަރުގައި އިހުތިޖާޖުކުރި މަސްވެރިން ޑިމާންޑް ކޮށްފައިވާއިރު، އެގޭތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން އަދި މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެނެސް، ކީކިމިނި ބޭނުން ކުރެވޭނެ ހާލަތަށް ގެނައުމުގެ އިތުރުން، ދުވަހުން ދުވަހަަށް މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން މިފްކޯގެ އެމްޑީ ފައުޒީ ވިދާޅުވީ މިއަދު މަސްވެރިންނާ ފޯނުން ގުޅައި އެމީހުންގެ ޝަކުވާތައް އައްސަވައިފައިވާ ކަމަށެވެ.
މަހުގެ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނުވާނެގޮތަށް މަސްވެރިން ޑިމާންޑްކުރަމުންދާތީ އެކަމާ ގުޅޭގޮތުން ފައުޒީ ވިދާޅުވީ ކޮވިޑްގެ ހާލަތާއެކު ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއެކު މިހާރުވެސް އެންމެ ބޮޑު އަގެއް ދެމުން އަންނަނީ މިފްކޯއިން ކަމަށެެވެ.
ފެލިވަރުގައި 4،000 ޓަނުގެ ސްޓޯރޭޖާއި، ފްރީޒީން ކެޕޭސިޓީ އިތުރު 200 ޓަނުން އިތުރުކުރުމާއި، އާރްއެސްޑަބްލިއުގެ އިތުރު 80 ތަނު ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަން ފައުޒީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފެލިވަރުގެ ކޭނަރީ އިތުރަށް ތަރައްގީކުރުމުގެ ގޮތުން އައު ކޭނަރީއެއް ފެލިވަރުގައި ގާއިމުކުރެވޭނެ ކަމަށާއި، މި ކޭނަރީ ވެގެންދާނީ ދުވާލަކަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ކޭނަރީއަކަށް ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވަނީ ފެލިވަރުގެ މި ޕްރޮޖެކްޓުތަކާއެކު އުތުރުގެ މަސްވެރިންނަށް އިތުރު އުންމީދުތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އަންގާރަ ދުވަހުގެ ހެނދުނު 7:30 ހާއިރު، މަސްވެރިން އިހުތިޖާޖުކުރަން ފަށާފައިވާއިރު، އިހުތިޖާޖުގައި 20 އަކަށް ދޯނި ބައިވެރިވިއެވެ. އަދި މިއިން ކޮންމެ ދޯންޏެއްގައި ވިއްސަކަށް ފަޅުވެރިން ތިބެއެވެ.