ޗަމްޕާ ބްރަދަރސް އިން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި ބަހާއިރު މިހާރު ބޮލަކަށްދޭ 5 ކާށީގެ ބަދަލުގައި 10 ކާށިދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 97 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި ނިންމާފައިވަނީ ކުރިން ކާށި ބެހުމަށް ނިންމާފައިވާ އަދަދަށް ބަދަލު ގެނައުމަށްފަހު ކާށި ބެހުމަށެވެ. ކުރިން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ 5 ދުވަހު ހަމައެކަނި ސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ވަނީ 5000 ކާށި ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށް ޚާއްސަ ކުރުމަށްފަހު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މި 5 ދުވަހުވެސް ކާށި ބެހުމަށެވެ.

ކާށި ބަލާ އަންނައިރު އައިޑީކާޑު ގެންނަން ޖެހެއެވެ. ކާށި ބަަހަން ފަށައިފައިވަަނީ އިއްޔެއެވެ. އިއްޔެ ވަނީ 415 ކާށި ބަހައިފައެވެ. އެއީ ފަގީރުންގެ ލިސްޓުގައި ހިމެނޭ 16 މީހަކަށާއި ގޭބިސީތަކަށް ނިސްބަތްވާ 80 މީހަކަށެވެ. އެ މީހުންނަށް ބަހާފައިވަނީ ބޮލަކަށް 5 ކާށީގެ މަގުންނެވެ.

ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:30 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށެވެ.