މިދުވަސްވަރު ރާއްޖޭގައި ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެތަނުން ވިދާޅުވެފައިވަނީ މި ދެރޯގާ ވެސް ބާރަށް ފެތުރޭ ކަމަށާއި އެހެން ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ. އެންމެފަހުގެ ތަފާސް ހިސާބުތަކުން ވެސް ދައްކާފައިވަނީ ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާ ކަމެވެ.

ރައްކާތެރިވުމަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް:

  • ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނޭ ފަރާތްތަކުން ވީހާސްވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން.
  • އަރިދަފުސް ރޯގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނޭހެން ރަނގަޅަށް މާސްކު އެޅުން.
  • އާންމު ތަންތަނުގައި އުޅޭއިރު ގައި ދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
  • ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތްދޮވުން، ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުން.
  • ބަލިޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑުމީހުން ބޭރުގައި އުޅޭއިރު އަދި ގިނަމީހުންގެ ތެރެއަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުން.
  • ކޮވިޑް ވެކްސިން ފުރިހަމަކުރުމާއި އަދި ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ބޫސްޓަރ ޑޮޒް ފުރިހަމަ ކުރުން.