ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެވޮޝިންގޓަނަށް ފުރާވަޑައިގެންފިއެވެ.

ރައީސް މުޙައްމަދު ނަޝީދުއެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި އަދި ކްލައިމެޓް ވަލްނަރަބްލްފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބްލް 20ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ އެމަނިކުފާނުގެ އެ ދަތުރުފުޅަކީ މިމަހުގެ 12 އިން 17 އަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

މީގެއިތުރުން އެ މަޖިލީހުން ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ވަލްނަރަބަލް ޓްވެންޓީ ގްރޫޕްގެ ރިޔާސަތުބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ Atta-Ofori Kenneth. E.H ވަނީ ޚާއްޞަދަޢުވަތުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ކަމަށެވެ.

އެގޮތުން، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) އިންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އައި. އެމް. އެފް. އާއި ވާރލްޑް ބޭންކް އަދިސީވީއެފް ގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ މިފަހަރުގެ ޝިޢާރަކީ "ފްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިންގ ފިޓް-ފޯރ-ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް ޑިވެލޮޕްމަންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން."އެވެ.