އިންޑިއާގައި އާދަޔާ ޚިލާފު ކަންތައްތައް ނުހިނގާނަމަ އިންޑިއާ އިންޑިއާއަކަށް ނުވާނެއެވެ. އިންޑިއާގެ ސިޔާސީ ފަންތީގައި އުޅޭ ފަރާތްތައް އެންމެ ގަޔާވާ ކަމަކީ، ތާކުން ތާކު ނުޖެހޭ ކަންކަމުގައި ބަހުސްކޮށް ބޮޑު ބަސްބުނެ ވަގުތު ނަގާލުމެވެ.

އިންޑިއާގައި ހަފްތާއެއް ފާއިތުވެ އަނެއް ހަފްތާއަށް ލައިގަންނަމުން ދަނީ ފޮނި ކާނާއެއް ކަމަށްވާ ލައްޑޫގައި ބޭނުންކޮށްފައިވާ ގިތެޔޮ އުފެއްދި ގޮތާ ބެހޭ ގޮތުން ޒުވާބު ކުރުމެއްގައެވެ.

މިމައްސަލަ ދިމާވެފައި ވަނީ އާންދްރަޕްރަދޭޝްގައި ބޮޑު ބަގުވާނެއް ބަހައްޓާފައިވާ މައި ފައްޅިއެއްގައި ދޭވަތާގެ ނަމުގައި ބަހާ ލައްޑޫގައި ބޭނުންކޮށްފައިވާ ގިތެޔޮ އުފެއްދުމުގައި ޖަނަވާރުގެ މާއްދާއެއް ހުރިކަމަށް ޝައްކު ކުރެވޭ ގޮތަށް ވާހަކަ ދެއްކުމުންނެވެ. ލައްޑޫގައި ބޭނުންކޮށްފައިވާ ގިތެޔޮ އައިސްފައި ވަނީ ގުޖުރާތުންނެވެ. އެ ގިތެޔޮ އުފެއްދީ އިންޑިއާގެ ކިރު އުފެއްދުމުގެ އެންމެ މަޝްހޫރު އަމުލް ޑޭރީންނެވެ.

ގިތެޔޮ އަދި ލައްޑޫއާ ބެހޭ މައްސަލަ މީޑިއާގައި ބަހުސްކޮށް ސިޔާސީ ޕޯޑިއަމްތަކުގައި ޒުވާބަކަށް ވުމަށްފަހު، މިހާރު އެ މައްސަލަ ވަނީ އިންޑިއާގެ ސުޕްރީމް ކޯޓާ ހަމައަށް ގޮސްފައެވެ. މިއަދު ސުޕްރީމް ކޯޓުގެ އިއްޒަތްތެރި ފަނޑިޔާރުން ވަނީ ލައްޑޫއާއި ގިތެޔޮ އަދި ގިތެޔޮ އުފެއްދުމާ މެދު އަގުހުރި ބަހުސްތަކެއް ކުރައްވާފައެވެ.

އެންމެ ފަހުން، ސުޕްރީމް ކޯޓުން ވަނީ މިމައްސަލާގައި ޝައްކު އުފެއްދުމަށް މެދުވެރިވެފައިވާ ބަޔާން ދެއްވި އަންދްރަޕްރަދޭޝްގެ ޗީފް މިނިސްޓަރާ ސުއާލު ކޮށްފައެވެ. އަދި ފަނޑިޔާރުން ވަނީ ޗީފް މިނިސްޓަރަށް ގިތެޔޮގައި ޖަނަވާރުގެ މާއްދާ ހުރިކަން އެނގުނީ ކިހިނެއްތޯ އައްސަވާފައެވެ. އަދި އެފެންވަރުގެ އާރުލާ ބޭފުޅަކު ރައްޔިތުންގެ ޝުޢޫރަށް އިޙުތިރާމް ކުރަން ވާނެ ކަމަށާއި ބަގުވާނުންނާއި ދޭވަތާއިން ސިޔާސީ މައްސަކަތާ މައްސުނިކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.