ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު، އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، އައްޑޫ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާ ކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންއިން ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދިވެހިރާއްޖޭގެ 157 ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކުންފުނިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ ކަރަންޓު ވިއުގަ އަދުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އަޕްގްރޭޑުކުރުމާއި، އައު އިންޖީނުތައް ރަށްރަށަށް ހޯދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ހިދުމަތްތައް ޒަމަނީ ކުރުމުގެ ގޮތުން ސްމާޓް މީޓަރު ގާއިމްކުރުމާ ސޯލާ ޓެކްނޮލޮޖީގެ ސިސްޓަމްތައް ރާއްޖޭގެ އަކި ހިސާބުތަކުގައި ގާއިމްކުރުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.