މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ ބޮޑެތި އަދަދުން ޓެކްސް ދައްކާ 43 ފަރާތެއްގެ ނަން ހާމަކޮށްފިއެވެ.

މިއީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން ކުރެވުނު ކަމެކެވެ. މީރާއިން ބޮޑެތި އަދަދުން ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ގިންތިކޮށްފައިވަނީ އަހަރެއްގެ ތެރޭގައި އެ ފަރާތެއްގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅުންހުރި ފަރާތްތަކެވެ. މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޖޫން 30 ވަނަ ދުވަސް ކަމަށް މީރާއިން ބުނެއެވެ.

މީރާއިން އިތުރަށް ހާމަކުރި ގޮތުގައި، ނަން ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އީމެއިލް، އެސްއެމްއެސް އަދި ފޯނުގެ ޒަރިއްޔާއިން މުޢާމަލާތުކޮށް، ޓެކްސް ބަޔާން ހުށަނާޅައި އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ހަނދާންކޮށްދީ، އެ އިލްތިޒާމްތައް އަދާކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ.

މީރާއިން އަންގައިފައިވާ ގޮތުގައި، ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައްވެސް ތަފާތުކުރުމެއް ނެތި އަޅަމުންގެންދާނެއެވެ. އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުންވެސް ލަސްނުކޮށް ޓެކްސް ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނައިފައިވާ ފަރާތްތަކުންވެސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުން ލިސްޓުން އެ ފަރާތުގެ ނަން އުނިކުރެވޭނެ ކަމަށް މީރާއިން ބުނެފައިވެއެވެ.