ކަސްޓަމްސްއިން، ޕާކިސްތާނުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން 4.98 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ވައިގެ މަގުން އިއްޔެ، ޕާކިސްތާނުގެ ކަރާޗީ އިން ރާއްޖެ އައި 53 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ފެނުނު ތަކެތި ކަމަށެވެ. އޭނާ އާމެދު ޝައްކުކުރެވިގެން ބެލިބެލުމުން އޭނާގެ ލަގެޖުން ބަރުދަނުގައި 4.98 ކިލޯ ހުރި ހިރޮއިން ފެނުނު ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. އެތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްިން ބުންޏެވެ.

އިއްޔެ ކަސްޓަމްސް އިން ވަނީ މިމަސްތުވާތަކެއްޗާއިއެކު އޭނާ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

އިއްޔެ އިތޯޕިއާ މަގުން ރާއްޖެ އައި އިންޑިއާގެ 56 އަހަރުގެ އަންހެނެއް ޗެކްކުރިއިރު އޭނާގެ އަތުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެ އަންހެންމީހާގެ އަތްދަބަހުން ކޮކެއިން އަދި ލަގެޖުން ހެރޮއިން ވަނީ ފެނިފައެވެ.