މަމްދުބެގެ ހަދިޔާ - (ލިޔުނީ؛ މަމްދޫހު އިބްރާހީމް)

އައްސަލާމް އަލައިކުމް. ވާހަކަ ކިޔަން ތިބި ކުދިންގެ ހާލު ކިހިނެއްތަ؟ ވަރަށް ރޯދަ ވަރުބަލިވެފަ ދޯ ؟ ތިކުދިންނަށް އެނގޭތަ މިއީ މަމްދުބެ ތިކުދިންނާ މިރޯދަ މަހު ބައްދަލުވާ އެންމެ ފަހު ހުކުރު ދުވަސްކަން. އެހެންވެ މަމްދުބެ ވަރަށް ދެރަވޭ. ރޯދަމަސް އެހާ އަވަހަށް ނިމޭތީ. އެކަމަކު އީދުވެސް އަންނާތީ އުފާވޭ. ތިކުދިންނަށް އެނގޭތަ މިއީ ރޯދަ މަހުގެ ފަހު 10 އެއްކަން. މި ދުވަސްތަކުގެ ތެރޭގައި އަހަރެމެންނަށް ކީރިތި ޤުރުއާން ބާވައިލެއްވުނުރޭ އަންނާނެކަން އެނގޭދޯ؟ އާނ! އެރެއަށް ކިޔަނީ ލައިލަތުލްޤަދްރި. އެރޭގައި ކުރާ އަޅުކަމުގެ ސަވާބު އެހެންރޭތަކާއި ދުވަސްތަކުގެ އަޅުކަމަށް ﷲތައާލާ ދެއްވާ ސަވާބަށްވުރެ ބޮޑުވާނެ. ތިކުދިންނަށް އެނގޭތަ ކިތައް ދުވަހުގެ ސަވާބާއި ދަރުމަ އެރޭގައި ލިބޭކަން. އާނ! އެރޭގެ ހާއްސަކަމަކީ އެރޭގެ އަޅުކަން ކުރުމަކީ 30،000 ރޭގައި އަޅުކަން ކުރުމަށްވުރެ ސަވާބު މަތިވެރި ކަމެއް ކަމަށް އަހަރެމެންނަށް ވަނީ އަންގާފައި. 30،000 ދުވަހަކީ ކިތައް އަހަރުކަން އެނގޭތަ ތިކުދިންނަށް. އެއީ 83 އަހަރާއި ހަތަރު މަސް ދުވަސް.

އެހެންވީމާ ހުރިހާ ކުދިންވެސް މިދުވަސްތަކުގައި ގިނައިން ޤުރުއާންކިޔަވައި ޒިކުރުކޮށް ދުޢާ ކުރަންވާނެ އިނގޭ. ރަނގަޅު މޮޅު، އަދި ބަސްއަހާ ކުއްޖަކަށް ވުމަށް އެދި، ސުވަރުގެ ލިބޭފަދަ ކުއްޖަކަށް ވުމަށް އެދި ގިނަގިނައިން ދުޢާ ކުރުން ރަނގަޅު. ﷲ ލޯބިވާފަދަ ކުއްޖަކަށްވޭތޯ ހުރިހާ ކުދިންވެސް ވާނީ މަސައްކަތްކުރަން އިނގޭ.

އެހެންވީމާ މިއަދުގެ ހާއްސަ ހަދިޔާއާގެން ކުރިއަށް ދަމާދޯ! ތި ހުރިހާ ކުދިނަށް ރީތި ވާހަކައަކަށް މިވާހަކަވެސް ވާނެކަމަށް މަމްދުބެ އުންމީދުކުރަން.

މިއަދު ގެ ވާހަކައިގެ އުޅެނީ ވަރަށް ތަފާތު މަސައްކަތް ތަކެއް ކުރާ އަންހެން ކުދިންތަކެކެވެ.

ފައިނާން އަކީ ސާދަ އަހަރުގެ އަންހެން ކުއްޖެކެވެ. ފައިނާން އުމުރުގެ ދެ އެކުވެރިންނަކީ ޝާލީ އާއި ލީނާއެވެ. ސްކޫލް ޗުއްޓީދުވަސްވަރު ރަށުން ބޭރަށް ނުދާތީ ފައިނާން ގޭގައި ކުރަނީ ވަރަށް ތަފާތު މަސައްކަތެކެވެ.

ވާހަކަ ކިޔަން ތިބި ކުދިންނަށް އެނގޭތަ އެއީ ކޮން މަސައްކަތެއް ކަން؟ ހިނގާ ވާހަކައިގަ ފައިނާން ކުރާ މަސައްކަތަކީ ކޮބައިކަން ބަލާލަން ދޯ!

ފައިނާން ކުރާކަމަކީ މުށި ޗަކައިން ކުދި ގުބުތަކާ ތަފާތު އެކި ތަށި ފަދަ ތަކެތި ހެދުމެވެ. އަދި އެކި ވައްތަރުގެ އަތްތެރި، ކަވި މަސައްކަތް ކުރުމެވެ. މިއީ ވަރަށްވެސް ތަފާތު މަސައްކަތެއްކަން ޔަގީނެވެ. މިބާވަތުގެ ތަށްޓާ ގުބު ހަދަނީ މުށި ޗަކައަކުންނެވެ. ނުވަތަ މިވައްތަރުގެ "ކްލޭ"އަކީ ޤުދްތަރުން ބައެއް ކޯރު ތަކުގައި އުފެދޭ ތަތް ކޮށް ހުންނަ ޗަކައެކެވެ. މިބާވަތުގެ ކްލޭއިން ތަފާތު އެކި ވައްތަރުގެ އެކި ސައިޒުގެ ބޯތައްޓާއި ބަނޑިޔަލާއި އަދި ގުބު ވެސް ތައްޔާރު ކުރެއެވެ.

ގުބަކީ ކޮންއެއްޗެއްކަން އިނގޭތަ؟ ގުބަށް އިނގެރޭސި ބަހުން ކިޔާނީ "ވާސް"(vase) ތި ކުދިންނަށް ވެސް ފްލާވާރ ވާސް އަކީ ކޮންއެއްޗެއްކަން އެނގޭދޯ! ވަރަށް މޮޅު.

ފައިނާން އަކީ މިސައްކަތުގެ އިތުރުން އެކިކަހަލަ ކުދިކުދި ބޮއްޔާއި ތަފާތު ކުދި "ބީޑްސް މިނާ" ވެލިފޮތި ކަހަލަ އެއްޗެހި ބޭނުން ކޮށްގެން އެކި ގަހަނާ ވެސް ތައްޔާރު ކުރާކުއްޖެއްވެސްމެއެވެ. އަދި ބައިވަރު ތަފާތު ފްރޭމްތަކާއި ގޭތެރޭގައި ޒީނަތަށް ބަހައްޓާ ކަހަލަ އެކި ވައްތަރުގެ ތަކެތިވެސް ހަދަން ވަރަށް މޮޅު ކުއްޖެކެވެ. ޝާލީ އާއި ލީނާވެސް ފައިނާންއަށް އެހީތެރިވެއެވެ.

ހުރިހާ ކުދިންވެގެން ފޭސްބުކް ޕޭޖެއް ހުޅުވިއެވެ. އަދި މި ކުދިންގެ ހުނަރުވެރި މައްސަކަތް ތަކުގެ ފޮޓޯތަކާ ވީޑިޔޯތައް އާންމުންނަށް ދައްކާލިއެވެ.

މިހެން މަސައްކަތް ކުރުމުގައި އުޅެމުން ކިޔެވުމުގައިވެސް ވަރަށް ބުރަކޮށް އުޅެމުން ދަނކޮށް، އެއްދުވަހަކު ފައިނާންއަށް މައުރަޒެއްގައި ބައިވެރިވާން ފުރުސަތެއް ލިބުނެވެ. އަދި ހުރިހާ އަންހެން ކުދިން އެކުވެގެން އެކި ކަހަލަ ތަކެތި ހަދާ މައުރަޒަށް ހުށަހެޅިއެވެ.

މި މައުރަޒުން އެންމެ ފަހުރުވެރި ރަން ވަނަ ލިބުނީ ފައިނާން ތައްޔާރު ކުރި ކްލޭ ފްލާވަރ ވާސްތަކާ ކުދި ބޮލީގައި ހަދާފައި ހުރި ގަހަނާ ތަކަށެވެ. ކިހާ ހިވާގި މުރާލި ކުއްޖެއްދޯ؟ އޭގެ ފަހުން ފައިނާންނަށް ކިޔަނީ "މިސް ފައިން" އެވެ. މިހާރު ފައިނާންއަކީ އެންމެންގެ ތެރޭގައި އެންމެ މަޤްބޫލު ޔަންގް އާޓިސްޓެކެވެ.

ވާހަކަ ކިޔަން ތިބި ކުދިންނަށް ވެސް ކުރަން އެނގޭ މަސައްކަތެއް ފަރުވާތެރި ކަމާއިއެކު ކުރަށްޗޭ! އިރާދަ ކުރެއްވިއްޔާ ހިތްވަރާއި އެކު މަސައްކަތް ކުރަންޏާ ތިގައި ތެރެއިންގެ ކުއްޖަކަށް ވެސް ރަންވަނައެއް ހާސިލް ކުރެވިދާނެ.އެވެ.